ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާ އެކު ލޯނު އެއްބަސްވުމެއްގައި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް މިހާރު ޔޫއޭއީ އަށް ކުރައްވާ ދަތުރުފުޅުގައި އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑުން ދެނީ ކިހާ ވަރެއްގެ ލޯނެއް ކަމެއް ނޭނގެ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަބުދާބީ ފަންޑުން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ލިބުން އެކަށީގެންވެ އެވެ. އެކި ސަބަބުތަކާ ހެދި ލަސްވެފައިވާ ޓާމިނަލް މަޝްރޫއަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ އިރު އެ ފައިސާގެ ހޯދަނީ މުއްސަނދި އަރަބި ގައުމުތަކުގެ އެކި ފަންޑްތަކުންނެވެ.
ޓާމިނަލް މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައުދީ އަރަބިޔާގެ ބިންލާދިން ގްރޫޕާ އެވެ. މިހާރު ކުރިއަށް ދަނީ ޓާމިނަލްގެ ޑިޒައިނާއި އެއާ ގުޅޭ އެންމެ ފަހުގެ މަސައްކަަތް ކަމަށް އެނގިފައިވެ އެވެ.
ދުބާއީގެ ރޫލަސް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޔޫއޭއީގެ ނައިބު ރައީސާއި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ބައިވެރިވެވަޑައިގެންނެވި އެވެ.
ތާމިނަލް މަޝްރޫއުގެ އެއްބަސްވުމުގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަަދަހިކުރަން އެހެން ތިން އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. އޭގެ ތެރޭގައި ޑިޕްމޮލެމެޓިކް ވިސާއާ ގުޅޭ އެއްބަސްވުމަކާއި ޓެކްސްއާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުން ޔޫއޭއީ އަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާކުރައްވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ. އޭގެ ފަހުން ޔޫއޭއީން އަންނަނީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ގެދޮރު އިމާރާތްކުރުމާއި މުވާސަލާތީ ހިދުމަތާއި ދަތުރުފަތުރުގެ ނިޒާމު ފަދަ ކަންކަން ރަނގަޅުކުރަން އެ ގައުމުން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރާއްޖެ އަށް ދީފައިވެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ.