ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް މިލިއަނުން ގެއްލުން!

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތުތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ހާމަކޮށްފި އެވެ.


ޑޮލަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް މުއާމަލާތްތައް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެސް ހިމެނިއިރު، ޝަރޫ ލޯންޗް ސާވިސް ކިޔާ ކުންފުންޏަކުން ޑޮލަރު ގަތުމުގެ މުއާމަލާތް ހިންގައި ދައުލަތަށް ލިބުނު ގެއްލުން، މާކުރިން މީޑިއާ އިން އޮތީ ތިލަކޮށްލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސް ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަށް ދިން 17 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ 2014 އާއި 2015 ވަނަ އަހަރު އަމިއްލަ ބައެއް ފަރުދުންނާއި ކުންފުނިތަކުގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކުން ޖުމްލަ އަށް މިލިއަން ޑޮލަރު 129 މިލިއަން ރުފިޔާ އަށް ގަނެފައިވާ ކަމަށެވެ. މީގެ ތެރެއިން 2014 ގައި ފަސް މިލިއަން ޑޮލަރު 96 މިލިއަން ރުފިޔާ އަށް އަދި 2015 ގައި 0.4 މިލިއަން ޑޮލަރު ހަ މިލިއަން ރުފިޔާ އަށް ގަތީ އަމިއްލަ ބައެއް ފަރުދުންނާއި އަމިއްލަ ކުންފުނިތަކުންނެވެ.

ކުންފުނީގެ ބޯޑުން ފާސްކޮށްގެން ފެނަކައިން ޑޮލަރު ގަންނަނީ، ރިޕޯޓުގައިވާ ގޮތުގައި، ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ހޯދާ މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށެވެ.

"ޑޮލަރު ގަތުމުގެ މުއާމަލާތްތައް ހިންގާފައިވާ ގޮތަށް ބަލާއިރު ޑޮލަރު ގަނެފައި ވަނީ ޑޮލަރު ވިއްކާ ފަރާތްތަކަށް 15.42 ރުފިޔާގެ ރޭޓުން ފައިސާ ދިނުމުގެ އިތުރުން ކޮމިޝަންގެ ގޮތުގައި ޑޮލަރު ވިއްކާ ފަރާތަށް އިތުރަށް ފައިސާދީގެން ކަން ފާހަގަކުރެވެ އެވެ،" އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައިވެ އެވެ.

ފެނަކައިން ދެ އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު 15.42 ގެ ރޭޓުން ގަތުމަށް 95 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެ ފަރާތްތަކަށް ކަމިޝަންގެ ގޮތުގައި ވެސް ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ 2014 އާއި 2015 ގައި ފެނަކައިން ޑޮލަރު ގަނެފައިވާ އެއްވެސް ފަރާތަކީ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާކަމެއް ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޑޮލަރު ގަތުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލައި އެ އުސޫލުގެ ދަށުން ކުރިއަށް ގެންދަން އޮޑިޓަ ޖެނެރަލް ވަނީ ފެނަކަ އަށް ލަފާ ދެއްވައިފަ އެވެ. އަދި ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން އެހެން ބަޔަކާ އެކު ޑޮލަރު ގަތުމުގެ މުއާމަލާތް ނުހިންގަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.