ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމްގެ މައްސަލާގައި ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާލާފައި: ވަކީލުން

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން އަދި ޝަމީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

28 ސެޕްޓެމްބަރ 2017 - 16:48

3 comments
angry icon 50%

ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ތިން އަަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިއްލަވަން މަސައްކަތް ނުކުރައްވާ ކަމަށާއި ގާސިމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ޚިލާފުވެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމުން ސަރުކާރަށް ފެންނަނީ ހަމައެކަނި ޖަލު ހުކުމުގެ ވާހަކަ އެކަނި ކަމަށެވެ. ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ކޯޓުން ކުރި އަމުރަށް ސަރުކާރުން ތަބާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުކުމުގައި މި އޮންނަނީ ގާސިމަށް ފަރުވާ ދެއްވާ ޑޮކްޓަރުން ލަފާ ދެއްވާ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް. އެއްގޮތަކަށް ވެސް މިއީ ކަރެކްޝަނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެކަން ކުރުމަށް ކުރައްވާފައި އޮތް އަމުރެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ހިތުގެ ބައްޔަށް ފަރުވާ ހޯދެއްވުމަށް ގާސިމް ސިންގަޕޫރުގައި ތިން މަސް ދުވަހު ހުންނަވަން ޖެހޭނެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން 20 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަރެކްޝަނުން މިދިޔަ އަންގާރަ ދުވަހު އަންގާފައި ވަނީ އިތުރަށް ދެން މުއްދަތު ދެވެން ނެތުމުން ފަސް ދުވަސް ތެރޭގައި ގާސިމް ރާއްޖެ ވަޑައިގަތުމަށެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަމީމް (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަމީމް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމާ ހިލާފަށް ކަރެކްޝަނުން މަސައްކަތް ކުރާ މައްސަލަ އެ ކޯޓަށް އިއްޔެ ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މިކަމުގައި ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު ޝިހާން ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިކަމަކީ ގާނޫނުލްއުގޫބާތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމެއް. އަނެއްކާ ކޯޓުގެ ހުރުމަށް ކަނޑާލުމާ ގުޅޭ ކަމެއް މިކަމަކީ،" ޝަމީމް ވިދާޅުވި އެވެ.

"ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ދައުވާ (ޝިހާނަށް) ސީދާ ކުރެވޭ ގޮތަށް މިއޮތީ،"

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ މީހެއްގެ ބަލި ހާލަތާ މެދު ގޮތެއް ކަނޑައަޅައި، އެމީހަކަށް ދޭން ޖެހޭ ފަރުވާ އާއި ހަދަން ޖެހޭ ޓެސްޓުތަކަކީ ކަރެކްޝަނުން ނުވަތަ ޝަރުއީ ކޯޓަކުން ނިންމޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. ބޭސްފަރުވާ ކުރިއަށް ގެންދިއުމުގެ ހަމަތަކާއި ތަރުތީބުތަކަކީ ޑޮކްޓަރުންގެ ފަންނީ ލަފަ އާއި އިރުޝާދާއެކުގައި ކުރިއަށް ގެންދަން ޖެހޭ ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

ގާސިމް ކްރިމިނަލް ކޯޓުން ނިކުމެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު

ނަމަވެސް ގާސިމްގެ މައްޗަށް ޝަރީއަތް ކުރިއަށް ދިޔައިރުން ފެށިގެން ހުކުމް ތަންފީޒު ކުރަމުން އަންނަ މުއްދަތުގައި ކަންކަން ހިނގަނީ ޑޮކްޓަރުން ދެއްވާ ލަފައާ އެއްގޮތަށް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ގާސިމްގެ ބޭސްފަރުވާގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދި 84 ސިޓީއެއް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ރާއްޖޭން ބޭރުގައި ހުންނަވާއިރު، މިހާ ކުރު، އަވަސް މުއްދަތުތަކެއް ދެއްވާއިރު، ކަންތައްތަކަށް ތައްޔާރުވާން ވަގުތު ނުދެއްވީމަ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާނެ،" ހިސާން ވިދާޅުވި އެވެ.

