ހައްޖު ގްރޫޕްތަައް ކަނޑައެޅި މައްސަލަ އަލުން ކޯޓަށް ހުށަހަޅަނީ

މި އަހަރު ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތާ ބެހޭ ގޮތުން އެކްރޯ ކުންފުނިން ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، އެ މައްސަލަ އަލުން ދިރާސާކޮށް ކޯޓަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން މި އަހަރު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރާއި ޒައީ ގްރޫޕްގެ އިތުރުން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން، މިނިސްޓްރީގެ ނިންމުން ބާތިލުކޮށް އަލުން އިވެލުއޭޓް ކޮށް، ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމަށް އޭސީސީން އެންގި އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެސް މިނިސްޓްރީން ހައްޖު ގުރޫޕްތައް ކަނޑައެޅީ އޭސީސީގެ ނިންމުމާ ޚިލާފަށް، ކަމަށް ބުނެ އެ ނިންމުން ބާތިލު ކުރުމަށް އޭސީސީން ދެ ވަނަ ފަހަރަށް ވެސް އެންގި އެވެ.

ދެ ވަނަ ފަހަރަށް ވެސް ހައްޖު ގުރޫޕްތައް ކަނޑައެޅީ ކުންފުނިތަކުގެ ހުށަހެޅުންތައް އިވެލުއޭޓް ނުކޮށް ކަމަށް ބުނެ އެކްރޯ އިން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މިނިސްޓްރީން ވަނީ ތިން ވަނަ ފަހަރަށް ހައްޖު ގުރޫޕްތައް ކަނޑައަޅައިފަ އެވެ. މި ފަހަރު ގުރޫޕްތައް ކަނޑައެޅީ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި ކަމަށް މިނިސްޓްރީން ވަނީ ބުނި ނަމަވެސް، ހުއްދަ ދީފައި ވަނީ ދެ ވަނަ ފަހަރަށް ވެސް ހުއްދަ ދިން ހަތަރު ކުންފުންޏަށެވެ.

މިހާރު ހުއްދަ ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ.

"އަޅުގަނޑުމެން އަލުން މައްސަލަ ދިރާސާކުރުމަށް ފަހު އީދު ބަންދަށް ފަހު ކޯޓަށް ހުށަހަޅަން މި ދަނީ ތައްޔާރުވަމުން. އެހެންވެ، ކުރިން ހުށަހެޅި މައްސަލަ އަނބުރާ ނެގީ،" އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް އަލުން ކުންފުނިތައް ކަނޑައެޅީ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހުގައި ކަމަށް ބުންޏަސް އެއީ ދޮގެއް ކަމަށް އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއެކު ހަތަރު ކުންފުންޏެއް ކަނޑައަޅަން ޖެހެ އެވެ. ހައްޖު ކޯޕަރޭޝަނަކީ ބިޑް ކުރުމުގެ މަރުހަލާގައި ބައިވެރިވާ ބައެއް ނޫން ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ޕްރޮޕޯޒަލް ހުށައެޅުމުގެ ކުރިން ކުންފުނިތަކަށް އަންގާފައި އޮތީ 100 މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ޕްރޮޕޯޒަލަކާއި 100 މީހުންނަށް ބޭންކް ގެރެންޓީއެއް ހުށަހެޅުމަށެވެ. ކުންފުނިތަކުން އެތައް ލައްކަ ރުފިޔާގެ ހަރަދެއްކޮށްގެން ބިޑް ކުރީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މަތިން ޕޮއިންޓް ލިބެން ޖެހޭ ކުންފުނިތައް އެންމެ ފަހަތަށް ލާފައި އޮތީ. އަނެއްކާ އަޅުގަނޑުމެންނަކީ އެންމެ ދަށް އަގެއް ހުށަހެޅި ކުންފުނި. ހިތަށް އެރި ބަޔަކަށް މިފަހަރު ވެސް ދިނީ،" އޭނާ ވިދާޅުވި އެވެ.

އޭސީސީގެ އެންގުމާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ކީރިން މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ކުންފުނިތައް ކަނޑައެޅި އިސްލާމިކް މިނިސްޓްރީގެ ދެ އިއުލާން ބާތިލްކޮށް، އޭސީސީގެ އެންގުމާ އެއްގޮތަށް ކަމަށެވެ. އެހެންވެ ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް މިފަހަރު ވެސް ކަނޑައަޅާފައި ވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، އެތައް ބައެއްގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދުލުވެރިކަމާއެކު ބިޑްތައް އިވެލުއޭޓް ކޮށްފި ނަމަ، ހޮވޭނެ ތިން ކުންފުންޏަކީ މިނާ، އަލްޚައިރު، އެކްރޯ، މި މިހެން ބުނީ ހުށަހަޅާ އަގަށް 50 ޕަސަންޓު މާކްސް ލިބިފައި ޕްރޮޕޯސަލްގެ ހުރިހާ ކަމެއް ފުރިހަމަކަމާ އެކު ހުށަހެޅީ އެ ތިން ކުންފުނި ކަން ލިޔެކިޔުންތަކުން އެނގޭތީ،" އަހުމަދު ވިދާޅުވި އެވެ.