ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑު އެހުމަށް ފާރިސް މިއަދު ކޯޓަށް ހާޒިރުކުރުމުން މައުމޫން ފާރިސްއާ އެކު: ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި މީހުން ކަމަށް މައުމޫން ވިދާޅުވި.
23 ޖުލައި 2017 - 23:36
ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ޝަހުސް އޮޅުވާލުމުގެ ދައުވާ އުފުލާފައިވާއިރު، ހަގީގަތުގައި ޝަހުސް އޮޅުވާލީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން އައިސް ޕީޕީއެމް ހައިޖެކްކުރި މީހުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއޭ އަކީ މައުމޫންގެ ސަރުކާރުގެ ދުވަސްވަރު، އެމަނިކުފާނާ ދެމެދު ސިޔާސީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ އެކެވެ. ރައީސް ޔާމީންގެ އަރިހުގައި ޕީޕީއެމްގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އޭރު ޕީއޭ ހިންގުމުގައި އުޅުއްވި ބޭފުޅުން އެބަތިއްބެވި އެވެ.
ޕީޕީއެމް ހައިޖެކް ކޮށްގެން އުޅުއްވަނީ ޕީއޭ އިން ވަޑައިގެންނެވި ބޭފުޅުން ކަމަށް ވިދާޅުވެ، މިރޭގެ ޖަލްސާގައި މައުމޫން އިޝާރާތް ކުރެއްވީ އެ ބޭފުޅުންނަށެވެ.
ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގައި އެމަނިކުފާނު ފަސް އަހަރުގެ ދައުރަކަށް ހޮވާފައިވާތީވެ ޕާޓީގެ ރައީސްގެ ނަމުން އެމަނިކުފާނާ ގިނަ ބަޔަކު އަދިވެސް މުހާތަބު ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، އެމަނިކުފާނަށް އެގޮތަށް މުހާތަބުކުރާ މީހުންނަށް ޝަހުސް އޮޅުވާލުމުގެ ދައުވާ ނުއުފުއްލަވާނެތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫންގެ އަތްޕުޅުން އަތުލައި، ޕާޓީގެ ރައީސް ކަމުގެ މަގާމުން ވެސް ވަނީ ވަކިކޮށްފަ އެވެ. އެއީ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފު ނިންމުމަކަށްވާތީ އެކަން ގަބޫލު ނުކުރައްވާނެ ކަމަށް މައުމޫން މިރޭ ވެސް ވިދާޅުވި އެވެ.
މައުމޫން ފާހަގަކުރެއްވި ގޮތުގައި ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލުމުގެ ދައުވާ އުފުލީ ޕީޕީއެމްގެ ދިދައެއް ހުރި ތަނެއްގައި އިށީންނެވުމުންނެވެ. އެއީ އިންސާފެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި ޕީއޭ މީހުން. ޕީޕީއެމްގެ ވިސްނުމާއި ފިކުރުގައި ސަރުކާރާއި އެތަން މިތަނަށް ހޮވި އަމަލުކުރަނީ ޕީޕީއެމްގެ ވިސްނުމާއި ފިކުރާ ހިލާފަށް. ހަގީގަތް ފޮރުވުމަށް އެހެން ގަމީހެއް ލައްވައިގެން ޕީއޭ ބަޔަކު ތިބީ. މހާރު އެތިބީ އަސްލަށް ރުޖޫއަވެ، އެހެންވީމާ ކާކުތޯ މިތަނުން ޝަހުސް އޮޅުވާލީ،" މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޝްވަތުގެ ތުހުމަތުކޮށް، ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަމުން ދަނިކޮށް އޭނާ ހައްޔަރުކުރަން އިތުރު އަމުރެއް ނެރުނީ އެ ގެއިން އެއްޗެހިތަކެއް ފެނުނު ކަމަށް ދެއްކުމަށެވެ. އެކަމަކު ފާރިސްއާ މެދު ކޮށްފައިވާ ތުހުމަތުތަކާއި އުފުލާފައިވާ ދައުވާ އަކީ ވެސް އިންސާފުން ބޭރު އަމަލެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފާރިސްއާ މެދު އަމަލުކުރަމުންދަނީ، ވަރަށް ފަހުން އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ޚިލާފަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި 45 މެމްބަރުން ސޮއި ހޯއްދެވުމަށްޓަކައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުދަ ދުވަހު އަމުރުކޮށްފަ އެވެ.
