ރައީސްގެ ހުރިހާ އުންމީދަކީ ސުޕްރީމް ކޯޓު، ބޭނުމަކީ ވެރިކަމުގައި ދެމިހުންނެވުން: އިދިކޮޅު މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި އަދި ރައްޔިތުންގެ ތާއީދު ވެސް ނެތްކަން ރައީސް އަބްދުﷲ ޔާމީން ރޭ މީޑިއާގައި ދެއްކެވި ވާހަކަފުޅުތަކުން ސާފުވެއްޖެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ސުޕްރީމް ކޯޓުން ފުލުފުލުގައި އަމުރުތައް ނެރެގެން ވެރިކަމުގައި ދެމިހުންނެވުން ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، ވެރިކަންކުރާ ޕީޕީއެމާ ގުޅިވަޑައިގަތުމަށް އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް އިދިކޮޅު މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޚާއްސަކޮށް އެމަނިކުފާނު ވި އިއުތިރާފްތަކާއި ރައްޔިތުންނަށް އަނިޔާވެރިވުމަށް ދެމިހުންނަވަން ބޭނުންވި ވަރު އެ ވާހަކަފުޅުތަކުން ސާފުވި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅުން އެނގިވަޑައިގަތީ ރައްޔިތުންނަށް އިތުރަށް އަނިޔާވެރިވާން ބޭނުންފުޅުވެފައިވާ މިންވަރެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލުމުން، މިހާރު އޮތް ހަމައެކަނި އުންމީދަކީ ސުޕްރީމް ކޯޓު ކަން ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރީކޯ މޫސަ ޕީޕީއެމަށް ސޮއިކުރުމަށް ރޭ ބޭއްވި ހަފުލާގައި ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ރައްޔިތުންގެ ތާއީދު ނެތް ކަން ރައީސް ޔާމީން ގަބޫލު ކުރައްވާ. ރައީސް ބޭނުން ވަނީ ސުޕްރީމް ކޯޓުން އަމުރުތައް ނެރެގެން ވެރިކަމުގައި ހުންނަވަން،" ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތަކާ ގުޅިގެން އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި ރައީސް ޔާމީން ވިދާޅުވީ މަޖިލީހުން މަސީހް ވަކިކުރިޔަސް، އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިދިޔަ ހޯމަދުވަހު ވަނީ އެދިފަ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ދިފާއުގައި ވެސް ރައީސް ޔާމީން ރޭ ވާހަކަފުޅު ދެއްކެވި އެވެ.

ރިޔާޒް ވިދާޅުވީ މަސީހް ވަކި ކުރަން މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެކަމާ މެދު ސުޕްރީމް ކޯޓުން ފަހު ބަސް ނުބުނެވޭނެ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ހުކުމުގައި، މަޖިލީހުގެ ރައީސްގެ ވޯޓުގައި ގޮތެއް ކަނޑައަޅާނީ އެ ކޯޓުން ކަމަށް ބުނެފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ބުނެފައިވޭ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރަން މަޖިލީހުން ފާސްކޮށްފިނަމަ، މަގާމުން ވަކިވާނެ ކަމަށް. މިހާ ސާފުކޮށް އޮތް ކަމެއް މިއީ،" ރިޔާޒް ވިދާލުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅުތަކުން އެމަނިކުފާނު ގޮތް ހުސްވެފައިވާ މަންޒަރު ރައްޔިތުންނަށް ސާފުވި އެވެ. އަދި ސިހުރު ހަދަން ގެނައި ކަމަށް ބުނާ، ސްރީ ލަންކާގެ އަސޭލާ ކިޔާ މީހަކާ ބައްދަލު ކުރެއްވި ކަން އެއްބަސްވެވަޑައިގެންނެވި ކަން ރިޔާޒް ފާހަގަކުރެއްވި އެވެ. އަދި ކޯޓުތަކުގައި ކޮރަޕްޝަން އޮންނަ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ރައްޔިތުންގެ މަޖިލިހުން އަޒުލު ކުރެވިދާނެ ކަމަށް ގަބޫލުފުޅު ކުރެއްވީ، ކުރިއަށް އޮތް ތަނުގައި ގިނަ މެމްބަރުންތަކެއް އެމަނިކުފާނާ ފެއަށް ޖެހިވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ އިސް ކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ މަސީހް މަގާމުން ވަކި ކުރުން ކަމަށާއި އެކަން ކާމިޔާބު ކުރާނެ ކަމަށް އަމީތު ވިދާޅުވި އެވެ.

"ރައީސް އަޒުލު ކުރެވިދާނެ ކަމަށް ގަބޫލު ކުރީ، ޕީޕީއެމުން މެމްބަރުން ވަކިވަމުން ގޮސް، ގިނަ މެމްބަރުން ހިނގައިދާނެ ކަން ރައީސަށް އެނގިވަޑައިގަންނަވާތީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މަސީހް މަގާމުން ވަކިކޮށް، މިނިވަން ކަމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރެވޭނެ މާހައުލެއް ގާއިމު ކުރެވޭތޯ ބަލަން. އަދި ސަރުކާރު ޒިންމާދާރުކުރަން."