ޚަބަރު / އީޕީއޭ

އެއާޕޯޓު އަޅަން ކުޅި ހިއްކައިފިނަމަ ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް: ރިޕޯޓު

ކުޅުދުއްފުށި: އެ ރަށުގައި އެއާޕޯޓު އެޅުމާމެދު ހިޔާލުވަނީ ތަފާތުވެފައި

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ތައްޔާރުވަމުން އައި ނަމަވެސް ކުޅި ހިއްކައިފި ނަމަ، ވާރޭ ވެހިގެން އެ ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށް، އެއާޕޯޓު ހަދަން ފެނޭތޯ ބެލުމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި އީއައިއޭ ރިޕޯޓުގައި ބުނެފި އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު ހެދުމަށް އެރަށުގެ ބައެއް މީހުންނާއި ބައެއް އާންމުން ދެކޮޅުހެދި ނަމަވެސް، މި އަހަރުގެ ތެރޭގައި އެ މަޝްރޫއު ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަސަރު ދެނެގަތުމަށް އީޕީއޭން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓު މީގެ ދެ ދުވަސް ކުރިން އާއްމު ކޮށްފައިވާ އިރު އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ އެ ރަށުގައި އޮންނަ ބޮޑު ކުޅި ހިއްކާލުމުން، ކުޅި ހިމެނޭ ގުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑު ބައެއް ފަނާވުމެވެ. ތިރީގައި މިވަނީ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކެވެ.

ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ

ކުޅުދުއްފުއްޓަކީ މިހާރު ވެސް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވާ ރަށެކެވެ. އަދި ހާއްސަކޮށް، ރަށުގެ ހުޅަނގު ފަރާތް ހިއްކާފައިވާ އިރު އެ ސަރަހައްދު އުސްވުމުން ރަށަށް ވެހޭ ގިނަ ފެން ޖަމާވަނީ ކުޅިއަށެވެ. ރަށަށް ވެހޭފެން ހިންދުމުގައި މިހާތަނަށް އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ކުޅިކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އެއާޕޯޓުގެ ރަންވޭ އެޅުމަށް ކުޅި ހިއްކައިފިނަމަ ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

"ބޯކޮށް ވާރޭވެހޭ އިރު ރަށުގެ އުތުރު އަދި އިރުމަތީ ފަރާތުގައި ފެންބޮޑުވުމަކީ އާއްމު ކަމެކެވެ. އެކަމަކު އުތުރު ފަރާތުގައި އޮންނަ ކުޅި ހިއްކައިފި ނަމަ، ގުދުރަތީ ގޮތުން ފެން ހިނދެން އޮންނަ ގޮތް ކުޑަވެ، ރަންވޭ އަޅާ ސަރަހައްދުގައި ފެންބޮޑުވުމުގެ ފުރުސަތު އެބައޮތެވެ." އީއައިއޭ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަކީ ވިއްސާރަވިލާތަކާއި ކޮޅިގަނޑުތައް ގިނަ ޒޯނެއް ކަމަށާއި އަދި މީގެ ކުރިން ވެސް ވަރުގަދަ ކޮޅިގަނޑުތައް ކުޅުދުއްފުއްޓަށް ޖެހިފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނީ ގަދަވަޔާއި ބޮޑެތި ބާނިތަކާއެކު އަންނަ ރާޅުތަކުގެ އަސަރު، އެއާޕޯޓު އަޅަން ކަނޑައަޅާފައިވާ ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ރިޕޯޓުގައި ބުނި ގޮތުގައި މި ފަދަ ބޮޑެތި ކޮޅިގަނޑުތަކުން މި ރަށް އެންމެ ބޮޑަށް ހިމާޔަތްކޮށްދެނީ ކުޅި އެވެ.

"އެއާޕޯޓު އަޅައި، މި ތަން އޮންނަ ގޮތަށް ބަދަލުތައް ގެނެސްފި ނަމަ ގުދުުރަތީ ގޮތުން މިހާރު އޮތް މި ހިމާޔަތް ނެތިގޮސް، ފެން ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ." ރިޕޯޓުގައި ބުނެފައި ވެ އެވެ.

