ގާސިމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލަައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.


ސަރުކާރު ވައްޓާލަން ރޭވުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ގާސިމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކުރި މައްސަލަ އިސްތިއުނާފްކުރީ ގާސިމްގެ ފަރާތުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ އަޑުއެހުންތައް މިއަދު ފެށުމަށް ފަހު އެވެ.

ގާސިމްގެ ވަކީލުން ހައި ކޯޓުގައި ފާހަގަކުރި ގޮތުގައި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނެތުމާއި ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުއްވި ގާޒީ ކަމަށް ވާތީ އެވެ. އަދި ހެއްކެއް ނެތި ގާސިމް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އާއި އާންމުކޮށް ހުޅުވާނުލައި، ބަންދުގެ މަޖިލިސް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ނުކުތާ ވެސް ގާސިމްގެ ވަކީލުން ފާހަގަކުރި އެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ގާސިމް ހައްޔަރު ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިމަށް ވަނީ އުފުލައިފަ އެވެ.

މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ކުރިން ވެސް ގާސިމް ހައްޔަރުކުރި އެވެ. އެކަމަކު އެފަހަރު އޭނާ ދޫކޮށްލަން ހައި ކޯޓުން އެންގީ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ހުށަހެޅުމެއް ނެތި ގާސިމް ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާތީ އެވެ. އެކަމަކު ފަހުން ގާސިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅި ހުށަހެޅުމަކަށެވެ.