ހދ. ކުޅުދުއްފުށީގެ ބޮޑު ކުޅި ހިއްކައި އެތަނުގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމާފައިވާއިރު ކުޅީގައި ހުރި ނެތިދާނެކަމުގެ ބިރު އުފެދިފައިވާ ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ކުޅި ހިއްކައި އެތަނުގައި އެއާޕޯޓެއް އެޅުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތައް ބެލުމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅީގައި ހުރި، ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އެހެން ތަނަކަށް ބަދަލުކޮށް، ހެއްދި ދާނެ އެވެ.
މި ރިޕޯޓާ ހަވާލާދީ ރީޖަނަލް އެއާޕޯޓްސް އިން އީޕީއޭއަށް ފޮނުވި ލިޔުމެއްގައި ބުނީ ރިޕޯޓުގައިވާ ކަންކަން އެތަނުން ބަލާނެ ކަމަށާއި އެ ގޮތުގެ މަތިން، ކުޅީގައި ހުރި ނެތިދާނެކަމުގެ ބިރު އޮތް ދިރުންތައް އެތަނުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނިގޮތުގައި އީޕީއޭއިން ހުއްދަ ދިނުމުން ތިން ހަތަރު މަހެއް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ އެވެ.
ނެތިދާނެކަމުގެ ބިރު އޮތް ގަސްތައް ބަދަލުކުރަން ނިންމާފައިވަނީ ރާއްޖޭގައި ހުރި ކުޅި ފަދަ އެހެން މާހައުލަކަށެވެ. އެފަދަ މާހައުލެއް ދައްކަން ޖެހެނީ އީޕީއޭއިންނެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ.
ކުޅުދުއްފުށީ ކުޅިއަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން "ސެންސިޓިވް އޭރިއާ"އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.
ކުޅި ހިއްކައިގެން ކުޅުދުއްފުށީ އެއާޕޯޓު ހަދަން ނިންމާފައިވާއިރު ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އީޕީއޭއިން ތައްޔާރުކުރި ރިޕޯޓުގައި ވެސް ބުނިގޮތުގައި ކުޅި ހިއްކައިފި ނަމަ އެތަނުގައި ހިމެނޭ ގުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑު ބައެއް ފަނާވާނެ އެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި އަސަރުތައް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، އެ ރަށު ކުޅި ހިއްކުމަށް، އެމްޓީސީސީގެ "މަހާ ޖައްރާފު" މިއަދު ހަވީރު އެ ރަށަށް ދާނެ އެވެ. މިއީ 35 މިލިއަން ޑޮލަރުގެ ކޮންނަ ބޯޓުގެ ފުރަތަމަ މަސައްކަތެވެ.