ކުޅުދުއްފުށީގެ ނާޒުކުކަމާ ގުޅޭ ގޮތުން އެންވަޔަރްމެންޓް މިނިސްޓްރީ އަށް، ރިޔާން ޕްރައިވެޓް ލިމިޓެޑުން 2013 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ވެސް މިކަން ވަނީ ފާހަގަކޮށްފަ އެވެ.

މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީ ހުޅަނގު ފަރާތް މީގެ ކުރިން ހިއްކުމުގެ ސަބަބުން، ގުދުރަތީ ގޮތުން އޮންނަ ފެން ހިންދާ ނިޒާމު ކުޑަވެ، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

ކުޅުދުއްފުށީ ކުޅި: މިއީ ގުދުރަތީގޮތުން މުއްސަނދި ތަނެއް-- ފޮޓޯ: މިހާޒް

ކުޅި ހިއްކުމުގެ ސަބަބުން ކުޅުދުއްފުށިން ވަޅުފެން ލިބެން ހުރި މިންވަރު މަދުވެ، ފެންލޮނުވުމުގެ މައްސަލަ މާބޮޑަށް ކުރިމަތިވާނެކަން ވެސް އީއައިއޭ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކުޅިއާ އެކު ގުދުރަތީ ގިނަ ދިރުންތަކެއް ނެތިދިއުން

ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މި ފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. ކުޅި ހިއްކައި، އެ ތަނުގައި އެއާޕޯޓު އެޅުން ވާނީ އެ ދިރުންތައް ނައްތާލުން ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ކުޅުދުއްފުށީ ކުޅީގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެކެވެ. އަދި އަހަރުގެ އެކި ދުވަސް މަތިން ކުޅިއަށް އެކި ވައްތަރުގެ ދޫނި ހިޖުރަ ކުރާ އިރު، އީޕީއޭން މިތަން ކަނޑައަޅާފައިވަނީ ނާޒުކު ސަރަހައްދެއްގެ ގޮތުގަ އެވެ. އެކަމަކު މި ތަނުގައި އެއާޕޯޓު އެޅުން ވާނީ މި ހުރިހާ ކަމެއްގެ ހުއްޓުން ކަމަށް ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ކުޅީގައި ބޮނބިފާކޮށްގެން ރޯނު ވަށައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އެ ރަށުގައި އުޅޭއިރު، އެއާޕޯޓުގެ ސަބަބުން އެ މަސައްކަތް ހުއްޓި، އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށަށް ގެއްލުންތައް ލިބުން ހިމެނެ އެވެ.

"މި މަޝްރޫއުގެ ގޮތުންނާއި ކައިރީގައި ހަނިމާދޫ އެއާޕޯޓު އޮތުމުން، މިމަޝްރޫއުން ލިބޭނެ ފައިދާ އަށް ވުރެ ތިމާވެށީގެ ގޮތުން ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ވެއްޓަށް ލިބޭނެ ގެއްލުން އެންމެ ބޮޑަށް ކުޑަކުރެވޭނީ މި މަޝްރޫއު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ނުގެންދިއުމެވެ." އީއައިއޭގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

"އެކަމަކު މި މަޝްރޫއަކީ ގިނަ ރައްޔިތުންގެ ބޭނުމަކަށް ވެފައި، މީގެ ކުރިން ވެސް އެތައް ފަހަރަކު މަސައްކަތްކޮށް، އެކަމަކު ނާކާމިޔާބުވެފައިވާ ކަމަކަށްވާތީ މި ފަހަރު މި މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ." ރިޕޯޓު ހުލާސާކޮށްލަމުން އީޕީއޭން ބުނެފައި ވެ އެވެ.

