ގޮނޑި ގެއްލުނު ކަމަށް ނިންމީ ނާޖާއިޒް ފައިދާ ނަގައިގެން، ނުބައި ނިޔަތެެެއްގައި: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒް ފައިދާ ނަގައިގެން، ނުބައި ނިޔަތެއްގައި ކަމަށް ހަތަރު މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.


މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގެ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެ މެމްބަރުންގެ ވަކީލުން ބުނީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅީ ނުބައި ނިޔަތެއްގައި، ގާނޫނީ އިޖްރާއަތުތަކާ ޚިލާފަށް ކަމަށެވެ.

ހުކުމުގެ ކުރިން އޭގެ ތެރެއިން ތިން މެމްބަރަކު ޕާޓީން ވަކިކޮށްފައި އަދި އެއް މެމްބަރަކު އަމިއްލަ އަށް ވަކިވެފައި ވަނިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ހަމައެކަނި ޕީޕީއެމުން އެ މެމްބަރަކު ވަކިކުރި ކަމަށް ބުނެ އެ ޕާޓީން ހުށަހެޅުމަށް ބިނާކޮށް ކަމަށް ވަކީލުން ބުންޏެވެ. އެކަމަކު އޭގެކުރިން އެ މެމްބަރުން ޕާޓީން ވަކިވެފައި ތިއްބާ ދެވަނަ ފަހަރަށް އެ މެމްބަރުން ޕާޓީން ކުރެވެނީ ކިހިނެއް ކަމާ މެދު އެ މެމްބަރުންގެ ފަރާތުން ސުވާލު އުފެއްދެވި އެވެ.

"ގެއިން ނެރެލީމަ ދެވަނަ ފަހަރަށް އަޅުގަނޑު އެގެއަށް ނުވަންނަނީސް، ކިހިނެއްތޯ ދެވަނަ ފަހަރަށް ހަމަ އެގެއިން އަޅުގަނޑު ނެރޭނީ؟." ސައުދު ޝަރީއަތުގައި ވިދާޅުވި އެވެ.

މެމްބަރުން ޕާޓީން ވަކިކުރި ކަމަށް މާޗް މަހުު ޕީޕީއެމުން އެ މެމްބަރުންނަށް އަންގާފައިވާ ކަން ކޮމިޝަނަށް އެނގޭއިރު އެއީ ކިހިނެއް ހިނގި ކަމެއް ކަން ކޮމިޝަނުން ނުބެލީ ކީއްވެގެންތޯ މެމްބަރުންގެ ވަކީލުން ސުވާލު އުފެއްދެވި އެވެ. އޭގެފަހުން އެ މެމްބަރުން ޕާޓީން ވަކިކުރި ކަމަށް ޖުލައި މަހުގެ 18 ވަނަ ދުވަހު ކޮމިޝަނަށް ޕާޓީން އެންގުމުން އެދުވަހުން އެދުވަހަށް އެ މެމްބަރުންގެ ނަން ކޮމިޝަންގައި އޮންނަ ދަފްތަރުން އުނިކޮށް، ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ކުރިން އެ މެމްބަރުން އެ ޕާޓީން ވަކިކުރިތޯ ބެލުމެއް ނެތިތޯ ވަކީލުން ސުވާލު އުފެއްދި އެވެ.

"ކޮބައިތޯ ރެގިއުލޭޓާގެ ހައިސިއްޔަތުން ކޮމިޝަންގެ ދައުރު. މިކަންކަން ސުޕަވައިޒް ކުރާ ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއެއް ނެތީތޯ؟." މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި އެވެ.

މެމްބަރަކު ޕާޓީއަކުން ވަކިކުރި ކަމަށް ބަލާނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ދަފުތަރުން ނަން އުނިކުރާ ހިސާބުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދުދީ ވަކީލުން ބުނީ ނޯޓިސް ދިނުމެއް ނެތި މެމްބަރުންނަށް ޕާޓީތަކުން ވަކިވެވޭނެ ކަމަށެވެ. އެކަން ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް އޮންނަކަން ފާހަގަކޮށް، ވަކީލުން ބުނި ގޮތުގައި ކޮމިޝަނުން ދައްކާ ވާހަކައަކީ ބުއްދީގެ ހަމަތަކުން ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ.

