ރޮހިންޖާގެ މުސްލިމުންނާ ބެހޭ ވޯޓެއް ނުނަގާ: ސަރުކާރު

އދ. ގެ ޖެނެރަލް އެސެމްބްލީގެ 72 ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަކީ މިޔަންމާގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ރޮހިންޖާ މުސްލިމުންނާ ބެހޭ ގޮތުން ނެގި ވޯޓެއް ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އދ. ގައި އިއްޔެ ނެގި ވޯޓަކީ މިއަންމާގައި ރޮހިންޖާ މުސްލިމުން ހިމާޔަތް ކުރުމަށް ނެގި ވޯޓެއް ނޫން ކަމަށެވެ. އެ ވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޖާގެ ނަން ހިމަނާފައި ނުވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތައް ރާއްޖެ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަން އދ. ގައި ރާއްޖެއިން ގޮވާލާފައިވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ވޯޓަކީ މިހާރު ކުރިއަށްދާ ސެޝަންގެ އެޖެންޑާ އާއި އެ ސެޝަންގެ މަސައްކަތް އިންތިޒާމު ކުރުމަށް ހަވާލު ކުރެވިފައިވާ އާންމު ކޮމެޓީގެ ރިޕޯޓުގައި ރައްކާތެރިކުރުމުގެ ހައްގުގެ ދަށުން "ގައުމުތަކުގައި ހިންގަމުން ދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅު" މި މައުޝޫއު ހިމަނާނެތޯ ބެލުމަށް ނެގި ޕްރޮސީޖަރަލް ވޯޓެއް ކަމަށެވެ. ނަމަވެސް މި ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

މިނިސްޓްރީން ބުނީ "ރައްކާތެރި ކުރުމުގެ ހައްގު" ނުވަތަ (އާރު2ޕީ) ގެ އުސޫލުގެ ނަމުގައި ގައުމުތަކުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ބާރުގަދަ ގައުމުތަކުން ވަންނަން ފުރުސަތު ދެވޭތީ (އާރު2ޕީ) ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އދ. ގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވާން ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.

އެ ވޯޓުގައި ރާއްޖެ ބައިވެރިނުވުމުން، މިޔަންމާގެ ސިފައިން އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކާ މެދު ދިވެހި ސަރުކާރުން ނުރުހުން ފާޅުކޮށްފައި ވިޔަސް، އދ. ގައި އަމަލީ ގޮތުން އެކަން ނުދެއްކުނު ކަމަށް ބުނެ، ސަރުކާރަށް ފާޑު ކިޔައިފަ އެވެ.

ގައުމުތަކުގައި ހިންގަމުން ދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވެ، އެކަން ހުއްޓުވަން އދ. މި ފަހަރުގެ އެޖެންޑާގައި ހިމެނުމަށް 117 ގައުމަކުން ވޯޓު ދިނެވެ. އެ މައްސަލަ އެޖެންޑާގައި ނުހިމަނަން 21 ގައުމަކުން ވޯޓު ދިނެވެ.