މި ރިޕޯޓު އާއްމުކޮށް، އާއްމުންގެ ހިޔާލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެކަމަކު މަޝްރޫއު ފެށޭނީ އާއްމުންގެ ހިޔާލަށް ފަހު 30 ދުވަސް ފަހުން ކަމަށް ވިޔަސް، މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ވަނީ އެތަނުން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އިން އެންމެ ފުރަތަމަ ހިއްކާނީ ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދު ކަމަށް ބުނެފަ އެވެ.

54 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 24%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީ މަގޭ ޙިޔާލު

25 October 2017

ކުޅުދުއްފުށީ ކުޅި ނުހިއްކާއެރަށުގެ އެހެންތަނެއްގަ ބިންހިއްކާގެން އެއަރޕޯޓް އެޅުން ބުއްދިވެރި.. ކުޅި ސަރަހައްދުގަ ގެސްޓް ހައުސްތައް އެޅުމުން ރަށުގެ ރައްޔިތުންގެ ފުދުންތެރިކަންވެސް އިތުރުވާނެ.. އިތުރު ވަޒީފާތައްވެސް އުފެދޭނެ.. ސަރުކާރަށް ލިބޭ އާމްދަނީވެސް އިތުރުވާނެ.. މިއީ އަހަރެންގެ ޙިޔާލު..

The name is already taken The name is available. Register?

ހަސަންފުޅު

25 October 2017

ކުޅުދޫފުށީ ރައީތުންގެ އާމު ވޯޓަކުން ތިކަން ނިންމުން އެންމެ ރަގަޅީ .. ރައީތުން ނިންމާ ގޮތަކައް ކަންކުރީމަ އެއޮތީ ރައީތުންގެ ނިންމުން ތަންފީޒް ވެފައި.

The name is already taken The name is available. Register?

55555

25 October 2017

ކުޅުދުއްފުށީ ކުޅި ނައްތާލުމަކީ ޔާމީނު ހިންގާނެ އެންމެ ބޮޑު އިގްތިސާދީ ޖަރީމާ. އެެއީ ރާއްޖޭގައި އޮތް ހަމައެކަނި ހުދު މުށީގެ ކުޅި. ޖަރީމާ ހިންގުން ހުއްޓާލާ. އެެއަރޕޯޓް ބޭނުންމީހުން ހަނިމާދޫ އެއަރޕޯޓް ރަންވޭ މަތީ ތަންމަތި އަޅައިގެން އޮވޭ! ހޭބަލި ވެދާނެ.

The name is already taken The name is available. Register?

ވިނޯދު

25 October 2017

ބަލަ ރަށުގައި ތިބެގެން އާމްދަނީ ލިބޭނެގޮތްވެ ، އަސާސީ ހިދުމަތްތައް ރަށުގައި ގާއިމު ކުރެވުނީމަކާ ދެއިރު ދެދަޅަޔަށް މާލެ ދާކަށެއް ނުޖެހޭނެއެވެ. ކޮންމެހެން އިރުއިރުކޮޅާ މާލެއަށްގޮސް މުޅި އާއިލާއަށް ލިބޭ އާމްދަނީ މާލެއަށް ހަރަދުކުރަން ޖެހޭތަ ؟ ރަށް ހަލާކު ކޮށްނުލައްވާ . ރަށަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމުގެ ބޭނުން ކޮށްގެން ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތަކަށް މަސައްކަތް ކުރައްވާށެވެ. ނޫނީ މުސްތަޤްބަލުގައި ވަރަށް ނިކަމެތިވެދާނެއެވެ. ކަރުނަ އަޅާ ރޯންޖެހިދާނެއެވެ. މުޅިގައުމަށް އެއަރ ޓެކްސީގެ ހިދުމަށް މިއަންނަނީ ފުޅާވެގެންނެވެ.

The name is already taken The name is available. Register?

ސަރީފު

25 October 2017

ނޫސްވެރިން އެބަޖެހޭ ތަރައްގީ ދަސްކުރަން.. ރާއްޖެތެރެއޭ ކިޔާފައި އަބަދު ގޮޑުދޮށައް ބޮޑުކަމުގޮސް ގޮހެއް ނުތިބޭނެ.. ހަމައެގޮތަށް ދަތުރުފަތުރާނުލާ ތަރައްގީ އަކީ މުސްތަހިއްލު ކަމެއް،،

The name is already taken The name is available. Register?