"ޕާޓީއަކުން މީހަކު ވަކިވި ކަމަށް ބެލޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ދަފްތަރުން ނަން އުނިކުރާ ހިސާބުން ކަމަށް ބަލަން ފަށައިފި ނަމަ، އެއީ މަޖުބޫރުން މީހުން ހައިޖެކް ކޮށްގެން ޕާޓީތަކުގައި ގެންގުޅެން ލިބޭ ފުރުސަތަކަށް ވެގެންދާނެ. ސަބަބަކީ އެ ދަފްތަރުން ނަން އުނިކުރަން އެއީ ވަކި މުއްދަތެއް ނޯވޭ އެކަން ކުރާކަށް،" މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދަކީ މަޖިލީހަށް އަމިއްލަ ގޮތުން ހޮވުނު ބޭފުޅަކަށް ވާއިރު އޭނާ ޕީޕީއެމުން ވަކިކުރި ކަމަށް ބުނެ ގޮނޑި ގެއްލުނު މައްސަލައާ ގުޅިގެން ވަކީލުން ފާހަގަކުރި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމުގައި، އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކައެއް ނެތެވެ. އޭގައި އޮތީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކަ ކަމަށް ވަކީލުން ބުންޏެވެ. ލަތީފްގެ ގޮނޑި ގެއްލޭނެ ކަމަށް ދައުލަތުން ދެކޭ ނަމަ އެއީ އެ ހުކުމް އަމިއްލަ އަށް މާނަކޮށްގެން ދައްކާ ވާހަކަތަކެއް ކަމަށް މެމްބަރުންގެ ވަކީލުން ބުންޏެވެ.

"އަޅުގަނޑު އިންތިޚާބަށް ހޮވުނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި. އެއްވެސް ޕާޓީއެއްގެ ލޯގޯއެއް، ދިދައެއް ނުވަތަ ނިޝާނެއް ބޭނުމެއް ނުކުރަން. އެއްވެސް ޕާޓީއެއްގެ ލަވައެއް ނުޖަހަން. އަޅުގަނޑު ވަގުތީ ގޮތުން ޕީޕީއެމާ ގުޅުނީ ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް،" މަޖިލީހަށް ވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ކަން ހާމަ ކުރައްވަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވި އެވެ.

އޭގެ ރައްދުގައި ދައުލަތުގެ ވަކީލާ މާޝާ ލަތީފް ވިދާޅުވި ގޮތުގައި އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މައްޗަށް ހުކުމުގެ އުސޫލު ނުހިނގާނެ ނަމަ އެއީ ހުކުމުގެ ބޭނުން ކެނޑޭނެ ކަމެއް ކަމަށެވެ. އެހެންވެ ދައުލަތުން ބުނަނީ ލަތީފްގެ ގޮނޑި ވެސް ގެއްލޭނެ ކަމަށެވެ.

ލަތީފް ވިދާޅުވި ގޮތުގައި ދައުލަތުން ދައްކާ ވާހަކަތަކަކީ "އެއްވެސް އުސްމިނެއް، ބޯމިނެއް ނެތް" ވާހަކަތަކެކެވެ.

މެމްބަރުންގެ ވަކީލުންގެ ފަރާތުން ފާހަގަކުރި މައިގަނޑު އަނެއް ކަމަކީ މެެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި އޮންނައިރު އެކަން ކޮމިޝަނުން ނުކޮށް، އެ ކޮމިޝަނުން އަމިއްލަ އަށް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި މައްސަލަ އެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ވަކީލުން ނެންގެވީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމެކެވެ.

"އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއޮތީ ނިންމަވާފައި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ފުރުސަތު އޮއްވައި އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް އެ ގޮނޑި ހުސްވެފައިވާ ކަމަކަށް،" ހިސާން ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި ދައުލަތުން ބުނީ މި މައްސަލާގައި ކަން ހިނގި ގޮތަށް ބަލާއިރު އެ މެމްބަރުންގެ ގޮނޑި ގެއްލުނުތޯ ކަނޑައަޅަން ސުޕްރީމް ކޯޓަށް ދިއުމަކީ ކޮމިޝަނަށް ލާޒިމްވާ ކަމެއް ނޫން ކަމަށާއި އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު އެ ކޮމިޝަނަށް ސުވާލު ނުއުފެދޭ ކަމަށެވެ.

ގޮނޑި ގެއްލޭ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ އެކަން ކޮމިޝަނުން މަޖިލީހަށް އަންގާ ހިސާބުން ފެށިގެން އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ވަކިވަކިން ކުރިއަށް ގެންދިޔަ އެ މައްސަލަތަކުގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވައިފަ އެވެ.