އިސްމާއީލަށް މަރުގެ ތުހުމަތު ކުރަނީ ދޮގު ހެކިބަސް ނުދިނުމުން: އާއިލާ

އަނިޔާވެރިކޮށް މަރައިލި ޔާމީން ރަޝީދުގެ މަރުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ ފުލުހުން އާންމު ކޮށްފައިވާ ތިން މީހުންގެ ތެރޭގައިި ހިމެނޭ، މ. ޠާއިފް، އިސްމާއީލް ރަޝީދުގެ މައްޗަށް އެ ތުހުމަތު ފުލުހުން ކުރަނީ ވަކި ބަޔަކާ ދެކޮޅަށް ހެކިބަސް ދޭން އެއްބަސް ނުވުމުން ކަމަށް އިސްމާއިލްގެ އާއިލާ އިން މިއަދު ބުނެފި އެވެ.


ޔާމީންގެ މަރުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނަނީ، އިސްމާއީލްގެ އިތުރުން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައުލޫމާތު ފޮޓޯއާ އެކު ފުލުހުން ވަނީ ރޭ އާންމު ކޮށްފަ އެވެ.

އިސްމާއީލްގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމާއީލް ވެސް ކުށެއް ކޮށްފައިވާ ނަމަ އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ކަމާ މެދު ޝައްކު ކުރެވޭ ކަމަށާއި ތަހުގީގު މަރުހަލާގައި އެ އާއިލާ އަށް ފުލުހުން އެކި ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން އިސްމާއިލްގެ ވަކީލަކަށް އޭރު ހުރި ވަކީލު ބަދަލު ކުރުމަށާއި ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ކޮށްފި ނަމަ އިސްމާއިލަށް އެއްވެސް ދައުވާއެއް ނުކުރާނެ ކަމަށް، އާއިލާއާ ބައްދަލުކޮށް ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ދައުލަތުގެ ހެކިވެރިއަކަށް ވުމަށް އިސްމާއިލަށް ފުލުހުން ވަނީ ހުށަހަޅައިފަ އެވެ. ފުލުހުން ހުށަހެޅި އެ ހުށަހެޅުންތަކަށް އެއްބަސްވެއްޖެ ނަމަ "ހަމަ ތި އާއިލާއާ ހަމައަށް، ގެނައި ގޮތަށް އޭނާ ހަވާލު ކުރާނެ" ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ދޮގު ހެކިބަސް ދިނުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

ޔާމީން ރަޝީދު މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނާ ތިން މީހުން. ފޮޓޯ ޕޮލިސް

"މި މައްސަލަ ތަހުގީގު ކުރެއްވުމުގައި އިސްމާއީލް ރަޝީދާ މެދު ފުލުހުން ކަން ކުރައްވާ ގޮތުންނާއި ފުލުހުންގެ އަމަލުތައް ގެންގުޅުއްވާ ގޮތުން ނިކުންނާނެ ހަމައެކަނި ނަތީޖާއަކީ ޔާމީން ރަޝީދުގެ ހަގީގީ ގާތިލުން ސަލާމަތްވެ، ރައްކާތެރިކަމާ އެކު ސިއްރިއްޔާތުގައި ދެމިތިބުމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ތަހުގީގު މަރުހަލާގައި އިސްމާއީލަށް ފުލުހުން ވަނީ އެކި ކަހަލަ އަނިޔާކޮށްފަ އެވެ. އެގޮތުން މީހުން ބަންދު ކުރުން މަނާ ތަނެއް ކަމަށްވާ ފުލުހުންގެ މައި މަރުކަޒުގައި ތިން ދުވަސް ވަންދެން އޭނާ ބަންދުކޮށްފައި ބެހެއްޓި ކަމަށާއި ހުސް ފާރަކަށް ކުރިމަތި ކޮށްފައި ދެ ދުވަސް ވަންދެން އިސްމާއިލް ބެހެއްޓި ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކ. ކާށިދޫގައި ނަޖިސް ވައި ވަންނަ ގޮޅިއެއްގައި އޭނާ ބަހައްޓާފައިވާ ކަމަށާއި އެ ތަނުގައި އޭނާ ހުރި އިރު ބޯން ދިން ފެނަށް އަޅާފައި ހުރި އެއްޗެއްގެ ސަބަބުން ބޮލަށް ގޮތްގޮތްވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ރަނގަޅަށް ނިދަން ފުރުސަތު ނުދީ ދަންވަރު އިރުއިރުކޮޅާ ގޮވައި، މައްސަލައާ ގުޅޭ ގޮތުން އޭނާއާ ވާހަކަ ދައްކާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯ އެންމެ ފުރަތަމަ އާންމު ކުރިއިރު އިސްމާއިލްގެ ފޮޓޯ ހިމަނާފައި ނެތުމާއި އޭނާ ހައްޔަރު ކޮށްފައިވަނީ އެ ހާދިސާ ހިނގިތާ 15 ދުވަސް ފަހުން ކަމަށްވުމުން އޭނާއަކީ ނުރައްކާތެެރި މީހެއް ނޫންކަން އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފުލުހުން ރޭ ބުނެފައިވާ ގޮތުން ޔާމީން މަރާލުމުގައި ބައިވެރިވި ހުރިހާ އެންމެންނާ ދެކޮޅަށް އެކަށީގެންވާ ހެއްކާއި ގަރީނާ ވަނީ ލިބިފަ އެވެ. އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.