އިރުއޮއްސުމުގެ ކުރިން ބިލެތްފައްސަށް ކަރަންޓު ދެވޭތޯ ބަލަނީ

ށ. ބިލެތްފައްސަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދިނުމަށް ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.


ބިލެތްފަހީގެ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އަދި އެ ރަަށުން ވަނީ ރެއިން ފެށިގެން ކަރަންޓު ކެނޑިފަ އެވެ.

ބިލެތްފެހި ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ އެ އަތޮޅު ފޯކައިދޫން ޖަނަރޭޓަރެއް ގެންދިއުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިރުއޮއްސުމުގެ ކުރިން ކަރަންޓު ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޭ ވެސް ކަނު އަނދިރީގައި ރައްޔިތުން ތިބީ،" ޝަރީފު ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގައި ފެނަކަ އިން ހިންގަމުން އައި އިންޖީނުގޭގައި ރޯވާން ދިމާވީ، ތިން އިންޖީނުގެ ތެރެއިން އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް އަދިއެއް ނުލިބެ އެވެ.