މެމްބަރުން މަޖިލީހަށް ވެންނެވުމަށް ހުރަސްއަޅައި އެތަނުގެ ސަލާމަތީ ކަންކަން ސިފައިން ބަލަހައްޓަނީ.
30 ޖުލައި 2017 - 10:30
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސިފައިން ހިސޯރުކޮށްފައިވާ ކަމަށް ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ އެތަނުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިނގާފާނެތީ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓެއްގައި މިދިޔަ ހޯމަ ދުވަހު ތަޅު އަޅުވައި، މަޖިލިހުގެ އިދިކޮޅު މެމްބަރުން އެ ދުވަހު އެ އިދާރާ އަށް ވަދެވަޑައިގަތުމަށް ސިފައިން ހުރަސްއެޅީ ގާނޫނާ ޚިލާފަށް ކަމަށް ދައްކާ ވާހަކަތައް ދިފާއުކޮށް ނެރުނު ބަޔާނުގައި ޑިފެންސް މިނިސްޓްރީން ބުނީ މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް އެދުމުން ކަމަށެވެ.
އަދި މި މަހުގެ 24-31 އަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއް، ކޮމެޓީއެއް ނުބާއްވަން ނިންމާފައި ވަނިކޮށް، މަޖިލީހުގައި ޖަލްސާއެއް ބޭއްވުމަށް، ސިޔާސީ ފަރާތްތަކަކުން ހިންގަނީ ޣައިރު ގާނޫނީ ހަރަކާތެއް ކަން ފުލުހުން އިއުލާންކޮށްފައި ވާތީ ސިފައިން ފިޔަވަޅު އެޅި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަޖިލީހުގެ އިދާރާ އާއި ގޯތިތެރޭގައި ސަލާމަތީ ކަންކަން ވަރުގަދަކުރީ، ބަޔާނުގައި ބުނިގޮތުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހިމާޔަތް ކުުރުމަކީ ގާނޫނުއަސާސީން ސަލާމަތީ ޚިދުމަތްތަކަށް ލާޒިމްކޮށްފައިވާ ކަމަކަށް ވާތީ އެވެ.
އެއާއެކު ސަލާމަތީ ޚިދުމަތްތަކުން ރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި ގާނޫނުއަސާސީ އާއި މުއައްސަސާތައް ހިމާޔަތްކޮށް ގާނޫނު ދަމަހައްޓައި ތަންފީޒުކޮށް އަމަންއަމާންކަން ދަމަހައްޓައި ކުއްލި ހާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކުން އެހީތެރިކަން ދޭންވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
"ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި ކަމަށް ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކާއި ހަބަރުތަކަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ހުރުމަތް ކަނޑާލައި މުއައްސަސާގެ އަގު ވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕަގެންޑާ އެކެވެ،" މަޖިލިހުގެ އިދާރާގެ ގޭޓްތަކުގައި ތަޅު އަޅުވައި އިދިކޮޅު މެމްބަރުންނަށް ސިފައިން ހުރަސްއެޅިތާ ހަފުތާއެއް ފަހުން، ކަމުގެ ހަގީގަތް ބަޔާންކޮށްދިނުމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
އެސްއޯ ފުލުހުން މަޖިލީހަށް ވަދެ، މެމްބަރުންތައް ނެރެނީ: މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގައި ސިފައިން ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނޭ.
އަދި އެއީ މުއައްސަސާ އަށް ރައްޔިތުން ކުރާ އިތުބާރުކުޑަކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ނުތަނަވަސްކަން އުފައްދައި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކުރުމަށް ހިންގަމުންދާ ގައުމިއްޔަތާ ދެކޮޅު އެ އަމަލު ޑިފެންސް މިނިސްޓްރީން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ވަކި ބަޔަކު ކަމަށް ގާނޫނުގައި ބުނާއިރު، މަޖިލިހުގެ އިދާރާގެ ގޭޓް ތަޅުލާފައި ހުރުމުން ފާރުމަތިން މަޖިލީހަށް ވަދެވަޑައިގަތް މެމްބަރުން ނެރުނީ އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާ ތެރެއަށް ވަދެ އެވެ. އެކަން އެގޮތަށް ކުރީ ސިފައިން އަންގައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މެމްބަރުންގެ ނެރެން ފުލުހުންގެ އެހީ އަށް އެދުނު ސަބަބު ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނެތެވެ.
