ބަންޖެއްގެ މައްސަލާގައި ޓީޗަރަކަށް ފިޔަވަޅު އަޅައިފި

ކުޑަކުދިންގެ ދުވަހު ގއ. ކަނޑުހުޅުދޫ ސްކޫލުގައި ބޭއްވި ހަރަކާތެއްގައި ކީ ބަންޖެއްގެ މައްސަލާގައި އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރަކު ގޭގައި މަޑުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.


"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހު 11 ވަނަ ދުވަހު އެ ރަށުގެ ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު ބޭއްވި ހަރަކާތެއްގައި ބެލެނިވެރިޔަކު ކީ އެބަންޖާ ގުޅިގެން ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲ ގޭގައި މަޑުކުރަން އެޑިޔުކޭޝަނުން އެންގީ އެއް މަހުގެ މުއްދަތަށެވެ.

ކަނޑުހުޅުދޫގެ ބައެއް ބެލެނިވެރިންނާއި ކައުންސިލުން ދެކޭ ގޮތުގައި އަޝްރަފު ހެދި އެ ބަންޖަކީ ސިޔާސީ އެއްޗެކެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ކައުންސިލުން ދެކޭ ގޮތް ރަނގަޅު ނޫން ކަމަށެވެ.

އެ ބަނދީގެ މައްސަލަ ބަލައިދިނުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ ކައުންސިލްގެ ފަރާތުންނެވެ. ނައިބު ރައީސް ޝަޒްނާ ހަސަން ސޮއިކުރަައްވާ ފޮނުއްވި ސިޓީއެއްގައި ބުނެފައި އޮތީ "ބެލެނިވެރިންގެ ފަރާތުން ހުށަހެޅި އައިޓަމެއްގައި، ސަރުކާރަށާއި (ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން) މެޑަމް ފާތުމަތު އިބްރާހިމްއަށް ބަދުބަސްތައް ބުނެ ފާޑުކިޔާފައިވާ ކަމަށެ"ވެ.

އެހެންވެ މިއީ އެ ކައުންސިލަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކަނޑުހުޅުދޫ ބެލެނިވެރިޔަކު ކީ ބަނދީގެ ތަންކޮޅެއް

"މިހާރަ"ށް ކޮޕީ ލިބިފައިވާ އެ ބަނދި ހަދާފައި ވަނީ "ސަންތިމަރިޔަނބު" ވާހަކައިިން ހިޔާލު ނަގައިގެންނެވެ. އޭގައި ޖީއެސްޓީ އާއި ބައެއް މީހުންގެ ހާލަތުގެ ވާހަކަ ހިމަނާފައިވެ އެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ސްކޫލުގެ ބެލެނިވެރިއަކު ކީ އެ ބަނދި ތައްޔާރުކުރީ އަޝްރަފު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގަައި ބަނދި ކިޔަން ފެށުމުން ސްކޫލުގެ ޕްރިންސިޕަލް ގޮސް، ބެލެނިވެރިޔާގެ އަތުން މައިކް އަތުލައި ސްޓޭޖް މަތިން ވެސްް ބޭލުވި އެވެ. އަދި އެކަމާ ދެން ތިބި ބެލެނިވެރިން ހިތްހަމަނުޖެހި ޕްރިންސިޕަލާއި ބައެއް ބެލެނިވެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި ވާހަކަ ދެއްކި އެހެން ބައެއް ބެލެނިވެރިން ބުނީ އެއީ މިޒަމާނުގެ ބައެއް ކަންކަން ހިމަނައިގެން މަޖާ ގޮތަކަށް ތައްޔާރުކޮށްފައިވާ ބަންޖެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބަންޖެއް ނޫން ކަމަށް ވެސް އެ މީހުން ބުންޏެވެ.

"ޖީއެސްޓީ ބަސް ހިމެނީމަ ބައެއް މީހުންނަށް ހީވީ މިއީ ސިޔާސީ ކަމެކޭ. މީގައި މެޑަމް ފާތުންގެ ނަން ވެސް އަދި އެކަމަނާކަން ދޭހަވާ އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ،" ކަނޑުހުޅުދޫ ސްކޫލުގެ ބެލެނިވެރިޔަކު ބުންޏެވެ.

މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ.