އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު އަަލަށް އުފައްދާ މޯލްޑިވްސް މީޑިއާ ކޮމިޝަން ބިނާވަނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް، ބިލްގައި ހުށަހަޅައިފި އެވެ.


ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް މެމްބަރުުން އިންތިހާބުކުރުމާއި ވަކިކުރުމުގެ ބާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އެކަމަކު މަޖިލިހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ފޮނުއްވި ބިލުގައި ބުނެފައިވަނީ މީޑިއާ ކޮމިޝަންގެ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

ޓީވީ އާއި ރޭޑިއޯގެ ބެލެނިވެރިއެއްގެ ގޮތުގައި މިހާރު އުފަައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުގައި ވެސް ތިއްބަވަނީ ހަތް މެމްބަރުންނެވެ. އެ ކޮމިޝަނަށް މެމްބަރުން ކަނޑައަޅަނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުންނެވެ.

އެކަމަކު މީޑިއާ ކައުންސިލް އެއަށް ވުރެ މާ މިނިވަނެވެ. އެ ކައުންސިލް ބިނާވަނީ 15 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން އަށް މެމްބަރުންނަކީ މީޑިއާތައް ތަމްސީލްކުރާ މީހުންނެވެ. އަނެއް ހަތް މެމްބަރުންނަކީ އާންމުންނެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާއަކުންނެވެ. އެހެންކަމުން މިއީ ސަރުކާރުގެ އަޑު އިއްވުމަށް ވުރެ މީޑިއާތަކުގެ ބާރު އޮންނަ ކައުންސިލެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު މީޑިއާ ކައުންސިލުން ބަލަމުން އަންނަނީ ޕްރިންޓާއި އޮންލައިން މީޑިއާތަކާ ބެހޭ ކަންކަމެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ކޮމިޝަން އެކުލަވާލައި، މެމްބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން ކޮމިޝަންގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ބަދަލުކުރާ މުވައްޒަފުންގެ ތެރޭގައި އޮތް އެންމެ އިސް މެނޭޖްމަންޓަކުންނެވެ. މީޑިއާ ކޮމިޝަން އުފެދުމާ އެކު، އެ ދެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބަދަލުވާނީ މީޑިއާ ކޮމިޝަނަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމެޓީ ބައްދަލުވުމެއްގައި. --- ފޮޓޯ: ނިޝާން އަލީ / މިހާރު

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވަން އެޖެންޑާ ކުރި ބިލުގައި ބުނީ މީޑިއާ ކޮމިޝަނަށް އައްޔަން ކުރަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް މަޖިލީހަށް ފޮނުވަން ވާނެ ކަމަށެވެ. އެގޮތުން ރައީސް ފޮނުއްވާނީ އާންމުކޮށް އިއުލާންކޮށްގެން، ކުރިމަތިލާ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މެމްބަރުން އައްޔަންކުރުން:

- ގާނޫނަށް އަމަލްކުރަން ފަށާތާ 20 ދުވަހުގެ ތެރޭގައި މަޖިލީހަށް ނަންތައް ހުށަހެޅުން

- ނަންތައް ފާސްވާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ އަޣުލަބިއްޔަތުން

- މަޖިލީހަށް ނަންތައް ފޮނުވާތާ 25 ދުވަހުގެ ތެރޭގައި ގޮތެއް ނިންމުން

ބިލުގައި ބުނެފައިވާ ގޮތުގައި މީޑިއާ ކޮމިޝަން މެމްބަރުންގެ ތެރެއިން ރައީސް އާއި ނައިބު ރައީސަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މެމްބަރުން ދެމިތިބޭނެ އެވެ. އެކަމަކު އެއްވެސް މެމްބަރަކަށް ދެ ދައުރަށް ވުރެ ދިގު މުއްދަތަކަށް ނުހުންނެވޭނެ އެވެ.

މީޑިއާ ކައުންސިލްގައި މިހާރު ތިއްބެވި މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި. --- ފޮޓޯ: ނިޝާން އަލީ / މިހާރު

ކޮމިޝަންގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް ނުވުމާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ނުވުން ހިމެނެ އެވެ.

މެމްބަރުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މެމްބަރުން މަގާމުން ވަކިކުރުމުގެ ހުރިހާ ބާރެއް ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލުކުރަންވީ ހަމަތަކާއި ސުލޫކީ މިންގަނޑު މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ބެލެހެއްޓުމެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާ ބެހޭ ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފް ކުރުމަށާއި އެންމެހައި ކަންކަން މިނިވަން އެއް އިދާރާއަކުން ބެލެހެއްޓުމާ ބެހޭ ނިޒާމެއް ތައާރަފް ކުރުމަކީ ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.