ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތަކާ އެކު، އިދިކޮޅު ޕާޓީތަކުން މ. ކުނޫޒުގައި ބާއްވަމުން އައި ސިލްސިލާ ޖަލްސާތައް އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަަ އެމްޑީޕީ ހަރުގޭގައި ރޭ ވެސް ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ.
ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި ގާސިމް ދޫކޮށްލުމަށް ކުރި ޝަރުތުތަކުގެ ތެރޭގައި، ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުތަކުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން ހިމެނެ އެވެ.
ކުނޫޒަކީ ގާސިމްގެ ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ ތަން ކަމަށް ވާއިރު، އެ ބިން ރަޖިސްޓަރީ ކޮށްފައި ވަނީ ގާސިމްގެ ނަމުގަ އެވެ. އެހެންވެ، ގާސިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކާއެކު ކުނޫޒުގައި ޖަލްސާތައް ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.
"މި ވަގުތަށް އަޅުގަނޑުމެން ބޭނުންވަނީ ޖަލްސާތައް ހަރުގޭގައި ބޭއްވުމަށް. އެކަމަކު ވަކީލުންނަށް ގޮތެއް ފެނުނުހާ އަވަހަކަށް ޖަލްސާތައް ކުނޫޒަށް ބަދަލު ކުރާނަން،" އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތަކުގެ ޖަލްސާތައް އެމްޑީޕީ ހަރުގެއަށް ބަދަލުކުރި އިރު ހަމަ އެ މަގުގައި، މާދުރު ނޫން ހިސާބެއްގައި ހުންނަ އެމްޑީއޭގެ ހަރުގޭގައި ސަރުކާރުގެ ކޯލިޝަންގެ ޖަލްސާތައް ވެސް ރޭ ވަނީ ފަށައިފަ އެވެ. މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން، އާ ހިތްވަރަކާ އެކު އަލުން މަސައްކަތް ފެށުމަށް ސިލްސިލާކޮށް ބާއްވާ ޖަލްސާތަކެއް ކަމަށް ސަރުކާރު ކޯލިޝަނުން ވަނީ ބުނެފަ އެވެ.