ހުޅުމާލޭގައި އިންޓަނޭޝަނަލް ދެ ސްކޫލު އަޅަން ބަޔަކު ހޯދަނީ

ހުޅުމާލޭގެ ފޭސް އެކެއްގައި އިންޓަނޭޝަނަލް ދެ ސްކޫލު އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.


އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް، އެކި ފަރާތްތަކާ މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ފޭސް އެކެއްގައި މިހާރު ވެސް އިންޓަނޭޝަނަލް ސްކޫލެއް ހުރެ އެވެ. އެއީ ސްރީ ލަންކާގެ ގޭޓްވޭ ކޮލެޖާއި ކޮލިޓޭޓް އެޑިއުކޭޝަން ގުޅިގެން ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލެވެ.

ސައިމަން ވިދާޅުވީ ފޭސް އެކެއްގައި އިންޓަނޭޝަނަލް ފެންވަރުގެ ދެ ސްކޫލު އަޅަނީ، އާބާދީ އިތުރުވަމުން އަންނާތީ ކަމަށެެވެ. އަދި ކުރިއަށް އޮތް ތަނުގައި ފޭސް ދޭއްގެ ސަރަހައްދުގައި ވެސް ސްކޫލު އަޅާނެ ބަޔަކު ހޯދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

"އެއް ދުވަހުން އަނެއް ދުވަހަށް އާބާދީ އިތުުރުވަމުން މިދަނީ. ފޭސް އެކެއްގައި ހަދަމުންދާ ބައެއް ފްލެޓުތަކުގެ މަސައްކަތް ނިމުމާ ކައިރި ވެފައިވާއިރު އެތަން ތަނަށް މީހުން އާބާދުވާން ފެށުމުން، ސްކޫލުތަކަށް ޑިމާންޑު ބޮޑުވާނެ. އެހެންވެގެން ދެ ސްކޫލު އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. އަދި އެ ސްކޫލުތައް އަޅާނެ ގޮތުގެ ޕްލޭނެއް ނުނިންމޭ،" ސައިމަން ވިދާޅުވި އެެވެ.

ޒުވާނުންގެ ސިޓީގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ހުޅުމާލޭގައި މިހާރު ވެސް 35،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، މިއަހަރު 10،000 މީހުން އިތުރުވާނެ ކަމަށް ސައިމަން ލަފާކުރެއްވި އެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލު، ރެހެންދި ސްކޫލު ވެސް ހުންނަނީ ފޭސް އެކެއްގަ އެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު އެޗްޑީސީން ވަނީ މުޅިން އާ ކޮންސެޕްޓަކަށް، ރެހެންދިއަށްވުރެ ބޮޑު ސްކޫލެއް އެޅުމަށް 132 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. ހަތް ބުރިއަށް އިމާރާތް ކުރާ އެ ސްކޫލު އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ އެެވެ.