ގދ. އަތޮޅު ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ ބެހުނު ކަމަށް ތުހުމަތު ކުރާ 75 އަހަރުގެ ފިރިހެން މީހާގެ ހާލު ބޮޑުވެގެން އިމަޖެންސީގައި މާލެ ގެނައި ނަމަވެސް، އޭނާ ހޮސްޕިޓަލަށް ނުގެންދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރަށުގެ ނުފޫޒު ގަދަ މީހެއްގެ ގޮތުގައި ބެލެވޭ އެ މީހާ ބަލިވެގެން މާލެ ގެނައީ އިއްޔެ އެވެ. ހާލު ދެރަވެގެން، އޭނާ މާލެ ގެނައި ނަމަވެސް، އަދިވެސް އޮތީ އާއިލާގެ މީހެއްގެ ގޭގައިކަން ވަނީ އެނގިފަ އެވެ.
ސިއްހީ މަރުކަޒުގައި އިއްޔެ އޭނާ އެޑްމިޓްކުރީ، ހަތަރު ބެއިންނާ ބެހުނު މައްސަލައިގައި ސުވާލު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެ ރަށަށް ދިޔުމާއެކު އެވެ. އެހެންވެ، މި މައްސަލައިގައި އޭނާއާ ސުވާލު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ހާލު ގޯސް ކަމަށް ބުނެ، އޭނާ އިމަޖެންސީގައި މާލެ ގެންދިޔުމަށް އަންގާފައިވަނީ އެ ރަށު ސިއްހީ މަރުކަޒުންނެވެ. ސިއްހީ މަރުކަޒުގެ މެނޭޖަރަކީ އޭނާ އަށް ކާފަ ކިޔާ މީހެކެވެ.
"މިހާރު"އާ ވާހަކަ ދައްކަމުން، އެ އަނިޔާ ލިބުނު ކުދިން ބުނެފައިވަނީ އެ މައްސަލަ ބަލަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޖެންޑާ އިން އެ ރަށަށް ދިޔުމުން ވެސް އެ ދެ ފަހަރު ވެސް އޭނާ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ އެހީތެރިކަން ފޯރުކޮށްދޭ އެ ހަތަރު އަންހެން ކުދިންނާ އޭނާ ވަނީ އެކި ދުވަސް މަތިން ގުޅުން ހިންގާފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ކުއްޖާގެ އުމުރުން 14 އަހަރުގައި ބެހެން ފެށި ގޮތަށް، ތިން އަހަރު ފަހުން އެ ކުއްޖާ ފިލައިގެން މާލެ އަންނަންދެން ވެސް ގަދަކަމުން ގުޅުން ހިންގި ކަމަށްވެ އެވެ.
އޭގެ ފަހުން ދެން ގުޅުން ހިންގީ އޭގެ ހަގަށް ތިބި ކުދިންނާ ކަމަށް، އޭގެ ތެރެއިން ދޮށީ ކުއްޖާ ބުނެފައިވެ އެވެ. އެ ކުދިންގެ މަންމަ އެންމެ ފުރަތަމަ މަސައްކަތް ކުރީ، އެނގިފައިވާ ގޮތުގައި، އެ ހުރިހާ ކަމެއް ސިއްރު ކުރާށެވެ. އެކަމަކު މިހާރު ބޭނުންވަނީ އެ ހުރިހާ ވާހަކައެއް ކިޔައިދޭން ކަމަށްވެ އެވެ.