ސަރުކާރުން އުޅެނީ ގާނޫނުން ވައްކަން ކުރުމުގެ ހުއްދަ ދޭން: އިދިކޮޅު މެމްބަރުން

ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، ކުރިން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރާ ގޮތަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ ގާނޫނުން ވައްކަން ކުރުމުގެ ހުއްދަ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމާ ބެހޭ ގާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވަނީ ބިޑު ކުރުމަކާ ނުލައި ތަންތަން ކުއްޔަށް ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްރަށާއި ބިން އަދި ފަޅުތައް ދޫކުރަން ވެގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މެމްބަރުން ވަނީ މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މި އިސްލާހަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް މެމްބަރަކީ ޝަރީފް. - ފޮޓޯ: މަޖިލިސް

މި އިސްލާހަށް ދެކޮޅުހައްދަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މިއީ ގާނޫނުން ވައްކަން ކުރުމަށް ހުއްދަ ދިނުން ފަދަ ކަމެކެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މި ކަން ތަހުގީގު ނުކުރެވޭ ވަރަށް ކަންކަން ސާފުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުތައް ބައްޓަން ކުރާ ތަން. ކޮރަޕްޝަން ހުއްދަ ކުރަން މަސައްކަތް ކުރާ ތަން،" ރޮޒެއިނާ ވިދާޅުވި އެވެ.

މި އިސްލާހުގެ ސަބަބުން ނިކަމެތި މީހާ އަށް ރަށްތައް ތަރައްގީ ކުރަން ކުރިމަތި ނުލެވޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ސަރުކާރަށް ނުވަތަ ވަކި މީހެއްގެ ޖީބަށް ފައިސާ ޖަމާ ކޮށްދެވޭނެ މީހަކަށް ރިސޯޓު ހަދަން ރަށްތައް ދިނުން ކަމަށް ރޮޒެއިނާ ތުހުމަތުކުރެއްވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނިހާނު. - ފޮޓޯ: މަޖިލިސް

ރާއްޖޭގައި މިހާރު ކަންކަން ކުރެވެނީ ވަކި ބައެއްގެ ޖީބަށް ބައި އެޅޭ ގޮތަށް ކަމަށާއި ރިސޯޓުތައް ކުއްޔަށް ދީގެން ލިބޭ ފައިސާ ވަކި ބައެއްގެ ޖީބަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ ޓޫރިޒަމް ގާނޫނުގައި އޮތް "ލޯވަޅެއް" ބޭނުން ކޮށްގެން ރާއްޖޭގެ ފަޅު ރަށްތައް ދޫކޮށްގެން ރިސޯޓު ހެދުމަށް އެއްވެސް ހަމައެއް ލަމައެއް ނެތި ހުޅުވައިލުމުން ބޮޑެތި ކޮރަޕްޝަންތައް ހިންގުމަށް މަގުފަހިވާނެ ކަމަށެވެ.

"އެއްވެސް ވަރަކަށް ހެޔޮ ނުވާނެ ބިޑްނުކޮށް ރިސޯޓު ތަރައްގީ ކުރަން ދޫކުރަން. ބިޑް ކުރުމެއް ނެތި މިކަން ކުރުމުން ލިބެނީ ކިހާ ފައިސާއެއް ކަމެއް ނޭނގޭ، ދެނީ ކޮން ރަށެއްކަން ނޭނގޭ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ބިޑް ކޮށްގެން ރަށްތައް ދޫކުރެވޭނެ ގޮތަށް ބާއްވަން ގޮވާލައްވައިފަ އެވެ. ހަމަ އެއާއެކު ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން އުޅޭތީ އެ ނިންމުން އަނބުރާ ގެންދިއުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އަދި އާންމު ރައްޔިތުންނަށް ހިއްސާ ވިއްކޭ ގޮތަށް އޮތް ނަމަ މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހަށް ތާއީދު ކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ރަށްރަށާއި ފަޅުތަކާއި ބިންތައް، ވަކި ހުދޫދަކާއި އުސޫލެއްގެ ތެރެއިން ވަކި މީހަކަށް ނާޖައިޒު ފައިދާ ނުލިބޭ ގޮތަށް ދޫ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަކީ ރައްޔިތުންނަށް ލިބޭނެ އުފަލެއް ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ސަރުކާރުން މަސައްކަތް ކުރަނީ ގެސްޓް ހައުސްގެ ވިޔަފާރި އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި.- ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން ބޭނުމެއް ނޫން ރަށްތައް ވަކި މީހަކަށް، ވަކި ކަމަކާ ގުޅުވާލާފައި ދޭކަށް، އެބަ އޮންނަން ޖެހޭ އުސޫލުތަކެއް. ގާނޫނުގެ ތެރެއިން ބިޑަށް ލިޔަސް ނުވަތަ ނުލި ކަމަށްވިޔަސް ވަކި އުސޫލުތަކެއް އޮންނަން ޖެހޭ. ގާނޫނުގެ ތެރެ އިން ހެދޭ ގަވާއިދުން ހުރިހާ ކަންކަމެއް ދާނީ ފުރިހަމަވެގެން،" ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވި ގޮތުގައި މި އިސްލާހާއެކު ރައްޔިތުންނަށް ފަޅުތަކާއި ރަށްތައް ގެއްލިގެން ނުދާނެ ކަން ޔަގީންވެގެން ދާނެ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ހުރި ދަތި ބައެއް ކަންކަން ހަމައަކަށް އެޅުވުމުގެ ފުރުސަތު ވެސް އިސްލާހުން ލިބިގެންދާނެ ކަމަށް ރިފާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި މި އިސްލާހުގެ ބޭނުމަކީ އެމްޑީޕީ ސަރުކާރުން ގެނައި ގެސްޓް ހައުސްގެ ސިޔާސަތު އެކީގައި އިނދަޖައްސާލުމެވެ. އަދި އިއުލާން ކުރުމަކާ ނުލައި ރަށްތައް ކުއްޔަށް ދޫކުރަން އުޅެނީ ވަކި ބަޔަކަށް ނާޖައިދު ފައިދާ ހޯދައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް ފަންސާހަކަށް ޑޮލަރު ޗާޖު ކުރާ ގެސްޓް ހައުސްތައް ހުރި އިރު، ގްރީން ޓެކްސްގެ ގޮތުގައި އެހާ ބޮޑު އަދަދެއް ނަގާ ނަމަ، ގެސްޓް ހައުސްތަކަށް ލިބޭ ފައިދާ އެއްކޮށް ދާނީ ސަރުކާރަށް ކަމަށެވެ. އެހެންވެ މި އިސްލާހަށް ދޭނީ "ސުމެއް" ކަމަށާއި މަޖިލީހުން މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ކޮމެޓީ މަރުހަލާގައި މި އިސްލާހު އިތުރަށް ދިރާސާ ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށް ވެސް ބައެއް މެމްބަރުން ގޮވައިލެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވި އެވެ. މި އިސްލާހު ފާސްވީ 35 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވި އެވެ.