ފުރަތަމަ ފްލެޓް ގަންނަ އިރު ޓެކްސް އިސްތިސްނާވާ އިސްލާހު މަޖިލީހަށް ބަލައިގެންފި

ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.


މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ވޯޓަށް އެހުމުން، އެ އިސްލާހު ބަލައިގަތީ 53 މެމްބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.

ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމަދު އިމާރާތެއްގެ ފްލެޓު ވިއްކާ ހާލަތުގައި އެއީ އަލަށް މީހަކު ގަންނަ ފްލެޓެއް ނަމަ، ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި ތިބި މީހުންނަށެވެ.

މި އިސްލާހުގައިވާ ގޮތުން އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށް ނުބެލެވޭނެ އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާއި އިސްލާހުގެ ސަބަބުން އެތައް ބައެއްގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ވެސް ވަނީ މި އިސްލާހަށް ތާއީދު ކުރައްވައިފަ އެވެ.

ނަމަވެސް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދައި ރައްޔިތުން އުފުލަމުން އަންނަ ތަކުލީފުތަކަށް ނިމުމެއް އަންނަން ޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.