ތިން ބާރު ވަކިކޮށްފައި ވަނިކޮށް ގާނޫނު ހަދާ މަޖިލީހުގެ މައްޗަށް ސިފައިން ވެރިވެގަނެ، ޣައިރު ގާނޫނީ އަމަލުތައް ތަކުރާރުކޮށް، ރާއްޖޭގެ މިސްރާބު މިހިރީ މިލިޓަރީ ވެރިކަމަކާ ދިމާލަކަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވައި އަލީ ހުސެއިން ރާއްޖެ ޓީވީގައި ވިދާޅުވީ ރާއްޖޭގައި މިހާރު މިފެންނަނީ ޣައިރު ގާނޫނީ އަމަލުތައް ތަކުރާރު ކުރާ މަންޒަރު ކަމަށެވެ. ރައްޔިތުންގެ މަންދޫބުން މަޖިލީހަށް ވަދެވަޑައިގަތުމަށް މިއަދު ވެސް އުޅުއްވުމުން އެކަމަށް ހުރަސްއަޅައި ސިފައިން ތިބީ މަޖިލިސް "ހިސޯރުކޮށްގެން" ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެނެރަލް ޝިޔާމް އެ ހުންނެވީ މަޖިލިސް ހިސޯރުކޮށްގެން. އެތަނުގައި ތިބި ބައެއް މީހުންގެ ގާތުން އަހާލީމަ ބުނޭ، ތިމަންނަމެން ބޭނުމެއް ނުވެޔޭ މަޖިލިސް ހިސޯރުކޮށްގެން ތިބޭކަށް. ނަމަވެސް ޖެނެރަލް ޝިޔާމް އަންގަވަނީއޭ މިތާ ތިބޭށޭ، އެއްވެސް މީހަކު ވަނަ ނުދޭށޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ގައުމުގެ މިސްރާބު މިހާރު މިދަނީ ސީދާ މިލިޓަރީ ވެެރިކަމާ ދިމާލަށް. މިގޮތަށް އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ވަންދެން ތިބެއްޖެ ނަމަ މިލިޓަރީ ޓޭކްއޯވާއަކަށް ދިއުމަކީ ހަމަ އެކަށީގެންވާ ކަމެއް އަޅުގަނޑަށް ފެނޭ. މި ގައުމުގެ އެއްބާރު މިއޮތީ މިލިޓަރީ ކޮންޓްރޯލްގެ ދަށުގައި."
މަޖިލިސް އިދާރާ އިން މެމްބަރުން ނެރުމަށް އެސްއޯ ފުލުހުންތަކެއް ވަނީ ގާނޫނާ ޚިލާފަށް ކަމަށް އަލީ ހުސެއިން ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެސްއޯ ފުލުހުން މަޖިލީހަށް ވަނީ، ސިފައިން އެދިގެން ކަަމަށް ފުލުހުންގެ މުއައްސަސާ އިން ފަހުން ބުނީ، ޣައިރު ގާނޫނީ އަމަލެއް ކުރެވުމުން އެކަން ފޮރުވުމަށެވެ.
"މިއިން މި އެނގެނީ ފުލުހުންނަށް ގާނޫނު ނޭނގޭ މިންވަރު. އަޅުގަނޑު ދެރަވޭ ހަގީގަތުގައި ފުލުހުންނަށް މިވަރަށް ގާނޫނު ނޭނގޭތީ. ފުލުހުންނަށް އެނގެން ޖެހޭނެ މެމްބަރުން ނެރުމަށް ސިފައިންނަށް ފުލުހުންގެ އެހީތެރިކަމަށް ނޭދެވޭނެ ކަން،" އަލީ ވަހީދު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާ ތެރޭގައި މެމްބަރުން ތިއްބެވީ ސިފައިންނަށް ހަމަލާދޭން ނުވަތަ ޖިނާއީ ކުށެއް ކުރަން ވެސް ނޫން ކަމަށާއި އެ ހާލަތުގައި އިތުރަށް ފުލުހުންގެ އެހީތެރިކަމަށް ސިފައިންނަށް އެދެވޭނީ ކިހިނެއްތޯ އަލީ ހުސެއިން ސުވާލުކުރެއްވި އެވެ.
"ކަނޑައެޅިގެން އޮޅުވާލަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެސްއޯ ފުލުހުން އެތަނަށް ވަނީ އެ މީހުން އަމިއްލައަށް. ބޮޑު ސިންގާ ގޯހެއް ހެދުނީމާ އެކަން ބެއްދުމަށްޓަކައި ފުލުހުން މިހާރު މަސައްކަތް ކުރަމުން އެ ދަނީ،" އޭނާ ވިދާޅުވި އެވެ.