ފާރިސްގެ މައްޗަށް ކުރާ ރިޝްވަތުގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ. އެ މައްސަލައިގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އެ މައްސަލާގައި މިހާތަނަށް ވަނީ އިބްތިދާއީ ދެ އަޑުއެހުމެއް ބާއްވައިފަ އެވެ.
ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި މައުމޫން ވިދާޅުވި ގޮތުގައި ފާރިސްއެކޭ އެއްގޮތަށް އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންނަށް އަދަބު ލިބެމުންދާއިރު، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް މިހާރު ފެންނަމުން ދަނީ ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާ މަންޒަރެވެ. އެންމެ ބޮޑު މައްސަލައަކީ ގާނޫނީ ހުކޫމާތު ނުދެމެހެއްޓުން ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތައް ފެށެނީ އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ސަރުކާރަށް ވެސް އޮންނާނީ ރައްޔިތުން ދިން ބާރުތަކެއް ކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ މިނިވަން ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ވަކި ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ އެ ހައްގު ވެސް މަނާކުރަމުންދާ ކަމަށެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވެރިކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަން މައުމޫން ފާހަގަކުރެއްވި އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމަލުކުރުމުގެ ހައްގެއް ނެތް ކަން ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލުފުޅުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަން ވޯޓު ދޭން ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ހެޔޮ ނިޔަތަކާ އެކުގައި ނަމަވެސް، އެމަނިކުފާނުގެ އަމަލުތައް ހުރީ ރައްޔިތުންނަށް އަނިޔާވެރިވާ ގޮތަށް ކަމަށް ވިދާޅުވެ މައުމޫން މިރޭ ވަނީ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޑު
24 July 2017
މަނިކުފާނު ތިޔަބުނުއްވީ ހަގީގަތުގައިވެސް ހަމަތެދެއް އެނީތޯ ފީފީއެމް އުފެއްދި ހަގީގީ ބާނީއަކީ ހަމަމައުމުނުކަން ދިވެހިއެއްވެސްރައްޔިތަކު ދެބަހެއްނުވާނެ އެހެނެއްނޫނޭމިވީކީ ޔާމީނު ރައީސްމައުމޫނު ފީފީއެމުން ބޭރުކޮށް މުޅިފާޓީހިސާރުކޮށް އެވަރުނުވެގެން މުޅިފާޓީހައިޖެކުކޮށްގެން އެހުރި ކޯޓްތައްވައްދައިގެންނެވެ.
ހޯލި
24 July 2017
މައުމޫނަށް މައާފު ކުރެވިދާނެއެވެ، ނަމަވެސް 7 ފެބްރުވަރީ 2012 ގައި ނުކިޔަމަންތެރިކަން ދެއްކި ފުލުހުންނާއި ސިފައިންނަށް މައާފެއް ނުކުރެވޭނެއެވެ. ހުރިހާ ނުބައެއްގެ އަސްލަކީ އެއީއެވެ.
