އައްޑޫ އާ ހޮސްޕިޓަލަށް ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ލައިފި

އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެތަނަށް ބޭނުންވާ ތަކެތި ހޯދައި އިންސްޓޯލްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީީން ބީލަމަށް ހުޅުވާލައިފި އެވެ.


އެ މިނިސްޓްރީން ބުނީ އާ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ އާއި މެޑިކަލް އިކުއިޕްމަންޓްސް، މެޑިކަލް ފަރުނީޗަރާއި ޓޫލްސް އަދި ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރު ސަޕްލައިކޮށް އެ ތަކެތި އިންސްޓޯލްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 1،500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ޕްރި-ކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 12 އަށް ހަމަވާ އިރު ބިޑް ހުޅުވުން އޮންނާނީ ނޮވެމްބަރު 14 ގަ އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް 161 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި، އެލިއާ ކޮންސްޓްރަކްޝަނާ އެވެ.

އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖޫން މަހު ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލް ވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ހިދުމަތްތައް ލިބޭ މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލަކަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބާއްވަން ހިތަދޫގައި އީސީސީ އިމާރާތްކުރީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އެތަން ހުރީ ބޭނުންނުކުރެވި، ވީރާނާވާން ކައިރިވެފަ އެވެ.