ލާމަރުކަޒީ ނިޒާމުގެ ބާރު އަނބުރާ ހޯދުމަށް ނަޝީދު އެދިވަޑައިގެންފި

ލާމަރުކަޒީ ނިޒާމުގެ ބާރު އަނބުރާ ހޯދުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިޓީ ކައުންސިލްތަކަށް އިންތިހާބުވި ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފި އެވެ.


އެ މަނިކުފާނު އެ ކަމަށް އެދިވަޑައިގަތީ، މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާ އިއްޔެ ފޯނު ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ އޮފީހުން ބުނީ އެ ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.

އައްޑޫ ސޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާ، ފޯން ކޮންފަރެންސް މެދުވެރިކޮށް ކުރީގެ ރައީސް ނަޝީދާ އިއްޔެ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

އެ ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާގައި، ކައުންސިލްތައް ބާރުވެރިކުރުވުމުގައި މާލީ ގޮތުން ފުދުންތެރިވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ވަސީލަތްތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ލިބެންޖެހޭނެ ކަމަށާއި އެކަމަށް މަސައްކަތް ކުރެއްވުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ފުވައްމުލަކު ސޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި މެމްބަރުންނާ، ފޯން ކޮންފަރެންސް މެދުވެރިކޮށް ކުރީގެ ރައީސް ނަޝީދު އިއްޔެ ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އެފަދަ ކަންކަމާއެކު ކައުންސިލްތައް ބާރުވެރިވެ، ލާމަރުކަޒީ ނިޒާމު ވަރުގަދަވުމަށް މަގުފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާުޅުވި އެވެ. އަދި އެކަން ކުރުމަށް ސިޔާސީ ޕާޓީތަކުން ކުރިމަގުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުންޏެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިި ގިނަ ގޮނޑިތަކެއް އެމްޑީޕީން ހޯދިއިރު ސިޓީ ކައުންސިލްތަކުގެ ވެސް ފުރިހަމަ އަޢުލަބިއްޔަތު ހޯދީ އެމްޑީޕީންނެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރު އަނބުރާ ހޯދުމަށް ނަޝީދު އެދިވަޑައިގެންނެވި އިރުު، ކައުންސިލްތައް މޮނީޓާ ކުރަމުން އަންނަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްފަ އެވެ.