އަލިފާނުގެ ހާދިސާ ޕީޕީއެމާ ގުޅުވި މައްސަލަ ބަލައިދޭން އެދެފި

މާލޭގައި މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅުވައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދުމަށާއި ބަދުނާމްކުރަން ރާއްޖެ ޓީވީން ޚަބަރު ފަތުރާފައިވާ ކަމަށް ބުނެ މައްސަލަ ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަންގައި އެދިއްޖެ އެވެ.


އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ވަނީ މާލޭގެ ކެފޭއެއްގައި ރޯވެ، ޖެހިގެން ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިންގާ އިމާރާތުގައި ވެސް ރޯވުމުގެ ތުހުމަތު، އެ ކޯލިޝަނުގައި އަޅުވަން މަސައްކަތްކޮށްފައި ކަމަށެވެ. ކެފޭ "ތިއޯލޯ"ގައި ރޯވުމާ އެކު ރާއްޖެ ޓީވީން ކުރި ޓުވީޓެއްގައި ވަނީ "ޕީޕީއެމް/ޕީއެންސީން މުޒާހަރާ ކުރިތާ ގިނައިރުތަކެއް ނުވެ އެސްބީއައި އާއި ޖެހިގެން ހުރި އިމާރާތުގައި ރޯވުން!" ކަމަށް ލިއެ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

އެ ޓުވީޓުގެ ސްކްރީން ޝޮޓެއް ވެސް ވަނީ ބްރޯޑްކޮމް އަށް ހުށަހަޅައިފަ އެވެ.

ރާއްޖެ ވިއްކާލުމާއި ދެކޮޅަށް މާލޭގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތައް ހިފައިގެން މުޒާހަރާކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ޕީޕީއެމާއި ޕީއެންސީން ބުނީ އެގޮތަށް ރާއްޖެ ޓީވީން ޓުވީޓްކުރީ އަލިފާނުގެ ހާދިސާ އެ ކޯލިޝަނާ ގުޅުވަން ކަމަށެވެ.

"މި އަމަލަކީ ޒިންމާދާރު ނޫސްވެރިކަން ކުރުން ކަމަކަށް މި ކޯލިޝަނަކުން ނުދެކެމެވެ،" ބްރޯޑްކޮމް އަށް ހުށަހެޅި ސިޓީގައިވެ އެވެ.

އަލިފާނުގެ އެ ފަދަ ހާދިސާ ހިނގުމާ އެކު މުހިއްމީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުން ކަން ވެސް ހުށަހެޅި މައްސަލައިގައި ޕީޕީއެމުން ބުނެފައިވެ އެވެ. އެކަމަކު، ރާއްޖެ ޓީވީގެ މަގްސަދަކީ ގަސްތުގައި އިދިކޮޅު ކޯލިޝަން ބަދުނާމުކުރުން ކަމަށާއި އެ ސްޓޭޝަނުން ހިންގާ އެފަދަ އަމަލުތަކާ މެދު ފިޔަވަޅު އަޅައިދޭން ވެސް އެދިފައިވެ އެވެ. މައްސަލަ ބަލަމުންދާ ގޮތުގެ ތަފްސީލް ވެސް ހިއްސާކޮށްދޭން ސިޓީގައި އަބްދުއްރަހީމް އެދިވަޑައިގެންފައިވެ އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސް ހިންގާ "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގު"ގައި ރޯވީ ކެފޭ "ތިއޯލޯ"ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއް ވުމުންނެވެ. ކެފޭގައި އަނދަމުން ދިޔަ އަލިފާންގަނޑު، 10 ބުރީގެ އިމާރާތުގައި ރޯވީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގެ ސަބަބުން ކަމަށް، ބައެއް މީހުން ލަފާކުރެ އެވެ.

ކެފޭގެ ވެރިޔާ ތުހުމަތު ކުރާ ގޮތުގައި ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ އެވެ. އެކަމަކު އެކަން ހިނގައިދިޔަ ގޮތެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އަލިފާނުގެ މި ހާދިސާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.