އެ މިނިސްޓްރީން ބުނީ ގާނޫނުތަކުން ސިފައިންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއްކުރިއަށް އޮތް ތަނުގައި ވެސް އަޅާނެ ކަމުގެ ޔަގީންކަން އާންމުންނަށް އަރުވާ ކަމަށެވެ.
ރާއްޖޭގައި އާލާވަމުންދާ ޑިމޮކްރަސީގެ ޅަފަތުގައި ރައްޔިތުންގެ ބަސް ބުނުމާއި ރައްޔިތުންގެ އަޑު އުފުލުމާއި ހައްގުތައް ހޯދަން މަސައްކަތްކުރުމުގައި އިސްލާމްދީނާއި ގައުމީ ސަލާމަތާއި ރައްކާތެރިވެ ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަމަށް އިސްކަން ދޭން ވެސް ބަޔާނުގައި އެދިފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ފަހުން ވެސް އިދިކޮޅު ބައެއް މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު އެ ބޭފުޅުންނަށް ވެސް ސިފައިން ވަނީ ހުރަސްއަޅައި އެ ފުރުސަތު ބަންދުކޮށްފަ އެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައި ނެތް ކަމެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެގޮތުން މަޖިލިހުގެ މެމްބަރުން ބޭނުން ކޮންމެ ގަޑިއެއްގަިއ މަޖިލިހުގެ އިދާރާ އަށް ވެންނެވުމުގެ ފުރުސަތު މީގެ ކުރިން ދީފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
30 July 2017
އިތުރު ބަޔާނެއް ބޭނުމެއްނުވޭ. ދުނިޔެއަށް ބޭޒާރުވުމުގެ އާ ސަފްހާއެއް ލިޔެވުނީ
ކާފަ
30 July 2017
ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ . ވެރިކަން ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބާގައޭ . ރައްޔިތުން އިންތިހާބުކޮށްފަ ތިބޭ ރައްޔިތުންގެ މަމްދޫބުންނޭ . ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ބަސް އިއްވާ ، ވަކާލާތު ކުރަން ރައްޔިތުން މަޖިލީސް ކުރާ ގެޔަށް އިންތިހާބު ކޮށްފަ ފޮނުވާފަ ތިބޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭ . ރައްޔިތުންގެ މަޖިލިސްކުރާ ގެއޭ .. މި ކިޔާ އެއްޗެއް މިގައުމުގެ ތިބި ފުލުހުންނަށާއި ، ސިފައިންނަށް އެބަ ފަހުމްވޭބާ ؟ ނޭގޭނަމަ ޔޫނީފޯމް ބާލާފަ ފުރަތަމަ ނާސަރީ ސްކޫލަކަށް ދާން ޖެހޭކަމަށް ގަބޫލު ނުކުރައްވަމުތޯ ؟ ތީ ކިހިނެއް މޭމައްޗަށާއި ، ދެ ކޮނޑަށް އަރައިގެން އުޅޭ ކުލަތަކަކާއި ، ފަތްތަކަކާއި ތަރި ތަކެއްތޯ ؟ ޤާނޫނު އަސާސީ ވީތަނެއް އެނގިލައްވާތޯ ؟ ކުރައްވައިގެން ތިބި ހުވާ ކޮބައިތޯ ؟
ބަނދަރު ކާޅު.