"ބޭސްފަރުވާއަށް (ގާސިމް) ވަޑައިގަތީ ވަކި ކަހަލަ ޓެސްޓުތަކެއް ހަދަން، ޕްރޮސީޖަތަކެއް ހަދަން. ޕްރޮސީޖަ ނުނިމެނީސް ކުއްލިއަކަށް މި އަންގަނީ އަނެއްކާވެސް މުއްދަތެއް އިތުރު ނުކުރެވޭނެއޭ، އަނބުރާ އަންނާށޭ. އެހެންވީމަ މިގޮތަށް މުއްދަތުތައް ދިނުމުގައި ވަރަށް ދަތިވާ ގޮތަށް ކަންތައް ކުރައްވަނީ،"

ހިސާން ވިދާޅުވި ގޮތުގައި ގާސިމާ މެދު އަމަލު ކުރަމުން އަންނަ ގޮތުން ކްރިމިނަލް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. ސަރުކާރަށް ފެންނަނީ ހަމައެކަނި "ތިން އަހަރާއި ދެ މަހާއި 12 ދުވަސް ޖަލަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވަނީ ގާސިމްގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅިތާ އެއްތައް ދުވަހެއް ވެފައި ވާއިރު ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދިވެސް ގޮތެއް ނިންމާފައި ނުވާކަން ވެސް ފާހަގަކުރައްވައިފަ އެވެ.

ހިތުގެ އޮޕަރޭޝަނާއި ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން މި ވަގުތު ދަތުރު ނުކުރެއްވުމަށް، ސިންގަޕޫރުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ ގާސިމް މަތިންދާބޯޓަށް އަރުވަން ވެސް އެއާލައިންތަކުން ދެކޮޅު ހަދާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ ގާސިމަށް ރާއްޖެ ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

3 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 13%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަމެ

29 September 2017

ބައެއްގެ ވާހަކަ ނުދައްކާ ފުރަތަމަ ކޯޓު ހުރުމަތައް އަމިއްލަ އައް އިސްލާހުވެބަލަ.

The name is already taken The name is available. Register?

އަލީ ނަސީރު

29 September 2017

ކަރެކްޝަނަކީވެސް ހަމަ ދިވެހިން ނޫންތޯ؟ އެހެން މުއައްސަސާ ތަކާ ވަކި ތަފާތު ބޮޑުކޮއް މާތެދުވެރިވާނެކަމައް ހީކުރުމަކީ މޮޔަކަމެއް.

The name is already taken The name is available. Register?

މެންޓަލިސްޓް

28 September 2017

ކަރެކްޝާންސް އަކީވެސް ހޯމްމިނިސްޓްރީ ،،، ފުުލުސްއޮފީސްހިނގާނީވެސް ހޯމްމިނިސްޓްރީދަށުން ،،، ހޯމްމިނިސްޓަރ އައްޔަންކުރާނީ ރަޢީސުލްޖުމްހީރިއްޔާ ،، ފޮލިސްކޮމިޝަނަރަ އައްޔަންކުރާނީ ވެސް ރައީސްމީހާ ،، ޖޭއެސްސީއޭ ކިޔާމިނިވަން މުއައްސަސާއެއް ކަމަށްލިއެފައި އޮންނަތަންވެސް އޮންނާނީ ޕާލިއަމެންޓް މެޖޯރިޓި އޮތްބައެއްގެ އަތްދަށުގައި ،، އެއީވެސް މިނިވަންތަނެއްނޫން ،،، އަނެއްހެން ތަފާތު ނަންބޯޑްތަކާއި ތަފާތު އިމާރާތްތަކުގައި ހުއްޓަސް ގާނޫންއަސާސީ ފަރުމާކޮއްފައިއޮތްގޮތުން ހުރިހާ އެއްޗަކީވެސް އެކައްޗެއް ،، ރާއްޖޭގައި އޮންނަނީ ޑިމޮކްރެސީގެ ޗެކް އެންޑް ބަލެންސްގެ ބަދަލުގައި ބޭންކް ޗެކާޢި ބޭންކު ބެލެންސް ،،،، އެހެންވެ ކޮރަޕްޝަން އިންތިހާހައް ބޮޑުވެގެން އުޅެނީ ،، ވަރަށްވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!