އާޒިމް ކްރިމިނަލް ކޯޓުން ނެރެނީ: އޭނާގެ ބަންދަށް ހަ ދުވަސް ޖަހައިދިން
11 ޖޫން 2017 - 09:20
ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ނުކުރައްވާ ކަމަށާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމަށް ކުރަނީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާޒިމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ އެއްވެސް އަމަލެއް މިހާތަނަށް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އާޒިމްގެ ފަރާތުން އެއްވެސް ނުރައްކަލެއް މުޖުތަމައުއަށް ކުރިމަތިވެދާނެ ކަމަކަށް ގަބޫލުފުޅު ވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ބޭފުޅުން އެކިއެކި ތުހުމަތުތައްކޮށް، ފުލުހަށް ހާޒިރުކޮށް، ބަންދު ކުރުމަކީ އިސްލާހީ މަސައްކަތްކުރާ ބޭފުޅުންގެ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުން ކުރާ ސިޔާސީ ކަމެއް ކަމުގައި ނޫނީ ނުދެކެމެވެ،" ރާއްޖޭން ބޭރުގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އާޒިމް ވެސް ހައްޔަރުކުރީ ސިޔާސީ ގޮތުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވުމުގެ ބޭނުމުގަ އެވެ.
"ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ތުޙުމަތުތަކަކީ ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ގަބޫލުކުރެވެ އެވެ،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މައުމޫން ގޮވާލެއްވީ އާޒިމުގެ އިތުރުން ސިޔާސީ ގޮތުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށެވެ.
ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރަން ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގައި ހައްޔަރުކުރި އާޒިމްގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސު
11 June 2017
މައުމޫނަކީ ފުލުހެއްނޫނެވެ. އެނގޭނީ ތަގުގީގުކުރީމާތާއެވެ.
ޕޮކަންޑި މޭން
11 June 2017
ގުޅިފައިވާ ސިޔާސީ އިއްތިހާދުގެ ސްޕޯކްސް ޕާސަންއަކީ މިސްރުގައި ހަތްގަޑިއިރު ހިނގި ކަމަށް ބުނާ މައުމޫންތަ؟
ނޫނުއަލިފް
11 June 2017
ދެންމެތަ ތިކަން ހަނދާންވީ! މިހާދުވަހު ކީއްވެތަ އެއްޗެއްނުބުނެ ހުރީ!