ސިޔާސީ ޕާޓީތަކަށް، އެންމެ ފަހުން ފައިސާ ދޫކޮށްފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީތަކަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.


މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ޕާޓީތަކަށް ކަނޑައަޅާފައިވާއިރު، އެ ފައިސާ ނުލިބިގެން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް، އެމްޑީޕީން މި މަހު 12ގައި ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. އަދި ފައިސާ ދޫކޮށްފި ކަމަށް މިދިއަ ހަފުތާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވުމުން އެއީ އިތުރުފުޅެއް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން ބުނީ ހަތަރު ޕާޓީއަކަށް 23 މިލިއަން ރުފިޔާ ދޫކުރީ އޮކްޓޯބަރު 22، މިދިޔަ އާދިއްތަ ދުވަހު، ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަންކުރާ ޕީޕީއެމަށެވެ. އެ ޕާޓީ އަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދިން އިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ލިބުނީ 7.4 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް 2.7 މިލިއަން ރުފިޔާ ލިބުނެވެ.

އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އެ ޕާޓީއަށް ފައިސާ ޖަމާކުރިކަން ފިނޭންސް މިނިސްޓްރީ ނުވަތަ އިލެކްޝަންސް ކޮމިޝަނުން ވެސް އަަންގާފައި ނުވާ ކަމަށެވެ.

"މިއީ ސަޕްލިމެންޓަރީ ބަޖެޓަށް ފިނޭންސް މިނިސްޓަރު ވާހަކަ ދައްކަވަން ވެގެން ކުރެއްވި ކަމެއް. އަޅުގަނޑުމެންނަކަށް ނެތް ކުރިއަކުން އަންގާފައެއް ޖަމާކުރި ކަމެއް. އެކަމަކު މިހާރު ޖަމާކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ.