ރައީސް ޔާމީނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.


އިިދިކޮޅު ޕާޓީތައް ހިމެނޭ އިއްތިހާދުގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ހިންގެވި ކަމަށް ތުހުމަތުކުރާ މި މައްސަލަތައް ހުށަހެޅީ ހެއްކާ އެކުގައި ކަމަށެވެ. އޭގެ އިތުރުން އެކި ޖަލްސާތަކުގައި އެމަނިކުފާނު ދައްކަވާފައިވާ ދީނާ ހިލާފު ވާހަކަތައް، ކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭސީސީއަށް މައްސަލަ މި ހުށަހެޅީ ހެއްކާ އެކު. އެހެންވެ އުއްމީދުކުރަނީ ކަމާ ބެހޭ މުއައްސާސަތަކުން މި މައްސަލަތައް ބަލާނެ ކަމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލަތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރައީސް ޔާމީންއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅި އިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ގެއްލުނު 1.2 ބިލިޔަން ރުފިޔާއަށް ވީ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް މިހާރު ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ފައިސާގެ 80 ޕަސެންޓް ރައީސް ޔާމީން އަތްޕުޅުގައި މިހާރު ވެސް ހުންނާނެ ކަމަށެވެ.

އަދީބު އެގޮތަށް ބަޔާން ނެރުއްވީ ޕީޕީއެމްގެ ހަފުލާއެއްގައި ރައީސަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި، އަދީބަށް ރާއްޖެ އިން ބޭރުން ސިއްހީ ފަރުވާ ހޯދުމުގެ ފުރުސަތު ލިބޭނީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯއްދަވައިދެއްވުމުން ކަމަށް ވިދާޅުވުމުންނެވެ.

އަދީބުގެ ސިއްހީ މައްސަލަތަކެއް ހުރުމުން ކަމަށް ބުނެ އޭނާ ރާއްޖެ އިން ބޭރަށް ގެންދަން އާއިލާ އިން ވެސް ވަނީ އެދިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުުޅިގެން ސިޔާސީ އިދިކޮޅު އެތައް ބައެއްގެ ބޮލުގައި ސަރުކާރުން ގެންދަނީ ތަފާތު ތުހުމަތުތައް އަޅުވައި، ބަންދުކޮށް، ދައުވާކުރަމުންނެވެ. އެގޮތުން މިއަދު ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫން ހައްޔަރުކޮށްފަ އެވެ.

ފާރިސް ދިރިއުޅުއްވާ ގެ ފާސްކުރަން ފުލުހުން ތިން ގަޑިއެއްހާ އިރު ހޭދަކޮށް އެންމެ ފަހުން އޭނާ ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔައީ މަސީހުގެ ވޯޓަށް ނުފޫޒު ފޯރުވުމާއި މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވިކަމުގެ ތުހުމަތުގަ އެވެ.

އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތް ފެށެން މިދިއަަ އާދިއްތަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް އޭނާގެ ހާލު ދެރަވެގެން ހޮސްޕިިޓަލްގައި އެޑްމިޓްކުރި އެވެ. މިހާރު އޭނާ އޮންނެވީ އޭޑީކޭގެ އައިސީޔޫގަ އެވެ.