އިދިކޮޅު ފަރާތްތަކުގެ ވަފްދުން ޖަރުމަނުގެ ސިޔާސީ ބޭފުޅަކާ ބައްދަލުކުރެއްވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިވަޑައިގެން. - ފޮޓޯ: ޝާހިދު
04 ޖޫން 2017 - 12:28
ޑިމޮކްރަސީ އަލުން އިއާދަކޮށް، ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް، ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީގެ އަރިހުން އިދިކޮޅު އިސް ބޭފުޅުން އެދިވަޑައިގެންފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އިދިކޮޅު ބޭފުޅުންގެ އިސް ވަފްދެއް ވަނީ މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ ވެރިރަށް ބާލިންގައި ޖަމީލާއާ ބައްދަލު ކުރައްވައިފަ އެވެ. އަދި ޖަރުމަނުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުންނާ ވެސް އެ ވަފްދުން މަޝްވަރާ ކުރި އެވެ.
ބާލިންގައި ހުންނަވައި "މިހާރު"އާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވީ ސިޔާސީ ވެރިންނާ މެދު ސަރުކާރުން ފިޔަވަޅު އަޅައި، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު ކަމެއް ނެތް ވާހަކަ އެ ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ބާރު ސަރުކާރުން ކަނޑުވާލައި، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަން ބައްދަލުވުންތަކުގައި ފާހަގަކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ޖާގަ ނެތުމާއި ހިޔާލު ފާޅު ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަމީލާ ވެސް ފާހަގަ ކުރެއްވީ މިއީ އޭނާ އަށް ނޭނގޭ އާ ކަންތައްތަކެއް ނޫން ކަން. އެކަމަކު އެ ކަންކަން ސަރުކާރުގެ ސަމާލު ކަމަށް ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
މިއީ ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައި ފަހުން، ދިވެހި ސަރުކާރުގެ އިސް ބޭފުޅަކު ނަޝީދާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
"އަޅުގަނޑުމެން އުންމީދު މި ކުރަނީ އިދިކޮޅު ފަރާތްތަކުގެ ޝަކުވާތައް ސަރުކާރުން އެހީ ކަމަށް. އެހެންވެ އެކަންކަން ހައްލު ކުރަން މަސައްކަތް ފެށީ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރާ، ނަޝީދު ބައްދަލުކުރެއްވިއިރު، އެ ގައުމު ވެފައި ވަނީ ރާއްޖޭގެ ޑިމޮކްރެސީ އަދި ސިޔާސީ ކަންކަމާ މެދު އެންމެ ކަންބޮޑުވާ އެއް ގައުމުގެ ގޮތުގަ އެވެ.
ނަޝީދާއި ޝާހިދުގެ އިތުރުން މި ވަފުދުގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އުމަރު އަބްދުލް ރައްޒާގާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޑރ. އާސިމް އަހުމަދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލާގެ ފަރާތުން އޭނާގެ ކޮއްކޮ އާދަމް އާޒިމެވެ.
ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ޖާގަ އިދިކޮޅު ޕާޓީތަކަށް ނެތް ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުގެ ވަފްދުން ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބައެއް މެމްބަރުންނާ މީގެ ކުރިން ހިއްސާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދޫބޭ
29 August 2017
ނޫހެއްގައި ޖަހަން ރަނގަޅު ވާހަކައެއް! ނަމަވެސް ޖަމީލާ އަލީއަށް އެކަމެއް ނުކުރެވޭނެ! އޭނާގެ މަޤާމުގެ ޒިންމާގެ މައްޗަށް ބުރަވެވޭނީ!
ގަބުނޯކަރު
27 August 2017
މިހާރު މިހިރީއަކީ ބަޔަކު ހަމަހޯބޯ ލަވާލާއިރަކަށް ބިރުވެރިހުވަފެން ފެނިގެން ތެޅިގަންނަޒާތު ރައީސެއްނޫން. ދުނިޔޭގެ ހަތަރުބިތުގައި ކުލަކުލައިގެ މީހުންއެއްކޮށްގެން ކިތަންމެވަރަކަށް ގުރޫޕުފޮޓޯ ނެގިއަސް މިރައީސްގެ އަޒުމު ގުޑުވައެއްނުލެވޭނެ. މިބައްރުގެ ގައުމުތައް ތަރައްގީކުރީ މިޒާތު ރައީސުން. އަންހެންވެރިންނާއިއެކު ބަދިގޭގައު ބަތްކައްކާކުޅޭ ރައީސުންނަކަށް މިކަމެއްނުވާނެ.
