ފިޔާޒްގެ ކުށެއް ނެތް، ހައްގަށް ނަސްރު ލިބޭނެ: ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާގެ ކުށެއް ނެތް ކަމަށާއި، ކުށެއް ނެތް ބޭފުޅަކަށް އަދަބު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ކުރެއްވި މަސައްކަތް މިއަދު ނާކާމިޔާބު ވާނެ ކަމަށް އެ ޓީވީން ރޭ ބުނެފި އެވެ.


ނޫސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކުރައްވާފައިވާ ފިޔާޒް ފުލުހެއްގެ ގަޔަށް އަތްލި ކަމަށް ބުނެ ކުރާ ދައުވާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު ކްރިމިނަލް ކޯޓުގައި އޮންނާނެ އެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ފިޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕީޖީ ހުށަހެޅުއްވި ދައުވާއެއް ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ހައްގަށް ނަސްރު ލިބޭ ފަދަ ހުކުމެއް އިއްވާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ޓީވީން ބުންޏެވެ.

ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ މުލީއާގެ ކައިރިން ނޮވެމްބަރު 2015 ގައި ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ސަރަހައްދުން ފިޔާޒް ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ.

އެ މައްސަލާގައި ފިޔާޒުގެ މައްޗަށް ފުރަތަމަ އުފުލީ ޖެހުމުގެ ދައުވާ ނަމަވެސް އޭނާގެ މައްޗަށް މިހާރު ކުރަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ އެވެ.

ރާއްޖެ ޓީވީގެ ބަޔާނުގައި ބުނި ގޮތުގައި ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެކި ދުވަސް މަތިން ފިޔާޒް ކޯޓަށް ގެންގޮސް، އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ޕީޖީ ކުރެއްވި މަސައްކަތުން ދޭހަވީ އެއީ އަސްލެއް ނެތް މައްސަލައެއް ކަމެވެ.

ދައުލަތުން ހުށަހެޅި ހެކިންނަށް ޝަރީއަތުގެ މަޖިލީހުގައި އެކަށީގެންވާ ހެކި ޝައްކެއް ނެތް މިންވަރަށް ހުށަހަޅާފައި އޮތް ކަމަށް ދިފާއީ ވަކީލުން ވެސް ގަބޫލުނުކުރާ ކަމަށާއި އެއީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ފިޔާޒްގެ މައްސަލާގައި ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރޭގައި ރުހުމަކާ ނުލައި ފިޔާޒް އަތްލި ކަމަށް ބުނެ މައްސަލަ ހުށަހެޅި ފުލުހުންގެ މީހާ ވެސް ހިމެނެ އެވެ. އަދި އޭނާގެ ހެކިބަސް މި މައްސަލާގައި ނެގިއިރު އޭނާގެ ގައިގައި ފިޔާޒް އަތްލި ގޮތް ސާފުކޮށް ކިޔައިދެވިފައެއް ވެސް ނުވެ އެވެ. އަދި ފިޔާޒް އެ އަމަލު ހިންގި ކަމަށް ބުނެ ހެކި ބަސް ދިން އިތުރު ހެކި ބަހުގައި އެންމެ ކުޑަމިނުން އެމީހުންނާ ފިޔާޒް އާއި ދެމެދު ހުރި ދުރުމިން އެއްގޮތަށް ބުނެ ނުދެވުނެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.

ފިޔާޒްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ފިޔާޒްގެ މައްޗަށް އަންނާނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި އަދަބު ދަރަޖަ އެއަށް ވުރެ މަތިވުމުގެ ފުރުސަތު ނުވަތަ ދަށްވުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ފިޔާޒްގެ މައްޗަށް ހުކުމް އިއްވާއިރު، ރާއްޖެ ޓީވީގެ އެހެން ދެ ނޫސްވެރިއެއްގެ މައްޗަށް ވެސް އުފުލައި ޝަރީއަތްކޮށް ހުކުމް އިއްވާފައިވެ އެވެ. އެއީ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.