އަމިއްލަ ގޮތުން ގދ. ވާދޫ ރަށު ކައުންސިލަށް ކުރިމަތިލައްވައި އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓަކު އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
ތިން ކައުންސިލަރުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބުކުރެއްވި އަބްދުﷲ ރުޝްދީ އެމްޑީޕީއަށް ސޮއިކުރެއްވީ ރޭގަ އެވެ. އެ ރަށު ކައުންސިލްގެ އަނެއް ދެ ގޮނޑި ލިބިފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން ރުޝްދީ ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ސަރުކާރުން ކަންތައްތައް ކުރަމުން އަންނަ ގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.
"ރާއްޖެ ހަމަ މަގަށް އެޅުވުމަށް އެމްޑީޕީއާ ގުޅުނީ،" ރުޝްދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅުނަސް ރަށަށް ތަރައްގީ ގެނައުމާ ގުޅޭ ހުރިހާ މަސައްކަތެއްގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓަކު އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު، އެ ޕާޓީގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރެއްވި ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވަނީ ވިދާޅުވެފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބުކުރެއްވި ގިނަ ކެންޑިޑޭޓުން ޕީޕީއެމްއާ ގުޅުވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގޮނޑީގެ ގޮތުން އަދި ޖުމުލަ ވޯޓުން ވެސް ބޮޑު ތަފާތަކުން ކުރީގައި އުޅެނީ އެމްޑީޕީ އެވެ.