މުހައްމަދު އިސްމާއިލްގެ "ފައިސާ ގޯނި" މައްސަލަ ނުބަލަން ނިންމައިފި

"ފައިސާ ގޯނި" ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ތަހުގީގު ނުކުރަން ފުލުހުން ނިންމައިފި އެވެ.


އެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހެޅި ފަރާތަށް ސިޓީއަކުން މިގޮތަށް އަންގާފައި މިވަނީ، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ފުލުހުން އާއްމު ކުރުމަށް ފަހު އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެގި ފައިސާ ހިފައިގެން މަޖިލިހުގެ މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް މުހައްމަދު އިސްމާއިލް ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ބައެއް ޓީވީތަކުގައި ވާހަކަ ދައްކަވަމުން ވެސް، މެމްބަރުންނަށް ފައިސާ ބެހި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ މީހަކު ފުލުހުންނަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ މުހައްމަދު އިސްމާއިލް ބެހި ކަމަށް ވިދާޅުވި ފައިސާ އަކީ ކޮން ތަނަކުން ލިބުނު ފައިސާއެއްތޯ އާއި އަދި ކޮން ފަރާތަކުން ބުނެގެން، ކޮން ކަމަކަށް ބެހި ފައިސާއެއްތޯ ތަހުގީގު ކޮށްދިނުމަށެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލާއިރު، އެއްވެސް ފަރާތަކުން ގާނޫނީ ކުށެއް ކޮށްފައިވާ ނަމަ، ފިޔަވަޅު އަޅައިދޭން ވެސް އެދިފައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވި ސިޓީގައި ފުލުހުން ބުނީ މުހައްމަދު އިސްމާއިލާ ގުޅޭގޮތުން ހުށަހެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. ސިޓީގައިވާ މައުލޫމާތު އޭސީސީއާ ހިއްސާކޮށް، ނުބަލަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މުހައްމަދު އިސްމާއިލްގެ މައްސަލަ ފުލުހުން ނުބަލައިގެން އިދިކޮޅު ފަރާތްތަކާ އާއްމުންގެ ފާޑުކިޔުން އަމާޒުކުރުމުން، އޭނާ ވިދާޅުވެފައި ވަނީ "ފައިސާ ބެހި ކަމަށް" ވާހަކަ ދެއްކެވީ ސިޔާސީ ގޮތުން ކަމަށެވެ. އަދި އެ މައްސަލާގައި އޭނާ އޭސީސީ އަށް ހާޒިރުކުރުމުން، އެ ވާހަކައިގެ ތަފްސީލު ހިއްސާކުރައްވާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުހައްމަދު އިސްމާއީލްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ދައުވާކޮށް ޝަރީއަތް ފަށާފައި ވަނިކޮށެވެ.