އެއްފަހަރާ ގިނަ މެމްބަރުންތަކެއް ޕީޕީއެމުން ވަކިކުރަން ފަސޭހައެއް ނޫން: ނިހާން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން ވަކިކުރަން ފަސޭހައެއް ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން "މިހާރު" އަށް ވިދާޅުވީ މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންނާ ގުޅުމުގެ މަސައްކަތް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުންނާ ވާހަކަ ދެއްކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނިހާން ނުދެއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ މައްސަލަތައް އެ ޕާޓީން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. އަދި އެ މެމްބަރުންނާ މެދު އަޅާނެ ފިޔަވަޅެއް އެނގޭނީ މައްސަލަތައް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށް ނިހާން ވިދާޅުވި އެވެ.

"ބައެއް މެމްބަރުން ތައިލެންޑާއި ލަންކާގައި ތިއްބެވި ކަމަށް ވަނީ. ސޮއިކުރެއްވި ބައެއް މެމްބަރުންނާ ގުޅުނު. ސޮއި ކުރި މައްސަލަ ދިރާސާކޮށްފައި އަޅާނެ ފިޔަވަޅުތަކެއް އެނގޭނީ،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވުމާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ ޕީޕީއެމުން މީގެ ކުރިން މެމްބަރުން ވަކިކޮށްފައިވެ އެވެ.

މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުން:

- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު - ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު - މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ - ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ - ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު - ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު - މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) - ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ - އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)

މަސީހާ ދެކޮޅަށް މަޖިލީހަށް ވެއްދި މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ ޕާޓީން އިއްޔެ ވަކިވެފަ އެވެ. އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ވަނީ އޭނާގެ ނަމުގައި އޮތީ ވަގު ސޮޔެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ބެލުމަށް އޭނާ ފުލުސް އޮފީހަކަށް ވެސް ވަޑައެއް ނުގަންނަވަ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު މިއަދު ވަނީ އެ މަގާމުންނާއި ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި މިހާތަނަށް ވަގު ސޮއިގެ މައްސަލަ މީޑީއާގެ ސަމާލު ކަމަށް ގެންނެވީ އަހުމަދު ރަޝީދު އެކަންޏެވެ. އަދި އިތުރު މެމްބަރެއްގެ ފަރާތުން އެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.

ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ސައުދުﷲ ރޭ ވަނީ މަސީހު މަގާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ލިސްޓުގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. ސޮއިކުރެއްވި އެހެން މެމްބަރުން މީޑިއާގައި އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.