ދައުލަތުން އުޅެނީ ސިޔާސީ ގޮތުން އަޅުގަނޑު ފްރޭމް ކުރަން: އަދީބު

ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާއާ ދެކޮޅަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.


މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި ދިން ކަމަށް ބުނެ އަދީބުގެ މައްޗަށް ކުރާ ދެ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރަނީ ހަދައިގެން އުޅޭ ސިޓީތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މިއީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއްގެ ގޮތުގައި އަދީބު ސިފަ ކުރެއްވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ފައިދާ ހޯދައިދިން ކަމަށް ބުނެ، ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން މިއަދު އޮތީ އިބްތިދާއީ އަޑުއެހުމެވެ.

އެ އަޑުއެހުމުގައި އަދީބު ވަނީ އެ މައްސަލަތައް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ބައްލަވާތީ ވަރަށް ބޮޑަށް އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އަދި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހެކޭ އެއްގޮތަކަށް އަދީބު ވަނީ ގާޒީ އާދަމް މައްސަލަތަކުން ތަނާޒުލް ވުމަށް އެދިވަޑައިގެންފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަށް އަދީބު ހާޒިރުކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެއް ބާވަތެއްގެ 10 މައްސަލައެއް އެއް ގާޒީއަކު ބެއްލެވުމަކީ އަޅުގަނޑުގެ ހައްގުތައް ގެއްލޭ ކަމެއް،" މަޑުމުށި ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން ހުންނެވި އަދީބު ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ މައްސަލަތައް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވެ، އެކަމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް ވަނީ އަދީބަށް 10 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ. އަދި މަގުބޫލު އުޒުރެއް ދިމާވެއްޖެ ނަމަ، އެ މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް 10 ދުވަސް ފަހުން ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދީބުގެ ޝަރީއަތް ފެށުމުގެ ކުރިންނާއި ފަހުން، އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ ވާހަކަތަކެއް ދެއްކެވި އެވެ. އަދި ކޮންމެ ބޭފުޅެއްގެ އަރިހު "ކޮބާ ރަނގަޅުދޯ؟" ވިދާޅުވެ، އަދީބު ބޯ ޖައްސަވާލެއްވި ތަން ފެނުނެވެ. ޝަރީއަތަށް ފަހު، އަދީބު ވަޑައިގަތުމާއެކު، "މިކަން ނިމެނީ" ކަމަށް މަހްލޫފް ވިދާޅުވި އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ "މިކަން ނިމޭނެ" ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގަ އާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކުގައި އަދީބު މިހާރު ވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ އަދީބާ ދެކޮޅަށް ގިނަ އަދަދެއްގެ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ. އާ ދައުވާތައް ސާބިތުވެއްޖެ ނަމަ، އަދީބަށް ގިނަވެގެން 27 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.