ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ.--ފައިލް ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2017 - 11:53
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމަލުތަކާ ގުޅިގެން މިހާރު އެމަނިކުފާނަށް އިހުތިރާމް ނުކުރައްވާ ކަމަށް، މައުމޫންގެ އަރިހުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުންދު މިދިޔަ އާދީއްތަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މައުމޫނަށް ކުރައްވަމުން އައި އިހުތިރާމް ގެއްލުނީ، އޭނާގެ އަރިހުގައި ތަކުރާރުކޮށް މައުމޫން ދައްކަވަމުން އައި ވާހަކަފުޅުތަކާއި އަމަލާ ދިމާނުވާތީ ކަމަށެވެ.
"ޕާޓީގެ [ޕީޕީއެމް] އަސާސީ ގަވާއިދު ލިޔުނީ އަޅުގަނޑު. އޭގައި ހުރި ކޮންމެ އަކުރަކާއި ފިއްޔެއް އަޅުގަނޑަށް އެނގޭ. އެމަނިކުފާނު އޭރު އެވެނި، މިވެނި މާއްދާތަކެއް އަސާސީ ގަވާއިދުގައި ހިމަނުއްވަން ބާރު އެޅުއްވީ. އަޅުގަނޑުމެންގެ ޕާޓީ ވެސް ހިނގަން ވާނީ ކުރިން އަޅުގަނޑުމެންގެ އަތުން ފޭލްވި ޕާޓީގައި ކަންތައް ހިނގި ގޮތަށް ކަމަށް ގަބޫލުފުޅު ކުރައްވާ ހިސާބުން އަޅުގަނޑަށް ވަރަށް ދަތި [މައުމޫނަށް] ކުރަމުން އައި އިހުތިރާމް އިތުރަށް ދަމަހައްޓަން،" މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ސަރުކާރުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި މައުމޫން އަމިއްލަފުޅު ގޮތުން އޭނާއާ ދިމާލަށް ވިދާޅުވި އެއްޗަކީ ވެސް މައުމޫނަށް އިހުތިރާމް ކުރެއްވުން ހުއްޓާލައްވަން ޖެހިވަޑައިގެންނެވި ސަބަބެކެވެ.
"އަޅުގަނޑާ ދިމާލަށް މައުމޫން އެ ވިދާޅުވި ބަހަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހައްގު އެއްޗެއް ނޫން. އަޅުގަނޑު އެއަށް ވުރެ މާ ގިނަ ޚިދުމަތް ހުންނާނެ އެމަނިކުފާނަށް ކޮށްދީފައި. އަޅުގަނޑު ހަމައެކަނި ގާތްވެގެން އުޅުނީ، އެ ގެއަށް ވަދެ ސައިބޮއެ އުޅުނީކީ ނޫން. ޕްރޮފެޝަނަލީ އަޅުގަނޑު އެމަނިކުފާނަށް ވަރަށް ގިނަ ޒަމާން ވަންދެން، ވަރަށް ގިނަ ޚިދުމަތް ކޮށްދީފައި ހުންނާނެ. އެއީ އަގަކަށް ވެސް ނޫން،" މުންދު ވިދާޅުވި އެވެ.
ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޔާމީން، އޭނާއާ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
މުންދު ވިދާޅުވި ގޮތުގައި ކުރީގެ ތިން ރައީސުންގެ ތެރެއިން އޭނާގެ އިހުތިރާމް މިހާރު އޮތް ހަމައެކަނި ބޭފުޅަކީ މުހައްމަދު ވަހީދެވެ. އަދި ވަހީދު ލަންކާ އަށް ވަޑައިގެންފި ނަމަ އަމިއްލަ ގޮތުން ވެސް ވަހީދާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަމިއްލަ ގޮތުން ދުވަހަކު އިހުތިރާމެއް ނުކުރައްވާ ކަމަށެވެ. އެކަމަކު ނަޝީދަކީ ކުރީގެ ރައީސް ކަމަށް ވާއިރު އެމަނިކުފާނަށް އިހުތިރާމް ކުރައްވަންޖެހޭނެ ނޫންތޯ ދެންނެވުމުން ވިދާޅުވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅަކަށް ސަފީރެއްގެ ހައިސިއްޔަތުން އިހުތިރާމް ކުރައްވާނެ ކަމަށެވެ. އެކަމަކު ވިދާޅުވީ ނަޝީދަށް ފަހުން ވެސް އިހުތިރާމް ނުކުރައްވާނެ ކަމަށެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި 2008 ގެ ރިޔާސީ އިންތިޚާބުގައި މައުމޫން ބަލިވުމުން، އެމަނިކުފާނުގެ ފަހަތްޕުޅުން ސަރުކާރުގެ ވަޒީފާ ދޫކުރައްވާފައި ވަޑައިގަތް ފުރަތަމަ ބޭފުޅަކީ ވެސް އޭނާ އެވެ. އަދި އޭގެ ފަހުން މައުމޫން ދެއްކެވި އޮފީހެއްގައި މަސައްކަތް ކުރެއްވީ މުސާރަ ބޮޑުވެގެން ނޫން ކަމަށް ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެބޭފުޅުންގެ ގުޅުން ވެސް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ އޭނާ ކަމަށެވެ. އަދި ސަރުކާރާއި ޕީޕީއެމްގެ ކަންކަމުގައި ރައީސް ޔާމީނާއި މައުމޫންގެ ވިސްނުން ފުށުއަރައިގެން ނުވާނެ ކަމަށް އަބަދުވެސް އޭނާ ގަބޫލު ކުރެއްވި ކަމަށެވެ. އެކަމަކު މައުމޫން ގެންދެވީ ތަކުރާރުކޮށް ސަރުކާރުގެ ކަންކަމާ ބެހިވަޑައިގަންނަވަމުން ކަމަށް މުންދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
"އެހެންވީމާ އެ ހައިސިއްޔަތު ގޯސްވީ. ނަޝީދު ހަމަ ވަޑައިގެން ސަރުކާރަށް ފާޑުކިޔަންވީ އިދިކޮޅު ލީޑަރު ކަމަށް ވަންޏާ. އެކަމަކު ހަމަ އެ ރައީސް [މައުމޫން] އިންނަވައިގެން މި ޕާޓީގެ ސަރުކާރުން މި ކުރިއަށް ގެންދާ ބްރިޖާއި އެހެނިހެން މަޝްރޫއުތައް ރަނގަޅުވެގެން ތައުރީފުކޮށް ބަޔާން ނެރެފައި ހުންނާނެ. އެ ބަޔާން ލިޔުނު މީހާ އަޅުގަނޑަކީ. އެ ބަޔާން ލިޔުނު މީހާ ކައިރީގައި މި ބުނަނީ އެމަނިކުފާނު [ރައީސް ޔާމީން] ކަމަކު ނުދެއޭ ދެވަނަ ދައުރަކަށް. މިއީ އަޖާއިބެއް ނޫންތޯ،" މުންދު ވިދާޅުވި އެވެ.
"އެކަމަކު [މައުމޫން] ބޭނުންފުޅުވާ ގޮތަކަށް އަސާސީ ގަވާއިދުގައި އެކަމެއް އޮންނަންޖެހޭ ތަންދިނަސް ނުދިނަސް. އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ރިޔާސީ ޓިކެޓުގެ ކަންތައް ވެސް ދާން ޖެހެނީ. އަޅުގަނޑަށް އެކަން ގަބޫލު ނުކުރެވެނީ އަސާސީ ގަވައިދު ލިޔުނީ އަޅުގަނޑު ކަމަށް ވާތީ."
މުންދު ވިދާޅުވީ މައުމޫން ޕީޕީއެމް ހިންގެވި ދުވަސްވަރު އެ ޕާޓީގެ ކައުންސިލް ވެސް ބަރާބަރަށް ނުބާއްވާ ކަމަށެވެ. އަދި ޕާޓީގެ މަސައްކަތްތައް ވެސް ނެތް ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާރު އެއާ ޚިލާފަށް ޕީޕީއެމް ވަރަށް ފޯރީގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުކިޔާ
20 September 2017
ފުރަތަމަ ކަލޯއަށް އިޙްތިރާމްކުރާ އެކަކުވެސް މިރާއްޖޭގައި ހުރިތޯ ބަލާބަލަ.
ދެޓް ވޭ
20 September 2017
މީނަ ލަންކާ އަށް ފޮނުވީމާ މިހާ އަނގަގަދަ ވެގެން މިއުޅޭ ސަބަބެއް ހޯދަންވެއްޖެއެންނު.