ރަބަރު

25 October 2017

ކޮންމެ ގެއެއްގައި އެއާޕޯޓުހަދަންވީނޫންހެއްޔެވެ؟

The name is already taken The name is available. Register?

ނާސު

25 October 2017

އިލްމަކާ ނުލާ ކުރާ އަމަލްތަކުގެ މިސާލަކީ ތަނބެއް ނެތް ގެއެއްގެ މިސާލު. ތަނބުގެ ބޭނުމަކީ ގެ ކޮޅަށްޖަހަން. ތަނބު ނެތީޢްޔާ ގޭ ފުރޮޅާލާނެ އަދި ގެ އަކު ނޫޅެވޭނެ. އިލްމް ނެތި ކުރާ އަމަލްތައް ވިއްސިވިހާލި ވެގެން ދާނެ. އިލްމް ލިބިގެން އަމަލް ކުރަން ފެށީމަ ހިދާޔަަތް ލިބޭނެ

The name is already taken The name is available. Register?

36699

25 October 2017

ތިއަށްވުރެ ތިލަކޮށްލަބަލަ. ޖާހިލުންނަކަށް ނުވިސްނޭނެ ތިޔަހާ ފުންވެގެންނެއް.

The name is already taken The name is available. Register?

ހަބީބު

25 October 2017

ފެންބޮދުވީމަ ފެންހިއްކަން ދައުލަތައް އަހަރެމެން ޓެކްސްދައްކަފާނަން އާބާދީގެ މާލެފިޔަވާ އެންމެބޮޑުޓެކްސްދައްކަނީ ބޮޑުތިލަދުންމަތިން 3 ވަނައައްޑޫ މީހަގީގަތަކީ

The name is already taken The name is available. Register?

ހުވަދޫމީހާ

25 October 2017

މާލެއިން މިހާރު އެންމެ ގިނަ ޓެކްސް ލިބެނީ. އެކަމަކު މާލެ މިހިސާބަށް އައީ ބޮޑު ތިލަދުންމައްޗާ އައްޑުއާ އެހެން އަތޮޅުތައް 'ފެލައިގެން' ކަމަށްވެސް ގިނަ ބަޔަކު ބުނެއުޅޭ. އެހެންވީމަ މާލެއިން ލިބޭ ޓެކްސް ފައިސާވެސް ވީ އަތޮޅުތަކަށް ހަމައަށް ބަހަން.

The name is already taken The name is available. Register?

އައްޔުބެ

25 October 2017

ތިޔަކުޅިޔަކީ އެއްވެސް އިރެއްގައި ބަޔަކު ހިމާޔަތްކޮށްފައިވާ ތަނެއްނޫން. އެތަނަކީ އެސަރަހައްދުގެ ކުނިގޮނޑު. އެތަނަށް ޒިޔާރަތްކުރާ ދޫނިތައް ހިފުމަކީ އާންމުކަމެއް އަދި ދަރުކޮށާމީހުން ދަރުކޮށާ. މިހާރުވެސް އެތަނުގެ އެއްބައި އެވަނީ ހިއްކާލާފައި. ދިޔަވަރު ބޮޑުވާއިރު ލޮނުވައްދާ ސަރަހައްދުގައި ދުވާނީ ކުޅިފާވަސް. ހުޅަގުއުތުރުން ވައިޖެހޭއިރު ޖަލާލުއްދީން ސްކޫލަށް ތިޔަތަނުގެ ވަހުގެ އުނދަގޫފޯރާ. އެއީ އަޅުގަނޑުމެން ކިޔަވަންއުޅުނު ދުވަސްވަރު ވާކަމެއް.

The name is already taken The name is available. Register?

ކުޅުދުއްފުށިކުޅި

25 October 2017

ހިތާމަކުރަން އަގުހުރި ގުދުރަތީ ތަރިކައެއް ވުޖޫދުން ގެއްލުވާލާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454