މައްކާގައި ހާލުގައި ޖެހުނު ދިވެހިންގެ މައްސަލަ މިނިސްޓްރީން ފުލުހުންނަށް ހުށައެއްނާޅާ

ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިޔަ ދެމަފިރިއަކާއި އުމުރުން ދުވަސްވީ ދެ މީހަކު ހާލުގައި ޖެހުމުން، އެ މީހުންގެ ކަންކަމާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ. ދިވެހި ހައްޖު މިޝަނުން ކުރިން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ އެވެ.

ނަމަވެސް ފުލުހުން ބުނީ ނަސްރުﷲ އާ ގުޅޭ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ނިމިފައި ނުވާ ކަމަށެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 26 ގައި ބުނެފައިވާ ގޮތުގައި އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓް ލިބުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ އެވެ.

ހަތަރު ދިވެހިންނަށް ސައުދީ އަށް ދެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތުމުންނެވެ. ހައްޖު މިޝަނުން ބުނީ ހަތަރު މީހުން އަތުން ފައިސާ ނެގި މީހާ، އެ މީހުން ސައުދީ އަށް ފޮނުވީ ވެސް ހުންނާނެ ތަނެއް ހަމަ ނުޖައްސަ އެވެ. ފަހުން އެ މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައެއް ފެންމަތިވެ، ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ އަދި ވެސް އޮތީ ކޯޓު މަރުހަލާގަ އެވެ.