މައިތިރިޕާލާ
20 September 2017
މި މުންދަކީ ވަރަށް މައުމޫނު ވެފަ އުޅުނު މީހެއް..އަބަދުވެސް ދުލު ކުރީގައި އޭރު އޮންނާނީ ރައީސް މައުމޫނު..އަބަދުވެސް އެއާއިލާގެ މީހުންގެ ވާހަކަ ދައްކާނީ..މައުމޫނު ހުންނެވި ކޮޅެއްގައޭ ތިމަންނަ ހުންނާނީ..ގައްސާނަކީ ތިމަންނަގެ ބެސްޓް ފްރެންޑޭ ބުނީ ހަމަ ތި މުންދުގެ ދުލުން..މަށާއެއްކޮށް ރައީސް އޮފީހުގެ ސައި ކޮޓަރި ތެރޭގައި ސައިބޯން އިނދެފަ
ސައްބަޑި
20 September 2017
މުންދުމެންގެ ވިސްނުން ހުންނަނީ ހިހޫތަނުން ކާލެވޭނީ ކިހިނެއް އުޅުނީމަތޯ؟ ކުރިން މައުމޫނަށް ސަނާކިޔުމުގަ، ނަތީޖާއަކީ ރައީސްއޮފީހުގެ މިނިސްޓަރުކަން. މިހާރު ޔާމީނަށް ސަނާކިޔުން ނަތީޖާއަކީ ސަފީރުކަން. ގޯހެއްނޫންނެއްނުތޯ؟ އަމުދުން އެ އެއްޗަކުން ނުކުންނާނީވެސް އެ އެއްޗެއްގައި ހުރި އެއްޗެއް.
ގުނބޯ
20 September 2017
މީނާ އިޙްތިރާމް ކުރާ މީހަކު މިދުނިޔޭގަ އެބަހުރިބާ....!
އަލިފުތު
20 September 2017
މައުމޫނަކީ އިޙްތިރާމް ލިބި އެއިޙްތިރާމްގައި ދެމިހުރުމުގެ ގާބިލް ވިސްނުން ހުރެ ނަމަވެސް އެކަން ބަލައިނުގަތް ބޭފުޅެއް. އެކަން އެހެން އޮތް ނަމަވެސް ސަފީރުންގެ ބަސްމޮށުމުގެ ވަކިމިންވަރެއް އޮންނާނެ. އެމިންވަރުގައި ހިފެހެއްޓުމަކީ މުންދު މިހާރު ކުރަންޖެހިފައިވާ ކަމެއް.
ލުގުމާނު
20 September 2017
އިހްތިރާމް ކުރުމުގެ ފޯމިއުލާ އޮންނަގޮތަކީ : އިހްތިރާމް ލިބޭނީ އިހްތިރާމް ކޮށްގެން. މިހާރުގެ ސަރުކާރަށް މައުމޫން އިހްތިރާމް ނުކުރާކަން އެއްމެނަށް އެނގޭނެ. ދެން މިސަރުކާރަށް ނިސްބަތް ވާބަޔަކުވެސް އިހްތިރާމެއް ނުކުރާނެ
ރަދީފް
20 September 2017
މީނަ ކޮންމެ ދުވަހަކު ވަރުގަދަ ހެޑްލައިން ހަދަނީ މިދެން ރާއްޖޭގެ ''ޑުޓަޓޭ'' ތަ؟؟ އަހަރުމެން ދުވަހަކުވެސް މުންދަށް އިހްތިރާމެއް ނުކުރަން އަދި ނުވެސް ކުރާނަން. ވ.ވެދުން
ގަމާރު
20 September 2017
ރަގަޅީވެސް ނުކުރިއްޔާ. މުންދު ކަހަލަ މީހެއްގެ އިޙްތިރާމް ނުލިބުނިއްޔާ ރަގަޅުވާނީވެސް. އެއީ ތިކަހަލަ މީހެއްގެ އިޙްތިރާމް ބޭނުންވެގެން އުޅޭނީ ގަމާރު ޖާހިލުން. އަދި އިޙްތިރާމް ކުރުމުގެ ނަމުގަ އެމީހަކަށް ހުޝާމަދުކޮށް ވައި ހޯދުން ނޫންކަމެއް ތިކަހަލަ މީހަކަށް ކުރާކަށް ނޭންގޭނެ. އެހެންވީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ އިޙްތިރާމް ނުކުރީތީ.
ހައިރާން
20 September 2017
މިކަހަލަ ޑިޕްލޮމެޓުން ފެނިފަ ޔަގީންވޭ އެބަ މިގައުމުގައި އެއްކަމެއްވެސް ހައްލުވާކަށް ނެތްކަން. ޒާތީވެވެނީ މާ ބޮޑަށް. މީހުން ކުރާ ކަންކަމާ އެހާ ޕާރސަނަލްވެގެން އިންޓަރވިއު ނުދޭން ކިޔެވި ދާއިރާއިން ދަސްނުވަނީބާ؟