ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އަންހެން މީހާގެ ބޮލުން ފޭބި ލޭތައް މަގުމަތީގައި. އަދި އެކްސިޑެންޓުވި ސައިކަލް މަގުގެ އެއް ފަރާތުގައި ޕާކްކޮށްފައި. - ފޮޓޯ: މިހާރު
09 ޖޫން 2017 - 16:53
ހުޅުމާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާން އަންހެންމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އެ އަންހެންމީހާ އަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ސީރިއަސް ހާލަތުގައި އޮތް އެ ޒުވާނާ ނޭވާލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އަފްއާލް ވިދާޅުވި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން 22 އަހަރުގެ އަންހެނަކަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، މެޝިންތަކުގެ އެހީގައި އިތުރު ފަރުވާ އަށް އެ ޒުވާނާ މާލެ ގެންދިޔައީ އޭނާގެ ހާލަތު އިތުރަށް ގޯސްވުމުންނެވެ.
ހުޅުމާލެ ފިތިރޯނު މަގުން، އެމްޕީއެލް ކައިރީ ރޭ 12:30 ހާއިރު ހިނގި އެކްސިޑެންޓުގައި ސައިކަލް ފަހަތުގައި އިން އަންހެން މީހާގެ އިތުރުން ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ފަޔަށް ވެސް އަނިޔާވި އެވެ. އެކަމަކު މީހާ އަށް ބޮޑެތި އަނިޔާތަކެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.
އެކްސިޑެންޓު ހިނގަން ދިމާވީ، އެ މަގުގައި އަޅާފައި ހުރި ބަމްޕަރެއްގެ މަތިން ދިޔަ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސްގެންނެވެ. އެއާއެކު، އަންހެން މީހާގެ ބޯ ތާރުގަނޑުގައި ޖެހި ވަނީ ފަޅައިގެން ގޮސްފަ އެވެ.
އެމްޕީއެލްގެ ވެހިކަލެއްގައި އަންހެންމީހާ ހުޅުމާލޭގެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް ގިނަ އަދަދަކަށް ލޭ ފޭބި އެވެ. އެކްސިޑެންޓު ހިނގި ސަރަހައްދުގައި ވެސް ބައިވަރު ލޭ ހުއްޓެވެ.
މި އެކްސިޑެންޓް ހިނގަން ދިމާވި ބަމްޕަރަކީ އެ މަގުގެ ކޮންސްޓްރަކްޝަން ސައިޓަކުން މޫދަށް ފެން ފޮނުވުމަށް މަގު ހުރަސްކޮށް އަޅާފައި ހުރި ހޮޅިތައް ފޮރުވުމަށް، އުސްކޮށް ހަދާފައިވާ ބަމްޕަރެއް ކަމަށްވެ އެވެ. ރޭގަނޑު ގަޑީގައި އެ މަގުގައި ދުއްވާފައި ދާއިރު، މަގުގައި މާބޮޑު އަލިކަމެއް ނެތުމުން ބަމްޕަރު ނުފެންނާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣައޙބ
10 June 2017
މީހުން ހިންގާ ނިންގާ ވެ އުޅޭ މަގުތަކުގަ ތިކަހަލަ ދަންތޫރަ ޖަހާތަ؟ 22 އަހަރުގެ އަންހެން ކުއްޖާ އެއޮތީ މަރުގެ ތުންފަތް މަތީގައި، ދެން ތިޔ ބަންޕަރު ހެދި ކޮން ބަޔެކަންވެން ނޭންގޭނެ އަދި ތިކަމައް ޒިންމާނަގާނެ މީހަކުވެސް މިރާޖެޔަކުނޫޅޭނެ.
އަލީ
10 June 2017
އަޅޭ... ބަލާނާދޭތަ އަދިވެސް؟
އލހ
10 June 2017
މިކަމުގަ ދެފަރާތުގެ އިހިމާލުވެސް އެބައޮތް. ފުރަތަމަކަމަކީ ބާރަށްދުއްވުން. ދެވަނަކަމަކީ ފެންހޮޅިއަޅަށް ބަންޕަރެއް ހެދިޔަސް އެތަން ރޯޑްމާކިން ދަވާދުން ކުރަހަންވާނެ. އެއިރުން ކިތަންމެ އަނދިރިޔަސް ސައިކަލުގެ ލައިޓް އެޅުނީމަ ދިއްލޭނެ. ސަމާލުވާން އެގޭނެ.