ޔާނިއު
24 July 2017
ޔާމީނު ހަލާކުވެގެން މި ދިޔައީ ޕީ އޭ އިން އައި ބައިގަނޑުގެ ހުންނަ ނުބައި ހަސީލަތުގެ ސަބަބުން އެއީ ހީލަތްތެރި މަކަރުވެރި ބައެއް
ރާއިޒް
24 July 2017
ޔާމީން، ފާރިޝް އަދި އެމްޑީޕީ އިން ކެނޑިޑޭޓަކު 2018 ގައި ކުރިމަތިލިޔަސް އިންސާފުވެރި އިންތިހާބެއް ބާއްވައިފިއްޔާ ޔާމީން ދާނީ 03 ވަނައަށް. މާނައަކީ ރައީސް ޔާމީންއަށް ވުރެ ގިނައިން ފާރިޝް އަދި އެމްޑީޕީ ކުރިމަތިލާ ކެނޑިޑޭޓަކު ގިނަ ވޯޓު ހޯއްދަވާނޭ. 2013 ގައި ރައީސް ވަޙީދަށް ލިބުނު ނާކާމިޔާބީއަށް ވުރެ ބޮޑުކޮށް ރައްޔިތުން ނޫނެކޭ ބުނާނެ.
ނައީމް
24 July 2017
މަނިކުފާން ޑީއާރުޕީ ހިންގިއިރު ކިތައްމީހުން ޕާޓީން ވަކިކުރިންތޯ މިހާރު ހަނދާންވެސްނެތް ދެއްތޯ ކަމަކާ ޖެހުނީމަ މާޒީ ހަނދާން ނެތެނީ ދޮއްތޯ
އާންމުން
24 July 2017
ސަހުސް އޮޅުވާލުމުގެ ދައުވާކުރަންވީ ޔާމީނުގެ މައްޗަށް އެއީ ނަސީދުގެ އަޑުން ވާހަކަ ދައްލައިގެން
ޕްރިންސެސް
24 July 2017
ތިބުނީ ތެދެއް...ހާދަ ދަށުދަރަޖައަކަށް ވެއްޓުނީމައޭ އެފަދަ ކަމެއް ކުރާނީ...ދުވަހަކުވެސް މައުމޫނު، ނަޝީދު އަދި ވަހީދު އެގޮތަށް އެހެން ރައީސަކަށް ނުވަތަ ލީޑަރަކަށް މަލާމާތް ނުކުރޭ..
ހިޔާލް
24 July 2017
ޕީޕީއެމް އުވާލުމަށް މައުމޫނަށް ދަންނަވަން! އޭރުން ތިބުނާ ހެދުންލައިގެން ތިބި މީހުން އޮންނާނީ ރަޚަނިމަސް ކެވިފައި! އަދި މަޖްލީހުގައި މިހާރުތިބި އެ މީހުންގެ ގޮންޑިތައް ފުލުފުލުން ލުހޭނެ! އޭރުން އޮންނާނީ ފިސާރި މޮޅަށް އެކިޔާ ތަރައްގީ ގައިމުވެފައި!
ނޫނުއަލިފް
24 July 2017
ވަރަށް މޮޅު ގޮތެއް ތިއީ! މައުމޫނު ބުނަނީ ޕީޕީއެމްގެ ރައީސްއަކީ އަދިވެސް އޭނާކަމަށް. ވީމާ އަންނަ ރުޅީގައި ޕީޕީއެމް އުވާލާ!! މިކަން ނުކެރެވުނިއްޔާ ތިއީ ހަތާނެތް ކުޅަނދުރެއް!
ސޮކްތެރެޕީ
24 July 2017
މައުމޫން ކިތައްމީހުން ޕާޓީން މަނިކުފާނާ ހިޔާލު ތަފާތުވެގެން ވަކިކުރި މިހާރު މިކިޔަނީ ކީކޭ.
ފާތުމަ
24 July 2017
ބަރާބަރު ވާހަކައެއް. ބަޔަކު އައިސް ޕާޓީ ޖަހައިގަތީ.
ތަކުރު
24 July 2017
ހަމަ ރޯމާ ދުވާލު ޕާޓި ފޭރިގަތީ
ޖުޖޫ
24 July 2017
ކާކައްދެން ދޯކާނުދޭނީ، މީ އަމިއްލަ ބޭބެ އައް ހަދާލިގޮތް. ތިޔަ ރައީސް ޔާމިންގެ ޕަޕެޓުންނައް ވެގެން އުޅޭ އެންމެންނައް ބޭނުންކެންޑުނީމަ މިހެންހަދާލާނެކަން ޔަގީން.