ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮމިޝަނެއް އުފައްދައިފި

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކޮމިޝަނެއް އުފައްދަވައިފި އެވެ.


ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޕްރެސް ބްރީފިންއެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އިއުލާން ކުރެއްވި ގޮތުގައި، ކޮމިޝަނަށް އައްޔަން ކުރެއްވީ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު މުޖުތާޒާއި ހަދީޖާ ހުސައިނާއި އިބްރާހީމް މަހްފޫޒް އަދި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ. ކޮމިޝަންގެ ރިއާސަތު ބަލަހައްޓަވާނީ މިނިސްޓަރު އަޒްލީނެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް އުފެއްދި މި ކޮމިޝަންގެ ބޭނުމަކީ އަނިލް ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓްތަކުގަ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން އާ މައްސަލަތަކެއް ނުބަލާނެ ކަމަށާއި އެކަން ބަލާނީ މިިނިވަން މުއައްސަސާތަކުން ކަމަށެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ރިޔާސީ ކޮމިޝަން އުފެއްދިކަން ބަންޑާރަ ނައިބު އަނިލް މިއަދު އިއުލާން ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މި ކޮމިޝަންގެ މައިގަނޑު ބޭނުމަކީ ދައުލަތަށް ލިބެންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހުރުމާއެކު އެ ފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރުން. އެ ފައިސާ ބުރަ މަސައްކަތުން ހޯދުން،" މީޑިއާ އަށް ސުވާލު ކުރުމެއް ނެތި ބޭއްވި ބްރީފިންގައި އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ" އުފެއްދެވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވައި، ރައީސް ޔާމީނަށް އެރުވި ލަފާގެ މަތިން ކަމަށެވެ. އެ ކޮމިޝަން އުފެއްދީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)ގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ މަތިން ކަމަށް އަނިލް ވިދާޅުވި އެވެ.

ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެމްބަރުންގެ ތެރެއިން މުޖުތާޒް (ވ) އަދި ހަދީޖާ ހުސެއިން.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރުމާއެކު އެ ފައިސާ ހޯދަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެ ކޮމިޝަނުން އަޅާނެ އެވެ.

"އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުތައް ބަލައި ފިޔަވަޅު އެޅުމާއި އެކަން ކުރަން މުއައްސަސާތަކަށް އަންގަން ޖެހޭ އެންގުންތައް ހިމެނޭ. އަދި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ވެސް ލިބިދީފައިވޭ،" އޭނާ ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ މައްސަލަ ބެލުމަށްޓަކައި މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ބަޔާން ނެގުމުގެ ބާރު ވެސް ކޮމިޝަނަށް ދީފައިވާ ކަމަށެވެ. މައްސަލަތައް ނިމުމުން، ފިޔަވަޅު އަޅަން މުއައްސަސާތަކަށް ފޮނުވުމުގެ ބާރު ވެސް ކޮމިޝަނަށް ދީފައިވެ އެވެ.

އެ ކޮމިޝަނުގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޕްރޮސިކިއުޓަ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހަޅަން ޖެހެ އެވެ.