ފުރަސްޓުރޭޓަޑު ގުރެމާ ނާޒީ އަލީ
10 June 2017
މި ލިޔުމުގަ އެބައިން ކުރިން ލިޔުމުގަވެސް އިން އިމްލާ ކުށް. "އެކްސިޑެންޓު ހިނގަން ދިމާވީ، އެ މަގުގައި އަޅާފައި ހުރި ބަމްޕަރެއްގެ މަތިން ދިޔަ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސްގެންނެވެ." މި ޖުމްލައިގައި ފުރަތަމަ އިން 'ދިޔަ' އިނީމަ ޖުމްލައިން ބުނެދޭން އުޅޭއެތި ފަހުމް ވިޔަސް ޖުމްލަ ހަމައެއް ނުޖެހޭ.
އޮމްޕި
10 June 2017
އަންހެން ކުދިން ސައިކަލު ފަހަތައް އަރުވައިގެން ބާރު ސުޕީޑުގަ ދުއްވީމަ ހިތައް އަރަނީ ލައްކަ އެކޭ ދޯ ؟ މިހާރު އޮންނާނީ ބާރައް ދުއްވިފަ..
×ހުސގދތސފދއސ
10 June 2017
ލައިޓް ޖައްސައިގެން ދާނަމަ އެ ބަންޕަރު ފެންނާނެ
ޤައުމު
10 June 2017
ސްޓަންޓް ހެދޭ ވަރު މަދީ އަދިވެސް!
ޒާ
09 June 2017
ބާރަށް ދުއްވައިގެން ސައިކަލް ކޮންޓްރޯލް ނުވެ ބަންޕަރުން ކަހާލައިގެން ވެއްޓި އަހިޔާމީހާ ގޯސްވީ ބަންޕަރާއި ސަރުކާރު. ބާރު ސްޕީޑްގައި ދުއްވި މީހާގެ ކުށެއްނެތް. އިހަށް ދުވަހު ލޯންޗެއް ދުއްވާފައި ދަނިކޮށް ރަށެއްގެ ބޭރުގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި މީހުންނަށް އަނިޔާމީވާ ގޯސް ވީ ދޯނީގެ ކެޕްޓަން. ލޯންޗު ދުއްވި ކެޕްޓަންގެ މައްސަލައެއް ނެތް. މިހާލަތުގައި ކަންކަން ހުރީ.
އިސްމާއިލް
10 June 2017
މިރާއްޖޭގައި އޮންނަ ގަވާއިދަކީ، ބޮޑައް އަނިޔާ ވީމާހާ ކުށެއް ނޯންނަ އުސޫލް... ނޭގޭތީވެ ހަމަ ހައިރާންވެސްޖައިމު!
މެންޓަލް ކޭސް
09 June 2017
ހުޅުމާލެ ސޯލަރ އެނަރޖީ ބޭނުން ކޮށްގެން ރޭގަނޑު ދިއްލަންޏާ ކުރިއަށް އޮތްތަނުގަވެސް ވަރަށް ހިތާމަވެރި ހާދިސާތައް ހިނގުން އެކަށީގެންވޭ ކަރަންޓް ބޭނުން ކޮށްގެން ހަމަ ރަށުތެރެ ބޮޑަށް ދިއްލާފަ ބާއްވަންވީ، މި ދޭތެރެއިން ރޭޕް ކޭސްއެއް ވެސް ހިނގައިފި، އަދި މިހާރު ތި ދިއްލާފަ ހުންނަ ސޯލާ ބޮކި ތަކުގަ ހުންނަނީ ހަމަ ބަދިގެ އަލި
ޒައްން
10 June 2017
ކޮންތަނެއްގާ ސޯލާހަކަތައިން ދިއްލާފަހުރި ބޮކިހުރީ؟ ފެންނަފެނުމަށް ޒުވާނުންގެ ރަށުގައި ހުރީ ކަރަންޓުން ދިއްލޭ އެލްއީޑީ ބޮކި. އަލިމަޑުވާން ދިމާވާސަބަބެއްކަމަށް ލަފާކުރެވެނީ ފެންވަރުދަށް ބޮކި ހަރުކުރެވޭތީ
ޖަމަލޭ
09 June 2017
ސަރުކާރުން މަގުތަކަށް އެކަށީގެންވާ އަލިކަމެއް ނުދޭއިރު އެމީހެއްގެ ފުރާނަ އެމީހަކު ސަލާމަތްކުރަން ހެލްމެޓް އެޅުނޫން ގޮތެއްނެތް.
ސިރި
09 June 2017
މިކަންވެސް މިއެޅުވީ ސަރުކާރުގެ ބޮލުގައިދޯ؟ ހެދިފައިހުންނަ ގަވާއިދު ތަކަށް ހުރުމަތްތރެިކޮށް ހިތާނަމަ މިހެނެއް ނުވާނެ.