މިތިބީ ބަތަލުންގެ ގޮތުގައި، ހަނގުރާމަ އިން މޮޅުވާނެ: މައުމޫން

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ "ބަތަލުންގެ" ގޮތުގައި ކަމަށާއި މިހާރު ކުރަމުން އަންނަ "ހަނގުރާމަ" އިން މޮޅުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ މިހާތަނަށް ކުރިމަތިވެފައި ކަމަށެވެ.

ނަމަވެސް މައުމޫން ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުން ގުޅިގެން ކުރައްވާ މަސައްކަތުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލް ކުރެވިފަ އެވެ. އެކުގައި މަސައްކަތް ކުރަމުން އަންނަނީ ގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށާއި މިއީ ވަކި ބަޔަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ހަރަކާތަކީ ވަކި ބަޔަކު ޖަލަށް ލުމަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ހަރަކާތުގެ ބޭނުމަކީ ގައުމު އިސްލާހުކޮށް، ސުލްހަމަސްލަސްކަން ގާއިމުކޮށް، ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަން ކަން ހޯދައި ދިނުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނަށް ކުރިމަތިކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެއީ ވަރަށް "ހިނި އަންނަ" ކަންތައްތަކެއް ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވަން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ލިބިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގާނޫނުއަސާސީ ރައްކާތެރިކޮށް، ރައްޔިތުންގެ ހައްގުތައް ލިބިދިނުމަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ އިސްލާހީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން މި އަންނަނީ. މިހާރު އެކަމަށް މިއޮތީ ހައްދު ފަހަނައަޅައި ގޮސްފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި މައުމޫން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްއާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން ވިދާޅުވި ގޮތުގައި އިސްލާހީ މަސައްކަތުގައި ކިތަންމެ ގޮންޖެހުމެއް ކުރިމަތިވިޔަސް، އެއީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރަނގަޅު ކަމެކެވެ. އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް އެކި ގޮތްގޮތުން ކުރިމަތި ކުރަމުންދާ ހުރަސްތަކާ ގުޅޭ ގޮތުން މައުމޫން މިރޭ މިސާލު ނެންގެވީ ދުނިޔޭގައި މަޝްހޫރުވި "ބައިސްކޯފް" ފިލްމަށެވެ.

"ފިލްމު ނިމެން ކައިރިވާ އިރަށް ހަނގުރާމަ ބޮޑުވާނެ. ވަރަށް ގަދައަށް ހަނގުރާމަ ހިނގާފައި އެންމެ ފަހުން ބަތަލް މޮޅުވާނީ. އަޅުގަނޑުމެން މިތިބީ ބަތަލުންގެ ގޮތުގައި،" އިދިކޮޅު ފަރާތްތަކަށް ހިތްވަރު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.

މިިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލައަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހަކީ މެމްބަރުން ގެ އެވެ. އެހެންވެ، އެ މީހެއްގެ ގެ އަށް ވަނުމުން ކުށަކަށް ވަނީ ކީއްވެތޯ މައުމޫން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"އަޅުގަނޑު މިސާލަކަށް ބޭރުގައި އުޅެފައި ގެއަށް ދާ ތަނުން، ބަޔަކު އައިސް ހައްޔަރުކޮށްގެން ގެންދިޔައީމަ، އަޅުގަނޑު އަހާލާނީ ކީއްވެތޯ ގެންދިޔައީ. ދެން އެ ފަރާތުން ޖަވާބުދީފާނެ، ގޭގައި ނޯކިރީ އަދާކުރަން އުޅޭ މީހުން ބުނީއޭ އޭނަ ވައްދައިގެން ނުވާނެއޭ. އެހެނެއް ނޫންތޯ މިވަނީ؟" މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މައުމޫން ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މަޖިލީހުގެ އިދާރާގައި ތިއްބަވާ މުވައްޒަފުންނަކީ މަޖިލީހުގެ ހިދުމަތުގައި ތިއްބަވާ ބޭފުޅުން. ވަރަށް އިއްޒަތްތެރި ބޭފުޅުން. ހުރިހާ ބޭފުޅުންނަށް އިހްތިރާމް ކުރަން. އިދާރާގެ ބޭފުޅަކު ވިދާޅުވެގެން މެމްބަރަކު ވަނުން މަނައެއް ނުކުރެވޭނެ. ގޭގެ ވެރިމީހާ އަށް ގެއަށް ވަންނައިރު، ގޭގެ ނޯކިރީ މީހާ ކިހިނެއްތޯ ގޭގެ ވެރިމީހާ ވަނުން މަނާ ކުރެވޭނީ؟ ނުކުރެވޭނެ. އެއްވެސް ހައިސިއްޔަތެއް ނެތް."

މަޖިލިހުގެ އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ. އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މަޖިލީހަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި އޮންނައިރު، މެމްބަރުން ވަރަށް ބޮޑަށް "ފިތިފައިވާ" ކަމަށާއި އެއީ ގާނޫނާ ހިލާފަށް ހިނގާ ކަންކަން ކަމަށް މައުމޫން ވިދާޅުވި އެވެ. މެމްބަރުންނަށް ބޭނުން ވަގުތަކު މަޖިލީހަށް ވަޑައިގެންނެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރަސީ ކަށަވަރުކޮށްދޭ އެންމެ މުހިންމު ކަމަކީ އަދުލުއިންސާފު ކަމަށާއި ގާނޫނު ކުރިމަތީގައި އެންމެން ވެސް ހަމަހަމަވާން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.