ދުންޔާގެ މެސެޖް ފާރިސް އަށް: ކެތްތެރިވެ، ހިތްވަރުގަދަ ކުރޭ

ރައްޔިތުންގެ މަޖިލީހުގެެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަލުން ޖަލަށް ގެންދިއުމާ ގުޅިގެން އެކަމާ އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެއް ބޭފުޅަކީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނެވެ.


މާފުށީ ޖަލުގައި ފާރިސް ހުންނަވައި ޖަލު މަރާމާތު ކުރަމުންދާ ކަމަށް ބުނެ، އޭނާ ގޭ ބަންދަށް ބަދަލު ކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި ދެ ހަފުތާއެއްހާ ދުވަހު ގޭގައި ބެހެއްޓުމަށް ފަހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ފާރިސް އަލުން ޖަލަށް ބަދަލުކޮށްފަ އެވެ.

ދުންޔާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ ކޮއްކޮ ފާރިސް އަނެއްކާ ޖަލަށް ދާން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި މާތް ﷲ ފާރިސަށް ރައްކާތެރިކަމާއި ހިތްވަރު ދެއްވުމަށް ދުންޔާ އެދިވަޑައިގަތެވެ.

މީގެ އިތުރުން ފާރިސް އާއި އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. ހާއްސަކޮށް، ފާރިސްގެ އަނބިކަނބަލުންނާއި ދަރިކަލުންނަނަށް ކެތްތެރިކަން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"ދުއާ މި ކުރަނީ ކުރިއަށް އޮތް މުސްތަގުބަލުގައި ރަނގަޅު ގޮތެއް މެދުވެރިވޭތޯ،" ދުންޔާ ވިދާޅުވި އެވެ.

ގިނަ ތުހުމަތުތަކަކާ އެކު ފާރިސް "ނުހައްގުން" ބަންދުކޮށް، އަދަބު ދެމުންދާ ކަމަށް ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން ވެސް ސަރުކާރާ ގުޅިވަޑައިގެން، ރައީސް އަބްދުﷲ ޔާމީން އަރިހުގައި މަސައްކަތް ކުރައްވާތީ ގިނަ ބައެއްގެ ފާޑުކިއުން ދުންޔާ އަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް ޔާމީންގެ ފަޅީގައި ދުންޔާ ހުންނެވި ސަބަބާ މެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ދުންޔާ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އެއަށް ވުރެ ދަށް މަގާމަކަށް ދުންޔާ ވަޑައިގަތީ، ރައީސް މައުމޫންގެ ނުުރުހުމާ އެކުގަ އެވެ. ސަރުކާރާ ދުންޔާ ގުޅިވަޑައިގަތުމަށް ތާއީދު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.

ފާރިސްގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މަންޒަރު ފެންނަނީ ދައްތަ ޔުމްނާ މައުމޫނެވެ. ނަމަވެސް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން ހުންނެވީ "ހިމޭނުން"ނެވެ. މިއީ ފާރިސްއާ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނެވެ.

ފާރިސްގެ މައްޗަށް ދައުލަތުން ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވައިލުމުގެ ދައުވާ އާއި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އެވެ. މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.