އައްޑޫ ބޭނުންވަނީ ރައީސް ޔާމީން ކަހަލަ ވެރިއެއް: މިނިސްޓަރު ސައީދު

އައްޑޫ ރައްޔިތުންނަކީ ތަރައްގީ ބޭނުންވާ ބަޔަކަށްވާތީ، އައްޑޫ ޑިމާންޑް ކުރަނީ ރައީސް އަބްދުﷲ ޔާމީން ކަހަލަ ވެރިއަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހިތަދޫގައި ބޭއްވި "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އައްޑުއަކީ ތަރައްގީގެ ނާރެހެއް ކަމަށެވެ.

"ދިވެހިރާއްޖެ ތަރައްގީ ކުރި އެއްވެސް ޒަމާނެއް އޮތް ނަމަ އެ ޒަމާނެއްގެ އެންމެ ބޮޑު ހިއްސާއެއް އޮންނާނީ އައްޑޫ ސިޓީގައި،" މިރޭގެ ޖަލްސާ އަށް ދިޔަ މީހުންގެ އަދަދު ފެނިވަޑައިގެން ގައިންހީބިހި ނެގިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވި އެވެ. "އައްޑޫ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ވެސް ލޭނާރު. އައްޑޫ ރައްޔިތުންނަކީ އިލްމީ ބައެއް. މަސައްކަތްތެރި ބައެެއް."

މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ކިބައިގައި މިފަދަ ކާމިޔާބު ސިފަތަކެއް ހުރުމާ އެކު، ރައީސް ޔާމިން ކަހަލަ ވެރިއަކަށް އައްޑޫ ވަރަށް ބޮޑަށް ޑިމާންޑް ކުރާ ކަމަށެވެ.

"[ރައްޔިތުން] އައްޑޫ ސިޓީ ކޮމްޕްރަމައިޒެއް ނުކުރާނެ ދެވަނަ މީހަކަށް ދެހާސް އަށާރައަކު. އެހެންވީމާ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ސައީދު ވިދާޅުވި އެވެ. "އައްޑޫ ސިޓީ މިއޮތީ [މި ސަރުކާރާ އެކު] ފައްކާވެފައި. ތައްޔާރަށް މި ސިޓީ މިއޮތީ [ދެން ވެސް] ރައީސް ޔާމީން އިންތިހާބު ކުރުމަށްޓަކައި."

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އެންމެ ތިން އަހަރާއި ބައިގެ ތެރޭގައި ވެރިއަކު ގައުމެއް ބިނާ ކުރެއްވި ގޮތް ފެންނަން މިއޮތީ ކަމަށެވެ. އަދި އޭގެ ވަރަށް ސާފު ހެކިތައް އައްޑޫން ވެސް މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

"ތަރައްގީއަކީ ކޮންކްރިޓް. ޔޭސް. އެހެން ނަމަވެސް ރައީސް ޔާމީން ގަބޫލު ކުރައްވާ ތަރައްގީއަކީ އާއިލާތައް ހަލާކުވެގެން ގޮސް، ވީރާނާވި އާއިލާތަކުގެ ވެލިއުސް އަނބުރާ ގެނައުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އަސުރުމާ

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ބޭފުޅުން އުޅުއްވަނީ ރަސޫލު ޒަމާނުގައި މަގުމަތީގައި ވާހަކަ ކިޔައިދޭން އުޅުނު މީހުން އުޅޭ ގޮތަށް ކަމަށެވެ. އެހެންވެ މި ބޯދާ ވިސްނުމާ އެކު އެ ބޭފުޅުންގެ އަމާޒެއް އަދި ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"މި ތަހުޒީބީ ޒަމާން މިއޮތީ ތަރައްގީކޮށް އިމާރާތް ކުރާ ވެރިންނަށް ފައްކާވެފައި އޮތް ޒަމާނަކަށްވެފައި،" ސައީދު ވިދާޅުވި އެވެ.