ފްލެޓް ދިން ގޮތާއި ލިބުނު މީހުންގެ މައުލޫމާތު މަޖިލީހަކަށް ނުދިން!

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތާއި ދޭން ނިންމި މީހުންގެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ ހިއްސާ ކުރަން މަޖިލީހުން އެންގުމުން ވެސް ހައުސިން މިނިސްޓްރީން އެ މައުލޫމާތު މަޖިލީހަކަށް ނުފޮނުވި އެވެ.


ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކުރި އިރު، އެއްވެސް ތަފްސީލެއް ނޭނގޭތީ ފްލެޓް ލިބުނު މީހުންގެ ނަމާއި ލިބުނު ޕޮއިންޓާއި ފްލެޓް ދިނުމުގައި ގެންގުޅުނު އުސޫލުތައް ހައުސިން މިނިސްޓްރީ މެދުވެރިކޮށް ހޯދަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީ ފޮނުވި ސިޓީ އާއި ތަފްސީލްތަކުގައި ހިމެނެނީ މީހުންނަށް ފްލެޓް ދިން ގޮތުގެ އުސޫލުތައް އެކަނި ކަމަށެވެ. އަދި ފްލެޓް ދޭން ނިންމި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މަޖިލީހާ ހިއްސާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު، މެމްބަރުން ބޭނުންވެވަޑައިގަތަސް، އެއީ ކޮންމެހެން މަޖިލީހާ ހިއްސާ ކުރަން ޖެހޭ މައުލޫމާތަކަށް ވާން ނުޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޒާތީ މައުލޫމާތުތައް މަޖިލީހަށް ހިއްސާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ހައުސިން މިނިސްޓްރީން ފޮނުވި މައުލޫމާތުތައް މެމްބަރުންނާ ހިއްސާ ކުރެއްވުމަށް މިއަދުގެ ވަގުތެއްގައި ކޮމެޓީ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މަޖިލިސް މެމްބަރުން ތިއްބެވީ ޗުއްޓީގައި. މެމްބަރުންނަށް ވަޑައިގެންނެވޭތޯ ބަލާފައި ކޮމެޓީ ބައްދަލުވުމެއް ބާއްވާނީ. މިއަދު ވެސް ބާއްވަން އެބަ މަސައްކަތް ކުރަން،" ރިޔާޒް ވިދާޅުވި އެވެ.

މިނިސްޓްރީން މަޖިލީހަށް ފޮނުވި ތަފްސީލްތައް ހޯދަން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، އެ މައުލޫމާތު މިހާތަނަށް އައި އިރު، މެމްބަރުންނަށް ލިބިވަޑައެއް ނުގަންނަވަ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެ މައުލޫމާތު ހޯދަން މަޖިލީހުން ހައުސިން މިނިސްޓްރީގައި އެދުނީ، ފްލެޓް ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތް މުއްދަތުގައި ކަމަށްވާތީ، ޝަކުވާތައް ބެލުމަށް ފަހު ފައިނަލް ލިސްޓު އާންމު ކުރުމަށް ފަހު މަޖިލީހަށް އެ މައުލޫމާތު ފޮނުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ މަޖިލީހަށް އަންގާފަ އެވެ.

ކޮމެޓީގެ މެމްބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމެޓީ އަށް ލިބޭ މައުލޫމާތުތައް އީމެއިލް މެދުވެރިކޮށް ކުރިން މެމްބަރުންނާ ހިއްސާ ކުރާ ކަމަށެވެ. އަދި މެމްބަރަކު ވަކިން އެދިވަޑައިގެންފި ނަމަ، މައުލޫމާތުތައް މެމްބަރުންނާ ހިއްސާ ކޮށްފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، ފްލެޓްގެ ތަފްސީލްތައް ނުދިން މައްސަލައިގައި އޭނާ ވަނީ ރިޔާޒް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑު މަޖިލީހުގެ ސެކްރެޓޭރިއަޓަށް ގުޅާފައި ބުނިން މައުލޫމާތުތައް ދޭން. އެކަމަކު މުވައްޒަފަކު ބުނީ ރިޔާޒް އަންގާފައޭ އޮތީ މެމްބަރުންނަށް ނުދޭން. ކޮމެޓީ ބައްދަލުވުން ބާއްވާ އިރު، އެ ބައްދަލުވުމުގައި މައުލޫމާތުތައް މެމްބަރުންނާ ހިއްސާކުރާ ގޮތަށް އޮތީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ނަމަވެސް ރިޔާޒް ވިދާޅުވީ ކޮމެޓީ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން ކޮމެޓީތަކަށް އަންނަ ސިޓީތަކާއި މައުލޫމާތުތައް މެމްބަރުންނާ ހިއްސާ ނުކުރައްވާނެ ކަމަށެވެ. އެއީ މަޖިލީހުގައި މިހާތަނަށް އަމަލުކޮށްފައި އޮތް އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީއަކުން މައުލޫމާތެއް ހޯދަން މިނިސްޓްރީގައި އެދިފައި އޮއްވާ، އެ މައުލޫމާތުތައް ނުދިނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. މަޖިލީހުން އެދިއްޖެ މައުލޫމާތެއް ސަރުކާރުގެ ވުޒާރާތަކުން ހާމަ ކުރަން ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"މީގެކުރިން ސިއްރު ޖަހާފައި ވިޔަސް، މައުލޫމާތުތައް އެބަހުރި މަޖިލީހާ ހިއްސާކޮށްފައި. އެމްއެންޑީއެފުން އެބަހުރި ސިއްރު ޖަހާފައި މައުލޫމާތު ހިއްސާކޮށްފައި. އެކަމަކު އެ ގޮތަށް މިނިސްޓްރީން ވެސް ހިއްސާ ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރޮޒެއިނާ ވިދާޅުވި އެވެ.

"މަޖިލީހަށް ބޭނުންވާ މައުލޫމާތުތައް ހިއްސާ ނުކުރުމަކީ މި ސަރުކާރުން ކުރަން ފެށި ކަމެއް،"

މަޖިލީހުން ބޭނުންވި މައުލޫމާތުތައް ހައުސިން މިނިސްޓްރީން ނުދިނުމަކީ، މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަންކަން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ހުޅުމާލޭން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމު ކުރީ އެ ލިބުނު މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބުނު ޕޮއިންޓުގެ އަދަދު ވެސް ނޭނގޭ ގޮތަށެވެ. އަދި ހައުސިން މިނިސްޓަރު މުއިއްޒުއާ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް ފްލެޓާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ ދިވެހިންގެ ތެރެއިން ބަޔަކަށް ފްލެޓް ލިބުނު އިރު، އެއީ ކޮން ހަމައަކާއި އުސޫލަކުން ލިބުނު ފްލެޓްތަކެއް ކަން ނޭނގޭ ކަމަށެވެ. އަދި އެކަން ދެ ފުށް ފެންނަ ގޮތަށް ހާމަ ނުކުރުމަކީ މައްސަލައެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، ހަތަރު އަހަރު ފަހުން ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކެވެ. މި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.