ށ. މިލަންދޫގައި އުމުރުން 21 އަހަރުގެ މާބަނޑު އަންހެނެއްގެ ޚަބަރެއް ނުވެގެން ކޮޓަރި ބެލިއިރު މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ރަށު ލިވަޕޫލް، ފާތުމަތު ޝަރުމާ މަރުވިއިރު އޭނާގެ ބަނޑަށް ހަ މަސް ކަމަށާއި ދެމައިން ވެސް މަރުވެފައިވާ ކަމަށެވެ.
މިލަންދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައީ، އާއިލާއާ ހަވާލާދީ ފުލުހުން ބުނާ ގޮތުގައި، ކޮޓަރި ތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެންނެވެ. އޭރު އޭނާގެ ހޭ ވެސް ނެތް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދެމައިން އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
"[ޝައްކުކުރެވޭ] އެއްވެސް ކަމެއް ޝަރުމާގެ ފަރާތުން ފާހަގަކުރެވިފައެއް ނުވޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިލަންދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އަލަތު ދަރިފުޅަށް ބަލިވެއިން ޝަރުމާއާ އެކު އެ ގޭގައި ދިރިއުޅެމުން އަންނަނީ އޭނާގެ މަންމަ ކަމަށެވެ. ޝަރުމާގެ ފިރިމީހާ އާއި ބައްޕަ މަސައްކަތް ކުރަނީ ރިސޯޓެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.
އަނބިމީހާގެ ކުއްލި މަރުގެ ހިތާމަވެރި ޚަބަރާ އެކު ފިރިމީހާ މިހާރު ވަނީ ރަށަށް ދިއުމުގެ މަގުމަތީގަ އެވެ.
"ކޮޓަރިއަށް ވަދެ ބެލިއިރު ޝަރުމާ ވެއްޓިފައި އޮތް ކަމަށް ވަނީ. ކޮޓަރީގައި މާ ގިނައިރު ވެގެން ޚަބަރެއް ނުވެގެން ބަލަން ވަނުމުން ފެނުނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ޝަރުމާގެ މަންމަ ހާލު ދެރަވެގެން ސިއްހީ މަރުކަޒުގައި ވަނީ އެޑްމިޓްކޮށްފަ އެވެ.
"ޑޮކްޓަރުން ބޮޑަށް ލަފާކުރަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވީ ކަމަށް،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ސިއްހީ ގޮތުން ރާއްޖެ އަށް ލިބިފައިވާ ކުރިއެރުމާ އެކު މި އުމުރުގައި ދިވެހިން މަރުވުމަކީ މިހާރު ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ.
ޝަރުމާގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައި ވަނީ މިރޭގެ ފަތިސް ނަމާދަށް ފަހު އެވެ.