ޓާޓާގެ ފްލެޓްތަކުގެ މައްސަލާގައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

މާލޭގެ ގާކޮށި އަދި އަރަބިއްޔާ ސްކޫލް ކުރިން ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަ މައްސަލާގައި މިއަދު ހެނދުނުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.


ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ އަހުމަދު ނިހާން "މިހާރު" އަށް ވިދާޅުވި ގޮތުގައި ބައްދަލުވުން ސިއްރުކުރީ، ފްލެޓްތަކާ ގުޅޭ އެއްބަސްވުންތަކާއި އެހެނިހެން ކަރުދާސްތައް މެމްބަރުން ދިރާސާ ކުރައްވާތީ އެވެ..

"އެހެންވީމާ މިކަމުގެ ތެރޭގައި ނޫސްވެރިން މިވަގުތު ވައްދައިގެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވި އެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުން ކުރިޔަށްދާ ގޮތުން ވަރަށް ބޮޑަށް އޮޅުން އަރާ ކަމަށެވެ.

މި މައްސަލާގައި ހެދުނުގެ ބައްދަލުވުމަށް ފަހު، ހައުސިން މިނިސްޓްރީގެ ކަމާއި ގުޅޭ ބޭފުޅުންނާ އެކު މެންދުރު ފަހު 1:45 ގައި ބައްދަލުވުމެއް ބާއްވަން އެޖެންޑާކުރި އެވެ. އެކަމަކު އެ ބައްދަލުވުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި މެންދުރުފަހުގެ ބައްދަލުވުން ކެންސަލްކުރީ، ފްލެޓާ ގުޅޭ ޑޮކިއުމަންޓްތައް މެމްބަރުން ދިރާސާ ކުރައްވަން ވަގުތު ބޭނުންވާތީ އެވެ.

ޓާޓާ ފްލެޓްތަކުގެ މައްސަލަ މަޖިލިހުގެ ސަމާލުކަމަށް އައިސްފައި ވަނީ، 298 ފްލެޓަށް ސަރުކާރުން ދައްކަން ޖެހޭ 278 މިލިއަން ރުފިޔާ ނުދައްކާ ކަމަށް އެ ކުންފުނިން ބުނެފައި ވަނިކޮށެވެ. އަދި އެ ފައިސާ ދައްކަން އެންމެ ފަހުން ދިން މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ޓާޓާ އިން ބުނެފައިވެ އެވެ.