ރިލްވާން ވަގަށް ނެގި ކަމަށް ދައުވާކުރި ސުއައިދު ވީތަނެއް ނޭނގެ!

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ދައުވާ ކޮށްފައިވާ އިރު އޭނާ ވީތަނެއް ނޭނގެ އެވެ.


ރިލްވާން ވަގަށް ނަގައި ފޮރުވުމުގެ ދައުވާ ރައްދު ވަނީ ސުއައިދުގެ އިތުރުން ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީނަށެވެ. މި ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

ރިލްވާން ގެއްލުނުތާ ތިން އަހަރު ފަހުން މައްސަލަ ކޯޓަށް ފޮނުވާފައިވާ އިރު ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ސުއައިދު ދިޔައީ ސީރިޔާގެ ހަނގުރާމާގައި ބައިވެރިވާން ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

ކޯޓުން ދޫކޮށްލުމާ އެކު ސުއައިދު ރާއްޖެ އިން ބޭރަށް ފުރުވައިލީ، މި ސަރުކާރުގެ އިސް ވެރިންތަކެއްގެ ބައިވެރިވުމާ އެކު ކަމަށް ރިލްވާންގެ އާއިލާ އިން ތުހުމަތު ކުރެ އެވެ.

ސުއައިދާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އެކަމާ ގުޅޭ މައުލޫމާތުތައް ފުލުހުން ހާމަ ނުކުރާނެ ކަމަށެވެ.

ސުއައިދުގެ އިތުރުން މި މައްސަލައިގައި ދައުވާކުރި އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

މި މައްސަލާގައި ފުލުހުން ތުހުމަތުގައި ހައްޔަރުކުރި އެންމެން ވަނީ ދޫކޮށްލައިފަ އެވެ.

ރިލްވާން ވަގަށް ނެގީ މި ސަރުކާރުގެ ސިޔާސީ ބަޔަކު އިސްވެ ތިބެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެންމެ ބޮޑު ތުހުމަތެއް ކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށެވެ. އެކަމަކު އެ ތުހުމަތުތައް އެ މަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ.