ހާމަކުރި މައުލޫމާތުން އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެވަޑައިގެންފި

ބޮޑު ތިންކުށެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އާއްމު ކުރައްވަމުން ގެންދަވާ މައުލޫމާތުތަކުގެ ސަބަބުން އެ މަނިކުފާނަށް ނުރައްކަލެއް ވެދާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


އަދީބަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ލިޔުއްވީ ކޯޓެއްގެ ފަނޑިޔާރެއް ނޫން ކަމަށާއި އެކަން ހިނގި ގޮތް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވަނީ ހާމަކުރައްވައިފަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އުޅުއްވި ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އެ ހަތިޔާރާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. ނަޝީދާއި ނާޒިމާ ގުޅޭ އެ ދެ މައްސަލައިގެ ހަގީގަތް ސުޕްރީމް ކޯޓަށް ވިދާޅުވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީއެއްގައި އަދީބު ވަނީ ވިދާޅުވި އެވެ.

މީގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ގެއްލުނު ފައިސާއަށް ވީ ގޮތް، ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެކަމުގެ ބައެއް ވާހަކަތައް ވެސް އަދީބު ވަނީ މި ހަފުތާގައި ހާމަކުރައްވައިފަ އެވެ.

މި ހުރިހާ ކަމަކާ ގުޅުވައިގެން، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި އަދީބުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އާއްމުކުރި މައުލޫމާތުގެ ސަބަބުން، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އަދީބަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއާ ގުޅޭގޮތުން އަދީބު ވިދާޅުވީ އެ ފައިސާގެ 80 ޕަސެންޓް ރައީސް ޔާމީން އަތްޕުޅުގައި މިހާރު ވެސް ހުރި ކަމަށާއި އެތަނަށް ލިބުނު ފައިސާގެ އަދަދާއި އެ ފައިސާއާ މެދު އަމަލު ކުރަމުން ދިޔަ ގޮތް ރައީސް ޔާމީނަށް އޮޅިވަޑައިގެންފައެއް ނޯންނާނެ ކަމަށެވެ.