ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މުސްތަފާ (ކ-2) އަދި އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން. - ފޮޓޯ: މިހާރު
14 އޯގަސްޓް 2017 - 13:01
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލި ކަމަށް ބުނެ، އޭނާ ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓް ދެވަނަ ފަހަރަށް ކެންސަލްކޮށްފި އެވެ،
އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުސްތަފާ މިއަދު ހަވީރު 4:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވި ނަމަވެސް އެ ޗިޓް ކެންސަލް ކޮށްފައިވާ ކަމަށް ފުލުސް އޮފީހުން މިހާރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވި އެވެ. އެކަމަކު އޭގެ މާ ކުރިން އެ ޗިޓް ފުލުސް އޮފީހުން ކެންސަލް ކުރި އެވެ.
މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރުން ކެންސަލް ކުރާ ސަބަބެއް ނޭނގެ އެވެ.
މުސްތަފާ ހާޒިރު ކުރަން ނިންމީ ރައްޔިތުން ނިކުމެ، ރައީސް ޔާމީން މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައިވެ އެވެ.
ރައީސް ޔާމީނާއި މި ސަރުކާރާ ދެކޮޅަށް މިހާރު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މުސްތަފާގެ ޕާސްޕޯޓު ތިން މަހަށް ހިފަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު 45 މެމްބަރެއްގެ ސޮޔާއެކު މަޖިލީހަށް ވެއްދި ފަހުން، އިދިކޮޅު މެމްބަރުންނަށް ތަފާތު އެކިއެކި ހުރަސްތައް ދަނީ ކުރިމަތި ކުރަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓު މެދުވެރިކޮށް ނެރުނު ހުކުމަކާ އެކު އެތައް މެމްބަރުންނެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުން ހިމެނެ އެވެ.
އަދި އޭގެ ތެރެއިން ބައެއް މެމްބަރުން މިދިޔަ މަހުގެ 24 ގައި މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބަބު
14 August 2017
ސަބަބު ވަރަށް ސާފެވެ! އެބޭފުޅުން މުޞްތަފާބެ ދެކެ ގަންނާކުރައްވާ ބިރެއްގެ ސަބަބުން، ފަހުވަގުތު ޗިޓް ކެންސަލް ކޮށްލަނީ އެވެ.
ރެޓޭ
14 August 2017
ރަނގަޅައްވިޔާ މުސްތަފާބޭ ޑީލެއްހަދަނީ!
ރަދީފް
14 August 2017
މިދެން ކުޅިވަރަކަށް ވެއްޖެއެއްނު.
އާދަން
14 August 2017
މުސްތަފާބެ ދެން ހުރިހާ ވޯޓެއްދޭނީ ރައީސް ޔާމީން އާއި އެއްކޮޅަށް.
އަލީ
14 August 2017
މިއީވާ ވަރުގަދަ ކުޅިވަރެއް. ހަމަ ތެޅި ފޮޅެނީ. ކުރަން އުޅޭ ކަމެއް. ކުރެވޭ ކަމެއް. ނުކުރެވޭ ކަމެއް ނޭގޭ! ވިދާޅުވެފަ އޮތީ ބޯގޮވާފަ ހުރި ވާހަކަވެސް.
މުއްތޮ
14 August 2017
ފުލުހުންނަކީ އަބުރެއް އޮތްބައެއްބާ. ހާދަހާ ބޮޑު އަބުރެކޭދޯ.
މުއްތޮ
14 August 2017
ޔަގީން ކޮންމެވެސް ރޭވުންތަކެއް ފަހަތުގަ އޮންނާނެ.