ބޫންބޫން
23 July 2017
ކަލޯ ހޭބަލިވާންވީނު
މަޖީ
06 June 2017
ޖަމީ ބައްދަލުކުރެއްވިޔަސް ޖަމީއަށް ކޮންކަމެއް ކޮށްދެޥޭނީ. ކުށްވެރިން ޖެހޭނީ ރީހެބުންއައިސް މިނިވަން ވާން. ޖަރުމަނަށް ގޮސްގެނެއް ނުވާނެ މިނިވަނެއް. ނަޝީދު ލަދެއް ހަޔާތެއް ނެތަތީ ތިހެން އުޅެވިދާނެ. ގައުމުގެ އެންމެންނަށް އެނގޭ އޭނަޔަކީ ގާޒީއަކު ލަފުގަ ހިފައިގެން ގެންދިޔުަމަށް އަމުރުކުރި އަދި އެކަހެރި ކޮށްފައި ބަހައްޓަން އަމުރުކުރި އަދި ބިރުދެއްކުމުގެ ގޮތުން ޕަބްލިކްގައި ވާހަކަދެއްކި މީހާކަން. ފެންނާން އަޑުއިވޭން އެބަހުރި. ދެން ސަލާމަތްވާން ޖަރުމަނުގަ ހުއްޓަކަސް ޖަރުމަނުން ކަންބޮޑުވިޔަސް ރާއްޖެއިން ކަންބޮޑުވަނީ އެފަދަ މުޖުރިމަކު ތިޔަފަދަ ބޮޑޭކިޔާ ގައުމަކުން ކުށްވެރިޔަކަށް ހިމާޔަތްދޭތީ
ގުރާބު
05 June 2017
ބަލަ ޖަރުމަނުގަ ހުރި ސަފީރުތަ އެވެރިން ހައްޔަރު ކޮށްގެން އެއުޅެނީ..
ކަސްނާ
05 June 2017
ކުށްވެރީން ވާނީ ކުށްވެރީންނަށް. އެމީހުންނަކަށް މާފް ދީ އަލުން މުޖުތަމަޢުގެ ތެރެއަށް ގެނެސް އެހެން މީހުން ހަލާކު ކުރާކަށް ގޮވާލާ ގޮވާލުމަކަށް އިޖާބައެއް ދެވިގެން ނުވާނެ. ވެރިކަން ނުލިބިގެން ފަރަންޖީންގެ ފަހަތުން ދުވިޔަކަސް ކުރާނެކަމެއް ނޯންނާނެ. ތީ ހަމަ ބޭކާރު ހަރަދުތަކަކާއި ހަކަތަތަކެއް. ރައީސް ޔާމީންގެ ސަރުކާރެއް ފާޑު ފާޑަކަށް ގުޑުވައެއް ނުލެވޭނެ. ޔާމީނުގެ ގަޔަކު އަދި ރެނދެއްނުލާ...ކީކޭތަ ހީވަނީ!!
އީޖޯ
05 June 2017
ކަމަކަށް އެދި މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް. ﷲ ސވތ އަށް ދުޢާދެންނެވުމަގަ ދެމިހުރީމު.
އޮޅުންބޮޅުން
05 June 2017
ޑިމޮކްރްސީ އަކީ ވަކިމީހެއްބާ؟ ނޫނީ ވަކި އޮފީހެއްތަ؟ ނޫނީ ވަކި ގަވާއިދެއްތަ؟ އޮޅިއްޖެ
ވާލުސޮރު
05 June 2017
ސިޔާސީ ލީޑަރުންވެސް ދެން މިހާރު ތަންކޮޅެއް ތަސައްރަފް ފުދެންވެއްޖެ. ތިޔަށްވުރެ މާ ރަނގަޅުވީސް ތަންވަޅެއް ހޯދައިގެން ރައީސް ގެ ގެކޮޅުގެ ބޮޑުކައްކާ މެދުވެރިކޮށް ތިޔަކަންވޭތޯ އުޅުނުނަމަވެސް. ގައިމުވެސް އޭރުން ޖަރުމަނަށް ދާން ތިޔަ ހޭދަކުރި ފައިށާކޮޅު ސަލާމަތްވީސް.
ކަރުންމަތީގެ ޑޮކްޓަރު
05 June 2017
އެހެންޏާފަހެ ޖަމީލާއަށް ވިއްޔަ ޖަލުގައި ތިބި ހުރިހާ ކުށްވެރިން ދޫކުރެވޭނީ. މިއީ ބޯގޯސް ބައެއްތަ އަޅެފަހެ.