އިގުތިސޯދަށް އެންމެ މުހިއްމީ ތަމްރީނު ލިބިފައިވާ މީހުން: ނައިބު ރައީސް

ރާއްޖޭގެ އިގުތިސޯދުގައި އެންމެ ޚާއްސަ އަދި އެންމެ މުހިއްމު ބަޔަކީ ތަމްރީނު ލިބިފައިވާ މީހުން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.


އޭ ލެވެލްގެ ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް އެވޯޑު ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ޒުވާނުންނަކީ ތަމްރީނު ލިބިފައިވާ ބަަޔަކަށް ހެދުމަށް މި ސަރުކާރުން ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ހޮސްޕިޓަލިޓީ އާއި ވިޔަފާރި އަދި އިންޖިނިއަރިން ފަދަ ދާއިރާތަކުން، މަތީ ސާނަވީގައި ސްކޫލުތަކުން ކިޔެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖިހާދު ފާހަގަކުރެއްވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ މުހިއްމު ވަސީލަތަކީ އިންސާނީ ވަސީލަތެވެ. އަދި އެ ވަސީލަތް މުއްސަނދި ކުރުމުގެ ދައުރު އެންމެ ފުޅާ ދާއިރާއެއްގައި އަދާކުރަނީ ތައުލީމް ކަމަށް، ސަރުކާރުގެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ނައިބު ރައީސް ވިދާޅުވި އެވެ.

މަތީ ސާނަވީ އިމްތިހާނުން ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް މަތިވަމުން އަންނަ ކަމަށާއި އެކަމުން ވެސް، ތައުލީމީ ދާއިރާ އިން ދިވެހި ދަރިވަރުން ކުރިއަރާފައިވާ މަންޒަރު ހާމަވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"..މައުލޫމާތު ލިބިފައިވާ ގޮތުގައި 2011 ވަނަ އަހަރު މަތީ ތައުލީމް ހާސިލް ކުރުމަށް ދެވެނީ 100 އަކުން ހަ ކުދިން. ނަމަވެސް މިހާރު އެ އަދަދު ވަނީ ސަތޭކައަކުން ބައްތިރީހަށް އަރާފައި. އަދި ސަރުކާރުން ކޮށްފައިވާ ޕްލޭނާ އެއްގޮތަށް ކަންތައްތައް ދާނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި އަދަދު 60 އިން ސައްތަ އަށް އަރާނެކަމަށް ލަފާކުރެވޭ. އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެ ކަމަށް،" ޖިހާދު ވިދާޅުވި އެވެ.

އޭ ލެވެލްގެ އިމްތިހާނުން ރަންވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ބައެއް ދަރިވަރުން އެވޯޑާއެކު، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޒާހިޔާ (މ) އާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެމަނިކުފާނު ވިދާޅުވީ ކިޔަވައި ދިނުމުގައި ބުރަކޮށް އުޅެމުން ވެސް ޓީޗަރުން އަމިއްލަ އަށް ކިޔަވަމުން އަންނައިރު، އެކަމުގެ ފޮނި ނަތީޖާ ލިބޭނީ ހަމައެކަނި އެ މީހުންނަށް ނޫން ކަމަށެވެ. އޭގެ އަސަރު މުޅި ގައުމަށް ވެސް ކުރާނެ ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.