ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ގޮވާލި ކަމަށް ބުނެ މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މާދަމާ ހަވީރު 4:00 އަށެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި މުސްތަފާ ދެއްކެވި ވާހަކަތާ ގުޅިގެން، ކުރިން ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވުމަށް އެންގި ޗިޓް ފަހު ވަގުތު ވަނީ ކެންސަލް ކޮށްފަ އެވެ.

މުސްތަފާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ރައްޔިތުން ނިކުމެ، ރައީސް ޔާމީން މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށްޓަކައި ކަމަށް ފުލުހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުﷲ މަސީހުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ފަހުން، އެ މެމްބަރުންނަށް ތަފާތު އެކިއެކި ހުރަސްތައް ސަރުކާރުން ދަނީ ކުރިމަތި ކުރަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ އެކު ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުން ހިމެނެ އެެވެ.

އަދި އޭގެ ތެރެއިން ބައެއް މެމްބަރުން މިދިޔަ މަހުގެ 24 ގައި މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ވަނީ ހައްޔަރުކޮށްފަ އެވެ.