އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގުކޮށްދޭން އިބޫ އެދިވަޑައިގެންފި

ފުލުހުން ކުރަމުން އަންނަ ތަހުގީގުތައް ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާ އެކު ކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.


މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލައިގެ ތުހުމަތުގައި އިބޫ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

އިބޫއާ އެކު ފުލުސް އޮފީސް ކައިރިއަށް ދިޔަ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން އެސަރަހައްދުން ފޮނުވާލަން ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުލުހުންގެ އިދާރާގައި ގަޑިއިރެއް ހާއިރު ހޭދަކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއިން ކުރައްވާ އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ. ރައީސް ޔާމީން ކަންކަން ކުރައްވަނީ ގަދަ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ފުލުހުން ތަހުގީގު ކުރާނީ ކޮން ބައެއް ކަން ވެސް ނިންމަވަނީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ހުދުމުހުތާރުކަން މިނިވަން ހުރިހާ މުއައްސަސާތަކުގެ މައްޗަށް ފޯރާފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ އެކަމުން ސަލާމަތްވާން ކަމަށް ވެސް ވިދާޅުވި އެވެ.

"މި ތަހުގީގު ވީހާ ވެސް އިންސާފުވެރިކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ފުލުހުން ކޮށްދިނުމަށް އެދެން. އޭރުން މީގެ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެ. އެއްވެސް ފަރާތަކަށް ބުރަނުވެ، މިކަން ކުރުން މުހިންމީ،" އިބޫގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ތަހުގީގާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ފުލުސް އޮފީހަށް ވަޑައިގަތުމުގެ ކުރިން. - ފޮޓޯޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ އެދުވަހު މަޖިލީހަށް ވަޑައިގަތީ އެތަނުގައި މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ ފުލުހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުގައި އިބޫ މިއަދު އެދިވަޑައިގަތީ ވަކީލަކާ އެކު އެކަން ކުރިއަށް ގެންދިއުމުގެ ފުރުސަތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އަންގާފައިވަނީ މާދަމާ ރޭ 8:30 ގައި ވަކީލަކާ އެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށެވެ. އަންނަ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހަށް ފަސްކޮށްދޭން އެދިވަޑައިގަތުމުން އެކަމަށް ފުލުހުން ދެކޮޅު ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

އޭމާ ތަކުރާރުކޮށް ވިދާޅުވީ ސިޔާސީ އެކި ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރި ކަމަށް ވިޔަސް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި މިއީ ވަކި މީހަކާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީކީ އަބްދުﷲ ރިޔާޒަކަށް، ފަލާހަކާ ގުޅިފައި އޮތް ކަމެއް ނޫން،" އޭނާގެ ކުރިން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރި އިދިކޮޅު ދެ މެމްބަރުންނަށް އިޝާރަތްކުރައްވާ އިބޫ ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ މަސައްކަތެއް. އަޅުގަނޑު ގެންގޮސް ބަންދު ކުރިޔަސް މިކަން ކުރިއަށް ދާނެ. ރައީސް ނަޝީދު މިހާރު އެހުރީ ބަންދެއްގައި ރާއްޖެ ނާދެވިފައި. ގާސިމް އިބްރާހިމް އެ ހުންނެވީ ހުކުމެއްގެ ކުރިމަތީގައި. ފާރިސް މައުމޫން އެ ހުންނެވީ ޖަލުގައި. އެކަމަކު މި ހަރަކާތަކަށް ހުއްޓުމެއް ނާންނާނެ."

ހޯމަ ދުވަހު ސަލާމަތީ ބާރުތަކުން މަޖިލީހުގެ އިދާރާ ބަންދުކޮށްފައި ވަނިކޮށް އެތަނަށް ވަދެވަޑައިގެންނެވި މެންބަރުން ފުލުސް އޮފީހަށް ހާޒިރުކުރުމުގެ މަސައްކަތެއް ވަނީ ފަށައިފަ އެވެ.

އޭގެ އިތުރުން އެ ދުވަހު މަޖިލިހަށް ވަޑައިގެންނެވި މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ވައްޑެއަކީ މިހާރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނޫނެވެ. އޭނާ އަކީ ސުޕްރީމް ކޯޓުން މި މަހު 13 ގައި ނެރުނު ހުކުމާ ގުޅިގެން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެކަން ބަލައިގެންފައި ވާތީ، އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ އެންމެ މަތީ ކޯޓުން އެ ގޮނޑިތަކާ މެދު ފަހު ގޮތް ކަނޑައެޅެންދެން އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.