30 July 2017
ރާއްޖޭގެ ބައެއް ބޭރު ބަޔަކަށް ވިއްކާލަން ގާނޫނު ފާސްކުރި ދުވަހު މަޖިލީހަށްވަދެ މެމްބަރުން ނެރެ އުކާލިނަމަ އަހަރެން ގަބޫލްކުރާނަން އެކަންކުރީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކުރަން އުލޭތީކަމަށް. އެކަމަކު މިފަހަރު ތިބުއީ ރީތި ބޮނޑިއެއް.
ގަޅިބެ
30 July 2017
ޑިފެންސް މިނިސްޓަރުގެ ދުވަސްވެސް ދުއްވާލައިފި. ތައްޓަށް އަޅާހާ އެއްޗެއް ކާލަންޏާ ވާނީ އެހެން. ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނެ.
އައިއެފް
30 July 2017
މެންދުރު އިރު ފަދައިން ސާފުކޮށް އެތައް ރައްޔިތެއްގެ ލޯކުރިމަތީގައި ހިނގައިދިޔަކަމެއް ދޮގުކުރުމަކީ އަޖާއިިބެއް. މިއީ ހަމަ ސިޔާސީ ބަޔާނެއް.
ހަނު ހުންނަ މީހާ
30 July 2017
މަ ހައިރާންވެއްޖެ. ފުލުހުން މަޖިލީހުގަ އިދިކޮޅުފަރާތްތަކުން މަސައްކަތް ކުރުމަކީ ޣައިރު ގާނޫނީ ކަމަށް ކަޑައެޅީ ކޮން ގާނޫނެއްގެ ދަށުންތޯ.
ވޯލް
30 July 2017
ތިޔަހެންވެސް ބުނޭފަ އެކަން ޤަބޫލު ކުރެވޭނެ އެތަނަށް މަޖިލިސް ނޫން އާއްމު ރައޔްިތުންތަކެއް ވަންނަން އުޅުނު ނަމަތާ. ދެން އޮތީ ގޮޑި ގެއްލިފައިވާ މެމްބަރުން އެއީ އާއްމު ރައްޔިތުންކަމުގައި ދެކުން، ޤާނޫނު އަސާސީ ވަރަށް ސާފުކޮށް ބުނޭ އެބަ އެފަދަ މައްސަލަތަކުގައި ގޮތް ނިންމާނީ ސްޕްރީމް ކޯޓުންނޭ އިލެކްޝަން ކޮމިޝަނައި މަޖިލީހުގެ އިދާރާއިންނެއް ނޫނޭ. އެހެން ވީމަ ތިޔަ ކުރެވުނު ކަމަކީ ވެރިކަން ކުރަ ބާރުން ޤާނޫނު ހަދާ ބާރުގެ ތެރެއަށް ނުފޫޒު ފޯރުވުން. އެހެނީ ރާއްޖޭގައި ރިފެރަންޑަމްއެއް ނަގާއިގެން ރައްޔިތުން ބޭނުންވީ ރިއާސީ ނިޒާމެއް އަދި ރާއްޖޭގެ ޤާނޫނު އަސާސީ ބުނަނީ މިޤައުމުގައި އޮންނަންވާނީ 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްކަން އަދި އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒުފޮރުވައިގެން ނުވާނެ ކަމަށް.
މުހަންމަދު އަޒުމީލް
30 July 2017
ކޮމެޓީއޭ ޖަލްސާޔޭ އެދުނީޔޭ ކިޔާނެ ކަމެއް ނެތް ދެނެތް
ތޫރި
30 July 2017
ވައުދާ ހުވާކުރާނެޔޭ ، އެހަނދާން ނެތޭނެޔޭ ނޫނީ އެހެން ގޮތެއްގާ މަޖުބޫރު ވާނެޔޭ ދެގޮތެއް މަށެއް ނުވާނަމޭ ބުނެފާ ނުވޭހޭ ؟
އަލީ
30 July 2017
ދުވާލަކީ ރޭގަނޑޭ ބުންޏަސް ގަބޫލު ކުރަންތަވީ؟